ކަނޑުދަތުރުކުރާ އުޅަނދު ބަނުމަށް މަގުބޫލު އަލްޝާލީ މެރިން މޯލްޑިވްސް އާއި ޑޫސާން އިންބޯޑް މެރިން އިންޖީނު ވިއްކާ ވީއޭއެމްކޯ އިން ގުޅިގެން މަސައްކަތް ކުރުމަށް އެމްއޯޔޫއެއްގައި ސޮއިކޮށްފި އެވެ.

މިއަދު ޗަމްޕާ ސެންޓްރަލް ހޮޓެލްގައި ބޭއްވި ރަސްމިއްޔާތެއްގައި އަލްޝާލީ މެރިން މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އޮޕަރޭޝަންސް މެނޭޖާ އިސްމާއިލް ޝަރީފެވެ. ވީއޭއެމްކޯގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓާ އަހްމަދު ޒުބައިރު އާދަމެވެ.

އެ އެއްބަސްވުމުގެ ދަށުން އަލްޝާލީ މެރިންގެ އައިލެންޑް ހޮޕާ 50 ދޯނިތަކާއި ވީއޭއެމްކޯގެ ޑޫސާން މެރިން އިންޖީނު އެކުގައި ވިއްކުމަށް ހަމަޖެހިފައިވާ ކަމަށް އެ ދެކުންފުނިން ބުނެ އެވެ. މި އެއްބަސްވުމާ އެކު އައިލެންޑް ހޮޕާ 50ގައި ޑޫސާން މެރިން އިންޖީނު އަޅައިގެން ވިއްކާނެ އެވެ.

ވީއޭއެމްކޯ އަދި އަލްޝާލީ މޯލްޑިވްސް އިން ބުނީ މާކެޓްގައި ކުރި މިފަދަ އުފެއްދުންތަކާ އަޅާ ބަލާއިރު އެ ދެކުންފުނިން ގުޅިގެން މިކުރާ މަސައްކަތުގެ އަގު ހެޔޮވާނެ ކަމަށެވެ.

ވީއޭއެމްކޯ އަކީ މެރިން އިންޖީނާ އެއާ ގުޅުންހުރި އިކުއިޕްމެންޓްސް ވިއްކާ ކުންފުންޏެކެވެ. އަލްޝާލީ މެރިން އަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވިޔަފާރި ކުރަމުންދާ ކުންފުންޏެކެވެ. އަލްޝާލީ މޯލްޑިވްސް އަކީ އަލްޝާލީ މެރިން އާއި ރާއްޖޭގެ ކޯސޓްލައިން ގުޅިގެން އުފައްދާފައިވާ ކުންފުންޏެކެވެ. އެ ކުންފުނިން ކުރާ މައިގަނޑު މަސައްކަތަކީ ކަނޑު އުޅަނދުފަހަރު ބަނުމުގެ މަސައްކަތެވެ.