20 Nov 2017, 00:22
ބަޖެޓަށް ވޯޓު ނުދޭ މެމްބަރުންގެ ރަށްރަށުގައި ވެސް މަޝްރޫއުތައް ކުރިއަށް ގެންދާނެ ކަމަށާއި މި ސަރުކާރަކީ ވަކި ކުލައެއްގެ ބަޔަކަށްވީތީ ނުލަފާކަން ދައްކާނެ ސަރުކާރެެއް ނޫން ކަމަށް ފިނޭންސް މިނިސްޓަރު އަހްމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މީގެ ކުރިން ވިދާޅުވެފައި ވަނީ ބަޖެޓް ދިރާސާކުރާ ކޮމިޓީގައި ބަޖެޓަށް ވޯޓް ނުދޭ މެމްބަރުންގެ ދާއިރާތަކުގައި ތަރައްގީގެ މަޝްރުއުތައް ކުރިއަށް ގެންދަން ދަތިވާނެ ކަމަށް ބަޖެޓް ދިރާސާ ކުރާ ކޮމެޓީގައި ވިދާޅުވެފައި ވަނިކޮށެވެ.
މިނިސްޓަރު ރޭ ވިދާޅުވީ އެމަނިކުފާނު ދެއްކި ވާހަކަ މީޑިއާތަކުން ފަތުރަނީ ނުބައިކޮށް ތަރުޖަމާ ކޮށްގެން ކަމަށެވެ.
"...ތިބޭފުޅުން (މެމްބަރުން) ބަޖެޓަށް ވޯޓް ދެއްވަން ޖެހޭ. އެހެންވީމަ އަޅުގަނޑު އެބޭފުޅުންނަށް ކުރީ ޗެލެންޖެއް. އެބޭފުޅުންނަށް ނުބައި ގޮތަކަށް މާނަ ނަގައިގެން މިހާރު މުޅި މީޑިއާގައި އެ ފަތުރަނީ،" މުނައްވަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މަޖިލީހުގެ މެމްބަރުން ބަޖެޓަށް ވޯޓު ނުދިނަސް ރައްޔިތުންގެ ހައްގުގައި ކޮށްދެން ޖެހޭ މަސައްކަތް މި ސަރުކާރުން ކޮށްދޭނެ ކަމަށެވެ. އަދި މި ސަރުކާރަކީ ކުރީގެ ސަރުކާރުތަކުން ވަކި ކުލައަކަށް ވީތީ "ނުލަފާކަން ދައްކާނެ" ސަރުކާރެއް ނޫން ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ މި ސަރުކާރުން އެފަދަ އެއްވެސް ކަމެއް ނުކުރާނެ ކަމަށާއި ތަރައްގީގެ މަޝްރުއުތައް ކުރިއަށް ގެންދާނީ ހުރިހާ ކުލައެއްގެ ރައްޔިތުންނަށް ވެސް ހަމަހަމައަށް ކަމަށެވެ. ރައީސް އަބްދުﷲ ޔާމީނަކީ ވަކި ކުލައަކަށް ބެލުމެއްނެތި ރައްޔިތުންނަށް ހިދުމަތް ކުރާ ބޭފުޅެއް ކަމަށެވެ. އަދި ކުލައަށް ނުބަލާ ހިދުމަތް ކުރާކަން ތަފާސް ހިސާބުތަކަށް ބެއްލެވީމާ އެނގޭނެ ކަމަށްވެސް ވިދާޅުވިއެވެ.
"އަޅުގަނޑުމެން ގދ. ތިނަދޫގައި ކުރިއަށް ގެންދަން ރާވާފައި އެބައޮތް އެއް ބިލިއަން ރުފިޔާގެ މަޝްރޫއުތައް. އެއީ މި ފަސް އަހަރުގެ ތެރޭގައި. އައްޑޫ ސިޓީއަށް 760 މިލިއަން ރުފިޔާގެ ޕްރޮޖެކްޓްތައް ކުރިއަށް ގެންދާނެ،" އެމްޑީޕީގެ މެޖޯރިޓީ އޮތް ތަންތަނުގައި ސަރުކަރުން ތަފަތު ކުރުމެއް ނެތި ކުރިއަށް ގެންދާ ޕްރޮޖެކްޓްތަކުގެ އަދަދު ފާހަގަ ކުރައްވަމުން މިނިސްޓަރު މުނައްވަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ހުރިހާ ރައްޔިތުން ވެސް ބަޖެޓަށް އެއްބާރުލުން ދިނުމަށް އެދިވަޑައިގަންނަވާ ކަމަށާއި ބަޖެޓަށް ފައިސާ ހޯދުމަށް ވެސް ހުރިހާ ރައްޔިތުންގެ އެހީތެރިކަން ބޭނުންވާނެ ކަމަށެވެ. އަދި ވިދާޅުވީ މިހާރު ބަޖެޓްގައި ހިމެނިފައިވާ މިންވަރަށް ވުރެ އިތުރަށް ވެސް ތަރައްގީއަށް އަދި ރައްޔިތުންނަށް ކަންކަން ކޮށްދިނުމަށް މަސައްކަތް ކުރާނެ ކަމަށެވެ. އަދި ސަރުކަރުން ބަޖެޓްގައި އަދަދުތަކެއް ޖަހަނީ ނޫން ކަމަށާއި ކަންކަން ތަންފީޒު ވެސް ކުރަމުންދާނެ ކަމަށެވެ.