20 Nov 2017, 09:50
ސަންޖޭ ލީލާ ބަންސާލީގެ ފިލްމު 'ޕަދްމާވަތީ' އާ ދެކޮޅަށް ވަރުގަދަ މުޒާހަރާތަކެއް ކުރަމުން ދަނިކޮށް ފިލްމު ރިލީޒް ކުރުން ފަސްކޮށްފި އެވެ.
ދީޕިކާ ޕަދުކޯން، ޝާހިދު ކަޕޫރު އަދި ރަންވީރު ސިންގ ލީޑު ރޯލުތަކުން ފެނިގެންދާ އެ ފިލްމު ރިލީޒް ކުރުމަށް ކުރިން ހަމަޖައްސާފައި އޮތީ އަންނަ މަހުގެ ފުރަތަމަ ދުވަހު އެވެ.
ނަމަވެސް ފިލްމު ޕްރޮޑިއުސް ކުރި ވަޔާކޮމް 18 މޯޝަން ޕިކްޗާޒް އިން އިއްޔެ ނެރުނު ބަޔާނެއްގައި މިވަނީ ފިލްމު ރިލީޒް ކުރާ ތާރީޚު ފަސްކުރަން ނިންމާފައިވާ ކަން ހާމަކޮށްފަ އެވެ. ދެން ފިލްމު ރިލީޒް ކުރާނެ ތާރީޚެއް ހާމަކޮށްފައެއް ނުވެ އެވެ.
ފިލްމު ރިލީޒް ކުރުން ފަސްކޮށްފައި މިވަނީ އިންޑިއާގެ ފިލްމު ސެންސަރު ބޯޑުން 'ޕަދްމާވަތީ' އަނބުރާ ފޮނުވާލާފައި ވަނިކޮށެވެ. ފިލްމު އަނބުރާ ފޮނުވާލީ އެޕްލިކޭޝަން ފޯމުގައި ބައެއް މައުލޫމާތު ފުރިހަމަ ނުވާތީ އެވެ.
ޝޫޓިން ފެށި ހިސާބުން ވެސް ފިލްމަށް ވަނީ ބޮޑެތި ފިއްތުންތަކެއް ކުރިމަތިވެފަ އެވެ. ޑައިރެކްޓަރު ބަންސާލީ އަށް ހަމަލާ ދިނުމުގެ އިތުރުން ފިލްމުގެ ސެޓުތަކަށް ވެސް ވަނީ ގެއްލުން ދީފަ އެވެ.
ފިލްމުގައި ތާރީޚު އޮޅުވާލާފައިވާ ކަމަށް ބުނެ ފިލްމާ ދެކޮޅަށް މުޒާހަރާ ކުރަމުން އަންނަ ރާޖްޕުތު ކަރްނީ ސޭނާ އިން ވަނީ އެ މީހުންނަށް ނުދައްކާ ފިލްމު ރިލީޒްކޮށްފި ނަމަ ސިނަމާތައް ރޯކޮށްލާނެ ކަމަށް ބުނެ އިންޒާރު ދީފަ އެވެ.
އަދި ފިލްމުގެ ޓްރެއިލާ ދެއްކި ސިނަމާއަކަށް ވެސް ވަނީ ގެއްލުން ދީފަ އެވެ. އޭގެ އިތުރުން ފިލްމު ރިލީޒް ކުރުން ހުއްޓުވުމަށް ސުޕްރީމް ކޯޓަށް ވަނީ ޕެޓިޝަނެއް ވެސް ހުށަހަޅައިފަ އެވެ. ނަމަވެސް ކޯޓުން ވަނީ އެ ޕެޓިޝަން ބޭރުކޮށްލައިފަ އެވެ.