20 Nov 2017, 09:12
ސަރުކާރަށް ހަތަރު އަހަރު ފުރިގެންދިޔައިރު، ރައީސް އަބްދުﷲ ޔާމީނަށާއި ގައުމަށް ހިދުމަތް ކުރެވުމަކީ ލިބުނު ފަޚުރެއް ކަމަށް ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި މި ސަރުކާރުގެ ފުރަތަމަ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެ އެވެ.
ދުންޔާ މައުމޫން އެކަމަނާގެ ފޭސްބުކްގައި ވިދާޅުވެފައި ވަނީ ފޮރިން މިނިސްޓަރެއްގެ ހައިސިއްޔަތުންނާއި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ ހައިސިއްޔަތުން ވޭތުވެ ދިޔަ ހަތަރު އަހަރު ކުރެވުނު މަސައްކަތާ މެދު ފަޙުރުވެރިވާ ކަމަށެވެ.
އެކަމަނާ ވިދާޅުވީ ފޮރިން މިނިސްޓަރެއްގެ ހައިސިއްޔަތުން މަސައްކަތް ކުރެއްވިއިރު ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިވި ކަމަށާއި ނަމަވެސް އެއިން ކޮންމެ ގޮންޖެހުމަކަށް ވެސް މަސައްކަތް ކުރެއްވީ ކެރިގެން ކަަމަށެވެ. އަދި ވިދާޅުވީ އަބަދުވެސް މަސައްކަތް ކުރެއްވީ ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓެވުމަށް ކަމަށެވެ.
ދުންޔާ ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ވެސް މަސައްކަތް ކުރައްވާނީ ސަރުކާރާ އެކު ކަމަށާއި އަމާޒަކީ ސިއްހީދާއިރާއިން ރައްޔިތުން ގަބޫލު ކުރާ ހިދުމަތްތަކެއް ފޯރުކޮށްދިނުން ކަމަށެވެ. އަދި ވިދާޅުވީ އަބަދު ވެސް ރައްޔިތުންނަށް ހިދުމަތް ކުރެއްވުމަށް ދެމިހުންނާނެ ކަމަށާއި އަބަދުވެސް ރާއްޖެއަށް ފާގަތި މުސްތަގުބަލަކަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ދުންޔާ އެންމެ ފުރަތަމަ ފޮރިން މިނިސްޓަރެއްގެ ހައިސިއްޔަތުން މި ސަރުކާރުގައި ހިދުމަތް ކުރެއްވި ނަމަވެސް އެެކަމަނާ ފަހުން ވަނީ އިސްތިއުފާދެއްވައިފަ އެވެ. އަދި އޭގެ ފަހުން އަނބުރާ ސަރުކާރާ ގުޅިވަޑައިގަތީ ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ ގޮތުގަ އެވެ.
ދުންޔާ ސަރުކާރާ އެކު މަސައްކަތް ކުރައްވަމުންގެންދަވާއިރު އެކަމަނާގެ ބައްޕާފުޅު ރައީސް މައުމޫން އަބްދުލްގައްޔޫމް ވަނީ ސަރުކާރަށް ކުރެއްވި ތާއިދު އަނބުރާ ގެންދަވައިފަ އެވެ.