06 Aug 2011, 10:52
ނ. ހޮޅުދޫ ގެއަކަށް ވަގުން ވަދެ ގިނަ އަދަދެއްގެ ފައިސާ ވަގަށް ގެން ގޮސްފި އެވެ.
ވަގުން ވަދެފައި ވަނީ ހޮޅުދޫ ކަސްމީރު ގެއަށެވެ. އެ ގެއިން ބައިލައްކައަށް ވުރެ ގިނަ ރުފިޔާ ވަގަށް ނެގި ކަމަށް ވެއެވެ.
ފުލުސް މީޑިއާ އޮފިޝަލު ސަބް އިންސްޕެކްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވީ ހޮޅުދޫ ގެއަކަށް ވަގުން ވަދެ "ގިނަ އަދަދެއްގެ ފައިސާ ވަގަށް ގެންދިޔަ" ކަމަށް ރިޕޯޓް ކުރީ މިދިއަ ހޯމަ ދުވަހު ކަމަށާއި އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ހޮޅުދޫ ކައުންސިލުގެ ނައިބު ރައީސް އަހުމަދު ހަމްދާން ވިދާޅުވީ މައްސަލަ ފުލުހުން ބަލަމުން އަންނާތީ އިތުރު ތަފުސީލެއް މިވަގުތު ނެތް ކަމަށެވެ.
ރޯދަ މަސް އައިފަހުން ވައްކަންތައް އިތުރު ކަމަށް އާންމު ފަރާތްތަކުން ބުނެ އެވެ. ނަމަވެސް ފުލުހުން އަދި މިއަހަރުގެ ރޯދަ މަހުގެ ވައްކަމުގެ ތަފާސް ހިސާބުތައް އާންމުކޮށްފައެއް ނުވެ އެވެ.