ޑޭވިޑް ދަވަން ޑައިރެކްޓްކޮށް މިދިޔަ ސެޕްޓެމްބަރު މަހުގެ ފަހުކޮޅު ނެރުނު "ޖުޅްވާ 2" ކުރީގެ ގޮތަށް ފިލްމާ އެއްގޮތަށް ހެދިނަމަ ނުހިނގާނެ ކަމަށް ފިލްމުގެ ބަޠަލް ވަރުން ދަވަން ބުނެފިއެވެ.

ވަރުން ބުނީ ޖުޅްވާގެ ސްޓައިލަށް "ޖުޅްވާ2" ނުހެދުނުކަމީ ހަމަ ނަސީބެއްކަމަށެވެ.

"ކޮންމެ ފިލްމެއްގައިވެސް ހުންނަން ޖެހޭނެ މެސެޖުތަކެއް. އެއިން އިބްރަތް ހާސިލް ކުރަންޖެހޭނެ. އެކަހަލަ ފިލްމެއް އެންމެންވެސް ބަލައިލަން ބޭނުންވާނީ. ޖުޅްވާ2 އެއީ ހުރިހާ ރަހަތަކެއް އެކުލެވޭ މޮޅު ފިލްމެއް. ޖުޅްވާ އާ ހިލާފަށް އެ ފިލްމަކީ މާ ހެޕަނިންގ ފިލްމެއް. މީގެ 20 އަހަރު ކުރިން ޖުޅްވާ ނުކުތީ. ދެން އެ ސްޓައިލަށް ފިލްމް ހެދީމަ ނުހިގާނެދޯ؟،" އޭނާ ބުންޏެވެ.

'ޖުޅްވާ 2' އަކީ 1997 ވަނަ އަހަރު ނުކުތް، ސަލްމާން ޚާންގެ ކާމިޔާބު ފިލްމު 'ޖުޅްވާ'ގެ ސީކުއެލް އެވެ. ކާމިޔާބު އެކްޓަރު ވަރުން އާއެކު ފިލްމުގެ ލީޑު ރޯލުތަކުން ފެނިގެން ގޮސްފައި ވަނީ ޖެކްލީން ފާނަންޑޭޒް އާއި ތާޕްސީ ޕަންނޫ އެވެ.

'ޖުޅްވާ2" ވެގެން ގޮސްފައިވަނީ އަހަރުގެ އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރެއިން ފިލްމަކަށެވެ.