20 Nov 2017, 10:34
އިންޑޮނޭޝިޔާގެ ޔޮގޮޔަކާޓާގައި މިމަހުގެ 24 އިން 29އަށް ބާއްވާ ބައިނަލްއަގްވާމީ އެތުލެޓިކްސް ފެޑެރޭޝަން، އައިއޭއޭއެފް ލެވެލް ދޭއް ކޯޗާސް ލެކްޗަރާ ކޯހުން ރާއްޖޭގެ އެތުލެޓިކްސް ކޯޗު މޫސާ ރަޝީދަށް ފުރުސަތު ލިބިއްޖެއެވެ.
މޫސާ ރަޝީދަށް މިފުރުސަތު ލިބިފައިވަނީ މީގެ ކުރިން އޭނާ ހިންގާފައިވާ ކޯޗިން ކޯސްތައް އިވެލުއޭޓް ކުރުމަށްފަހު މިސަރަހައްދުގެ އެންމެ ރަނގަޅު ލެކްޗަރާއިންގެ ތެރޭގައި މޫސާ ފާހަގަކުރެވިފައި ވާތީއެވެ.
މޫސާ ރަޝީދު ވަނީ 2016 ވަނަ އަހަރުގެ މެއި މަހު އައިއޭއޭއެފް ލެވެލް އެކެއް ލެކްޗަރާ ކޯސް ފުރިހަމަ ކޮށްފައެވެ. އަދި އޭގެ ފަހުން 2016 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު، ސްރީ ލަންކާގައި ބޭއްވި އައިއޭއޭއެފް ކޯޗާސް ކޯހުގައި ކިޔަވައި ދީފައެވެ.
މޫސާ ރަޝީދުގެ އެތުލެޓިކްސް ކޯޗިން ތަޖުރިބާއަށް ބަލާއިރު އޭނާ ވަނީ އައިއޭއޭއެފް ލެވެލް އެކެއް، ލެވެލް ދޭއް، ލެވެލް ތިނެއް، އަދި އޭއޭއެފް އެލީޓް ކޯޗިން ކޯސް ފުރިހަމަކޮށްފައެވެ. އަދި ގައުމީ ލެވެލްގެ ގިނަ އެތުލެޓިކްސް ކޯޗިން ކޯސްތައް ރާއްޖޭގެ އެކި ކަންކޮޅުގައި މޫސާ ވަނީ ހިންގާފައެވެ. މީގެ އިތުރުން ރާއްޖޭގެ ގައުމީ އެތުލެޓިކްސް ޓީމްގެ ހެޑް ކޯޗް ކަމާއި އެސޯސިއޭޝަންގެ ނާއިބް ރައީސްގެ މަގާމުވެސް މޫސަ ވަނީ އަދާކޮށްފައެވެ.