ގައުމީ ޔުނިވާސިޓީ( އެމްއެންޔޫ)ގެ ފެކަލްޓީ އޮފް ސައިންސް އަށް ޑީންއެއް މިއަދު އައްޔަން ކުރައްވައިފި އެވެ.

ގައުމީ ޔުނިވާސިޓީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ޑީން ކަމަށް އައްޔަން ކޮށްފައި ވަނީ ވޭތުވެދިޔަ ފަސް އަހަރު ވެސް ޑީންގެ މަގާމް ފުރިހަމަކުރައްވާފައިވާ ޑރ. ޝަޒްލާާ މުހައްމަދެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފެކަލްޓީ އޮފް ސައިންސްގެ ޑީން ވިދާޅުވީ މި މަގާމަކީ ވަރަށް ބޮޑު ޒިންމާ އެއްކަމަށާއި މިހާރު ކުރިއަށް ދާ މަސައްކަތަކީ ބެޗްލާ އޮފް ނެޓްވޯކިން އަދި މެރިން ސައިންސްގެ ކޯސްތައް އެކުލަވައިލުމުގެ މަސައްކަތް ކަމަށެވެ.

"ބޭރުގެ ބައެއް ޔުނިވާސިޓީތަކާ އަދި އެހެން ފަރާތްތަކާ އެކީ އެއްބަސްވުންތަކުގައި ސޮއިކުރެވި އެ މީހުންނާ ގުޅިގެން މަސައްކަތްތަކެއް ކުރަމުން މި ދަނީ،" އޭނާ ވިދާޅުވި އެވެ.

ޑީން ވިދާޅުވީ މިހާރު ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ޖާގައިގެ ދަތިކަން ކަމަށާއި ލެބޯޓްރީ ފަދަ ތަންތަން ބޭނުންވާ ވަރަށް ނެތުން ކަމަށާއި އެކަން އަވަސް މުސްތަގްބަލެއްގައި ހައްލު ކުރާނެކަމަށެވެ.

ޑރ.ޝަޒްލާ އެންމެ ފުރަތަމަ ފެކަލްޓީ އޮފް ސައިންސްގެ ޑީން ކަމާއި ހަވާލުވެއްލެއްވީ 2013 ވަނަ އަހަރުގެ ނޮވްމްބަރު މަހުގެ 12 ވަނަ ދުވަހު އެވެ.