ނަބީބޭކަލުންނާ މެދު މާތްﷲ ގެ ސުންނަތަކީ އެބޭކަލުން ފޮނުއްވޭ ޤައުމެއްގެ މީހުން އެބޭކަލުން ޤަބޫލޫނުކޮށްފިނަމަ ކޯފާގެ ޒަރީޢާއިން އެބަޔަކު ހަލާކުކުރެއްވުމެވެ. މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ކުރިން ނަބީބޭކަލުން ފޮނުއްވުނު ވަރަށް ގިނަ ޤައުމުތައް ވަނީ ހަލާކުކުރައްވައިފައެވެ. ނަބީބޭކަލުންނަށް އިންކާރު ކުރުމުގެ ސަބަބުންނެވެ. ހަލާކުކުރައްވައިފައިވެއެވެ. މާތްﷲ ގެ ރަޙްމަތްވަންތަކަމުން އެކަލާނގެ މިންވަރުކުރައްވައިފައިވާ ފަދައިން މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ފޮނުއްވިއެވެ. އެމާތްސާހިބާއަށް ފަހު އިސްވެ ދެންނެވި ކޯފާލެއްވުމުގެ ސިލްސިލާ މެދުކެނޑުއްވުމަށްޓަކައެވެ. އެކަލޭގެފާނަކީ ޢާލަމްތަކަށްހުރި ރަޙްމަތެއްކަމުގައި ކީރިތި ޤުރުއާނުގައި ވަނީ ބަޔާންކުރައްވައިފައެވެ. (އަލްއަންބިޔާއު:107) ތިރީގައި މިބަޔާންކުރަނީ އިސްވެ ދެންނެވި އާޔަތުގެ ތަފްސީރުގައި ބައެއް މުފައްސިރުން ފާޅުކުރައްވައިފައިވާ ޚިޔާލުފުޅުތަކެވެ.

މިއާޔަތުގެ ތަފްސީރުގައި ޢަބްދުﷲ ބިން ޢައްބާސް ރަޟިޔަﷲ ޢަންހުމާ ވިދާޅުވެފައިވެއެވެ. "މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ އަކީ އެންމެހައި އިންސާނުނަށްޓަކައި ރަޙްމަތެކެވެ. އެކަލޭގެފާނަށް އީމާންވެ އެކަލޭގެފާނުގެ ބަސްފުޅު ތެދުކޮށްފިމީހާ ބާއްޖަވެރިކަން ލިބިގެންފިއެވެ. އެކަލޭގެފާނަށް އީމާންނުވި މިހާވެސް އެހެނިހެން ޤައުމުތަކަށް ކުރިމަތިވި ފަދައިން ބިންގަނޑުގެ ތެރެއަށް ގަންބަވައިގެންނުމާއި ޣަރަޤުކުރެއްވުންފަދަ ޢަޛާބުތަކުން ސަލާމަތް ވެއްޖެއެވެ." (އަލްޖާމިޢުލިއަޙްކާމިލްޤުރުއާން : 11/350)

ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް އިންކާރުކުރި މީހަކަށް ލެއްވި ރަޙްމަތަކީ ކޮބައިތޯ ސުވާލު ކުރެވުނުނަމަ އޭގެ ޖަވާބަކީ އިބްނު ޖަރީ، ޢަބްދުﷲ ބިން ޢައްބާސް ރަޟިޔަﷲ ޢަންހުމާގެ އަރިހުން ރިވާކުރެއްވި ޖަވާބެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ﷲ އަށާއި އާޚިރަތް ދުވަހަށް އީމާންވެއްޖެ މީހާއަށްޓަކައި ދުނިޔެއާއި އާޚިރަތުގައި ރަޙްމަތް ލިޔުއްވިއްޖެއެވެ. ﷲ އަށާއި އާޚިރަތް ދުވަހަށް އީމާންނުވި މީހާ އިސްވެދިޔަ އުންމަތްތަކަށް ފޮނުއްވިފަދަ ގަންބަވައިގެންނެވުމާއި ހިލައިގެ ވާރޭ ވެއްސެވުންފަދަ ޢަޛާބުތަކުން ސަލާމަތްވެއްޖެއެވެ." (މުޚުތަޞަރު ތަފްސީރު އިބްނު ކަޘީރު : 2/525)

ރަޙުމަތުގެ ނަބިއްޔާގެ ދައުރު ދުނިޔެއަށް ގެންނެވުމަކީ ހަމައެކަނި ޢައްޔަންކުރެއްވުމުގެ މައްސަލައެއް ނޫނެވެ. އެއީ އާތާރީޚެއް އުފެއްދެވުމެވެ. އެކަމަށްޓަކައި ރަޙުމަތުގެ ނަބިއްޔާ ބޭނުންފުޅުވީ ވަރުގަދަ ޓީމެއްގެ އެހީތެރިކަމެވެ. އަސްބާބުތަކުގެ ދާއިރާގައި ބޭނުންފުޅުވާ ހުރިހައިކަމެއް ފުރިހަމަވުމެވެ. ބޭނުންވެފައިވާ އިންޤިލާބު ދުނިޔެއަށް އައުމަށްޓަކައެވެ.ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެ ޞަޙާބީން އެބޭކަލުންގެ މަތިވެރި ވިސްނުންފުޅާއި އިންތިހާ ދަރަޖައިގެ ޤުރްބާނީގެ ޒަރީޢާއިން އިސްވެ ދެންނެވިފަދަ ވަރުގަދަ ޓީމެއްކަމުގައި ވެވަޑައިގެންނެވިއެވެ. ރަޙުމަތުގެ ނަބިއްޔާގެ މަޝްރޫޢު ޢަމަލީގޮތުން ތަންފީޒުކުރެއްވިއެވެ.

ކީރިތި ޤުރުއާނުގައި ވަޙީ ކުރައްވައިފައިވާ ގޮތުގައި މިދުނިޔެއަކީ އިމްތިޙާނުގެ ދުނިޔެއެކެވެ. މިދުނިޔޭގައި އިންސާނާއަށް މިނިވަންކަން ދެއްވުމަށްފަހު ބައްލަވައި ވޮޑިގަންނަވަނީ ހެޔޮއަމަލު ކުރަނީ ކާކުކަމެވެ. ނުބައި ޢަމަލުކުރަނީ ކާކުކަމެވެ. އިންސާނުންގެ އަބަދުގެ ނިމުމާމެދު ނިޔާކަނޑައަޅުއްވަނީ އެ ރެކޯޑުތަކުގެ މައްޗަށް ބިނާކުރައްވައިގެންނެވެ. މާތްﷲ ގެ ނަބީބޭކަލުން ވަޑައިގެންނެވީ އިންސާނުންނަށް މިދެބާވަތުގެ ދިރިއުޅުމުގެ ޚަބަރުދެއްވުމަށެވެ.އެންމެ ފަހުގެ ނަބިއްޔާގެ މައްޗަށް ނަބީކަމުގެ ސިލްސިލާ ނިންމަވައިލެއްވުމަށްފަހު މާތްﷲ މިންވަރު ކުރައްވައިފައިވަނީ އެންމެ ފަހުގެ ނަބިއްޔާ ގެންނެވި ދީން ނަބީބޭލުންގެ ޝަޚްޞިއްޔަތުގެ ބަދަލުކަމުގައި ލެއްވުމަށެވެ. އެންމެ ފަހުގެ ނަބިއްޔާ ގެންނަވައިފައިވާ ފޮތް މީސްތަކުންނަށް ތެދުމަގު ލިބުމުގެ ޒަރީޢާއެއް ކަމުގައި ލެއްވުމަށެވެ.

މިދެންނެވި ކަންކަމުގެ އެކަށޭނަކަން ލިބޭންއޮތީ މާތްﷲ ގެ ދީނަކީ އަބަދަށްޓަކައި ރައްކައުތެރި ކުރެވިފައިވާ ދީނެއްކަމުގައި ވެގެންނެވެ. އިސްވެދިޔަ ޒަމާންތަކުގައި އެކަމުގެ އެކަށޭނަކަން ލިބިފައެއް ނުވެއެވެ. އެހެނީ އަސްބާބުތަކުގެ ދުނިޔޭގައި ނަބީބޭކަލުންނަކަށެއް އެބޭކަލުން ގެންނެވި ދީން ޙިމާޔަތްކުރައްވައި ރައްކައުތެރިކުރެއްވުމުގެ އިންތިޒާމް ކުރައްވޭ ވަރަކަށް އެކުވެރީން ލިބިވަޑައިއެއް ނުގެންނެވިއެވެ. ކޮންމެ ނަބީބޭކަލަކަށްފަހު އެބޭކަލަކު ގެންނެވި ދީން ދުނިޔެއިން ފޮހެވެމުންދިޔައީ އެހެންވެގެންނެވެ. އިސްވެދިޔަ ނަބީބޭކަލުންކުރެ އެއްވެސް ނަބީބޭކަލެއްގެ ތާރީޚެއް މިއަދަކު ނެތެވެ. އެއްވެސް ނަބީބޭކަލަކު ގެންނެވި ފޮތެއް ރައްކައުތެރި ކުރެވިފައެއް ނެތެވެ.

ނަބީބޭކަލުން ގެންނަވާ ދީނާއި ފޮތް ރައްކާތެރިކުރުމަށްޓަކައި ބޭނުންވަނީ މާތްﷲ ގެ ދީން ހުސް ނަޡަރިއްޔާއެއްގެ ފެންވަރުން ޢަމަލީ އިންޤިލާބެއްގެ ފެންވަރަށް ގެނެވުމެވެ. އެކަމަށްޓަކައި ބޭނުންވަނީ ދީނާ އިދިކޮޅު ބާރުތައް ކަނޑުއްވައިލެއްވުމެވެ. ކުރިމަގުގައި ކަންހިނގައިދިޔަ ގޮތަށް އެދީން ނައްތައިލުމުގައި އެއްވެސް ބަޔަކަށް ކާމިޔާބު ނުހޯދޭނެގޮތުންނެވެ. އެކަމަށްޓަކައި ބޭނުންވަނީ މާތްﷲގެ ދީނުގެ ބިންގަލުގެމަތީގައި ފުރިހަމަ ތާރީޚެއް ވުޖޫދަށް އައުމެވެ. މާތްﷲގެ ދީނުގެ ފަހަތުގައި ޢަމަލީ ނަމޫނާއެއް ފެންނާން އޮތުމަށްޓަކައެވެ. އެނަމޫނާ ހުރިހާ ދައުރުތަކެއްގެ އިންސާނުންނަށް މަގުދައްކަމުން ގެންދިޔުމަށްޓަކައެވެ.

ޝައްކެއްނެތްގޮތުގައި މި މަޝްރޫޢަކީ ތާރީޚުގެ އެންމެ އުނދަގޫ މަޝްރޫޢެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެ ސަޙާބީން އެކަލޭގެފާނާ ބައިވެރިވެވަޑައިގެން އެ މަޝްރޫޢު ފުރިހަމަ ކުރެއްވިއެވެ. ހުރިހާ ބާވަތެއްގެ ހުރަސްތަކަކާއި، އުނގޫތަކަކާ އެކުގައެވެ. އެކަމަށްޓަކައި އެބޭކަލުން އެބޭކަލުންގެ ވަޒަނާއި، ގާތްތިމާގެފުޅު ބޭފުޅުން ދޫކޮށްލެއްވިއެވެ. އިތުރު ސާހިބާ އިސްލާމްދީނާއިގެން ވަޑައިގަތުމުން ޤުރައިޝުން އެކަލޭގެފާނާ ދުޝްމަނުވިއެވެ. ނަމަވެސް ޞަޙާބީން އެބޭކަލުންގެ ފުރާނަފުޅުތަކާއި އެބޭކަލުންގެ މުދާ ހޭދަކުރައްވައިގެން ރަސޫލާއަށް މަދަދުދެއްވިއެވެ. ހަނގުރާމައިގެ މައިދާނުގައި އިތުރު ސާހިބާގެ ގައިކޮޅަށް ދުޝްމިނުން ދުނީގެ ވާރޭ ވެއްސެވިއެވެ. ނަމަވެސް ޞަޙާބީން ހަތަރުފަރާތުން އެކަލޭގެފާނު ވަށައިލައްވައިގެން އެކަލޭގެފާނު ދިފާޢުކުރެއްވިއެވެ. ޞަޙާބީންގެ ހަށިކޮޅުތަކަށް ހެރެމުންދިޔަ ދުނިތަކުގެ ގިނަކަމުން އެބޭކަލުންގެ ހަށިކޮޅުން ކަށިތަކެއް ފަޅައިފައި ހުރިހެން ހީވިއިރުވެސް އެގޮތުގައި ސާބިތުވެ ތިއްބެވިއެވެ. މާތްﷲ ގެ ރަސޫލާ ދޫކޮށެއް ނުލެއްވިއެވެ. ރޯމާއި އީރާނުގެ ބާރުގަދަ ދެ ރަސްކަލުން މާތްﷲ ގެ ދީނާ ދުޝްމިންވެވަޑައިގަތެވެ. ރަސޫލާގެ ޞާހާބީން އެގަދަފަ ފަރުބަދަތައް ކުދިކުދި ކޮށްލެއްވިއެވެ.

ޞަޙާބީން އިތުރު ސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުގައި ހުރިހާ ރޮނގަކުން ޤުރްބާންވެ ވަޑައިގެންނެވިއެވެ. މާތްﷲގެ ސުންނަތާ އެއްގޮތަށް ނަބީބޭކަލުންގެ ސިލްސިލާ މެދުކެނޑުއްވުމަށްޓަކައި ބޭނުންވާ ތާރީޚި ޙާލަތު އުފެއްދެވިއެވެ. ދުނިޔަވީ ހަލާކުން އިންސާނިއްޔަތު ސަލާމަތްވުމަށް ބޭނުންވާ ވެށި ތައްޔާރުކުރެއްވިއެވެ. އެބޭކަލުންގެ މިންނެތް މަސައްކަތްޕުޅުންނެވެ.

ޝައްކެއްނެތެވެ. ރަޙްމަތުގެ ނަބިއްޔާގެ ނަބީކަން ދުނިޔޭގައި ޤާއިމުކުރެއްވުމަކީ އިލާހީ ރޭއްވެވުމެކެވެ. އަސްބާބުތަކުގެ ދުނިޔޭގައި އެ މަޝްރޫޢު ފުރިހަމަކުރެއްވީ އިތުރު ސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެ ޞަޙާބީންނެވެ. އަރަހުށި މާތްﷲ އެބޭކަލުންނަށް ރުއްސުންލައްވާށިއެވެ.