06 Aug 2011, 11:29
ސީޝެލްސްގައި އިއްޔެ ފެށި އަށް ވަނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖޭގެ ދިދަ ހިފައިގެންދިއުމަށް ހަމަޖެހިފައިވާ މުހައްމަދު އަޖްފާނާ ރާއްޖޭގެ ދިދަ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ހަވާލުކޮށްދެއްވައިފި އެވެ.
އިއްޔެ މެންދުރު ސީޝެލްސްގެ ލެމެރީޑީއަން ހޮޓަލުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ހުރިހާ ޓީމުތަކުގެ މެނޭޖަރުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދުވަނީ ޓީމުތަކަށް ހިތްވަރުދެއްވާ ވާހަކަފުޅު ދައްކަވާފަ އެވެ. އަދި ދިވެހިންގެ އަމާޒަކީ ހަމައެކަނި މޮޅުވުން ނޫން ކަމަށާއި ހުރިހާ ކުޅުންތެރިންގެ އަމާޒަކަށްވާންވާނީ އެއްވަނަ ހޯދުންކަމަށް ވެސް ރައީސް ނަޝީދުވަނީ ވިދާޅުވެފަ އެވެ.
"އަޅުގަނޑުމެންގެ އަމާޒަކަށްވާންވާނީ މޮޅުވުން އެކަންޏެއް ނޫން. އަޅުގަނޑުމެންގެ އަމާޒަކަށް ވާންވާނީ ކޮންމެ ކުޅިވަރަކުން ވެސް އެއްވަނަ ހޯދުން. އެއީ އަޅުގަނޑުގެ އެދުމަކީ އަދި ހަމައެފަދައިން ހުރިހާ ކުޅުންތެރިން ވެސް އެގޮތަށް އަޒުމް ކަނޑައެޅުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެއް،" ރައީސް ނަޝީދު ވިދާޅުވިއެވެ.
މިރަސްމިއްޔާތުގައި އޮލިމްޕިކް ކޮމިޓީގެ ރައީސް އިބްރާހިމް އިސްމާއިލްއާއި ޖެނެރަލް ސެކްރެޓަރީ އަހުމަދު މަރުޒޫގްއާއި ރާއްޖޭގެ ކޮންޓިންޖެންޓްގެ ޗެފް ޑިމިޝަން މޫސާ ނާޝިދުގެ އިތުރުން ސަރުކާރުގެ އިސްވެރިންވަނީ ބައިވެރިވެވަޑައިގެންފަ އެވެ.