ޒިމްބާބުވޭގެ ރައީސް ރޮބާޓް މުގާބޭ އިސްތިއުފާ ދޭނޭ ކަމަށް ހީކޮށް، ދުނިޔޭގެ ބޮޑެތި މީޑިއާތަކުން މުޅި ދުނިޔެއަށް ވަގުތުން ފޮނުވަމުންދިޔަ މުގާބޭގެ ހިތާބުގައި އެމަނުކުފާނު އިސްތިއުފާއެއް ނުދެއްވި އެވެ.

އިސްތިއުފާ ދިނުމުގެ ނަމުގައި މުގާބޭ ދެއްވި ހިތާބުގައި މުގާބޭ ވިދާޅުވީ ވެރިކަން ކުރާ ޕާޓީ ޒުމާ ޕީއެފްގެ ލީޑަރުކަމުން އެމަނިކުފާނު ވަކިކުރިކަމުގައިވިޔަސް މަގާމުގައި ދެމިހުންނަވާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ކޮންގްރެސްގެ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް ވެސް މުގާބޭ ވިދާޅުވިއެވެ.

އިނގިރޭސިބަހުން ދެއްވި ހިތާބުގެ އެންމެފަހުވަގުތު އިސްތިއުފާގެ ވާހަަކަ ވިދާޅުވާނެ ކަމަށް ހީކުރި ނަމަވެސް މުގާބޭގެ ވާހަކަފުޅު ނިންމަވާލެއްވީ "ތެންކިޔޫ، ގުޑް ނައިޓް"އިން ނެވެ.

ޓްވިޓާގައި މިހާރުވެ ސް ގިނަ ބަޔަކު ދަނީ މުގާބޭއަށް ޖޯކު ޖަހަމުންނެވެ. އަދި އެއްބަޔަކު ސިފަކުރިގޮ ތުގައި މުގާބޭގެ ހިތާބު ލިޔެފައި އޮތް ގަނޑުތައް އޮޅުމުން މުގާބޭއަށް އިސްތިއުފާގެ ވާހަކަ ނުކިޔުނީއެވެ.

މިރޭގެ ހިތާބުގައި މުގާބޭ ވިދާޅުވީ އެމެނިކުފާނުގެ ސިޔާސަތުތައް ފެއިލްވެފައިވުމުގެ ސަބަބުން އެ ގައުމުގެ ގިނަބައެއްގެ ނަފުރަތު އަމާޒުވެފައިވާކަން ގަބޫލުކުރައްވާ ކަމަށެވެ.

މުގާބޭ އިސްތިއުފާ ދިނުމަށް އެ ގައުމުގެ ވެރިކަން ކުރާ ޕާޓީން ވަނީ 24 ގަޑިއިރުގެ މުހުލަތެއް ދީފައެވެ. އިސްތިއުފާ ނުދީފިނަމަ ޕާލިމަންޓް މެދުވެރިވެގެން މަގާމުން ދުރުކުރާނެ ކަމުގެ އިންޒާރު ވެސް ވަނީ ދީފައެވެ.

ޒިމްބާބުވޭގައި ހަމަނުހެހުންތައް ފެށުނީ މުގާބޭ އޭނާގެ ނާއިބު ރައީސް އެމާސަން މުނަންގަވާ މަގާމުން ދުރުކުރެއްވުމަށްފަހު އޭނާގެ އަންހެނުން އެ މަގާމަށް ގެންނަން އުޅުމުންނެވެ.

ނަމަވެސް ޒިމްބާބުވޭގެ އަސްކަރިއްޔާ އިން ވަނީ އެކަމާ ދެކޮޅު ހަދައި ބައާވާތެއް ގެނެސްފައެވެ.