ހުނަރުވެރި އެކްޓަރު ޒާއިރާ ވަސީމްގެ ދެވަނަ ފިލްމު 'ސީކްރެޓް ސުޕަރސްޓާ'ގައި އަދާކޮށްފައިވާ ފުރިހަމަ ރޯލަށް ގައުމީ އެވޯޑެއް ލިބިއްޖެ އެވެ.

މިއީ ޒާއިރާއަށް ގައުމީ އެވޯޑެއް ލިބުނު ދެވަނަ ފަހަރެވެ. އޭނާގެ ފުރަތަމަ ފިލްމު 'ދަންގަލް' އިން އޭނާއަށް އެންމެ މޮޅު ޗައިލްޑް އެކްޓަރުގެ ގައުމީ ފިލްމު އެވޯޑު ވަނީ ލިބިފައެވެ.

'ސީކްރެޓް ސުޕަރސްޓާ' އިން ވެސް ޒާއިރާ މިވަނީ ބެސްޓް ޗައިލްޑް އެކްޓަރުގެ އެވޯޑު ހޯދައިފައެވެ. ކުޑަކުދިންގެ ދުވަހާ ދިމާކޮށް އިންޑިއާގެ ވެރި ރަށް ނިއު ދިއްލީގައި ބޭއްވި ރަސްމިއްޔާތުގައި ޒާއިރާއަށް އެވޯޑު ހަވާލުކުރީ އިންޑިއާގެ ރައީސް ޝްރީ ރާމް ނާތު ކޯވިންދް އެވެ.

އެވޯޑަށް ފަހު ޒާއިރާ ބުނެފައި ވަނީ އޭނާގެ މަސައްކަތުގެ އަގު ވަޒަން ކުރުމަކީ ލިބޭ ހިތްވަރެއް ކަމަށެވެ. ޚާއްސަކޮށް އަންހެނުންނާއި ކުޑަކުދިންގެ ހައްގުތައް ހޯދައިދިނުމަށް މަސައްކަތް ކުރުމަށް ލިބޭ ބާރެއް ކަމަށެވެ.

'ސީކްރެޓް ސުޕަސްޓާ' ވަނީ ބޮކްސް އޮފީހުގައި ކާމިޔާބު ހޯދައިފައެވެ. އޭގެ އިތުރުން ކްރިޓިކްސްގެ ފަރާތުން ވެސް ފިލްމަށް ބޮޑު ތަރުހީބެއް ލިބިގެން ދިޔައެވެ. ޚާއްސަކޮށް ފިލްމުގައި ޒާއިރާ އަދާކޮށްފައިވާ ރޯލަށެވެ.

އެއީ ލަވަކިޔުންތެރިއަކަށް ވުމުގެ ހުވަފެން ދެކެމުން އަންނަ މުސްލިމް އަންހެން ކުއްޖެއްގެ ހަޔާތުގެ މައްޗަށް އުފައްދާފައިވާ އަސަރުގަދަ ފިލްމެކެވެ.