ޖިއްދާ (އޮގަސްޓް 6) : ސަޢޫދީ ދާޚިލީ ވަޒީރު އަދި ސަޢޫދީ ރަސްގެފާނުގެ އެއްބަފާ ކޮށްކޯފުޅު އަލްއަމީރު ނާއިފް ބިން ޢަބްދުލްޢަޒީޒްގެ ޖިއްދާގައި ހުންނަ ގަނޑުވަރަށް، ހަތިޔާރު އަޅައިގެން ހުރި މީހަކު ބަޑިން ޙަމަލާތަކެއް ދީފި އެވެ.

ޖިއްދާގެ ފުލުހުންނާ ޙަވާލާދީ ސަޢޫދީ ނޫސް އެޖެންސީ ބުނި ގޮތުގައި ހަތިޔާރުއަޅައިގެންހުރި މިމީހާ ނާއިފްގެ ގަނޑުވަރަށް ޙަމަލާދިނީ ސަޢުދީ ގަނޑިން ރޭ މެންދަމު އެކެއްޖެހިއިރު އެވެ. މިޙަމަލާ އަރާފައި ވަނީ އެގަނޑުވަރުގެ ގާޑުންތިބޭ ޗެކް ޕޮއިންޓަށެވެ. މިޙަމަލާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާކަމަށާއި ޙަމަލާ ދިންތާ ކުޑައިރުކޮޅެއްގެ ތެރޭގައި ގަނޑުވަރުގެ ގާޑުން ރައްދު ޙަމަލާދީ ހަތިޔާރުއެޅިމީހާ މަރާލާފައިވާ ކަމަށް ޖިއްދާގެ ފުލުހުންނާ ޙަވާލާދީ ސަޢޫދީ ނޫސް އެޖެންސީ ބުނެފައިވެ އެވެ.

އަލްއަމީރު ނާއިފަކީ އަލްޤާޢިދާ ޖަމާޢަތާ ދެކޮޅަށް 2003 އިން 2006 އަށް ސަޢޫދީ ސަރުކާރުން ހިންގި ޓެރަރިޒަމާ އިދިކޮޅު އޮޕަރޭޝަންތަކުގެ ވެރިއަކަށް ހުންނެވި ސިޔާސީ ފަރާތެވެ. ނާއިފްގެ ދަރިކަލުން މުޙައްމަދު ބިން ނާއިފަކީ ޓެރަރިޒަމާ ދެކޮޅަށް ސަޢޫދީ ސަރުކާރުން ހިންގާ ޓެރަރިޒަމާ އިދިކޮޅު ޕްރޮގްރާމް ވިލަރެސްކުރާ ފަރާތެވެ.

މީގެ ދެއަހަރުކުރިން މުޙައްމަދު ބިން ނާއިފް އަވަހާރަކޮށްލުމަށް ހަތިޔާރު އެޅި މީހަކު ޖާނުގޮއްވާލުމުގެ ޙަމަލާއެއް ދީފައިވެއެވެ. ނަމަވެސް އެޙަމަލާއިން މުޙައްމަދުވަނީ ސަލާމަތްވެ ވަޑައިގެންފައެވެ. (އަލްޖަޒީރާ)