19 Nov 2017, 19:13
ނ. އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން ބާއްވާ ސިޔާމް މައުރޫފް ސޮކާ ކަޕްގެ ގްރޫޕް ތިނެއްގެ ފުރަތަމަ މެޗުގައި ޅޮހި ބަލިކޮށް، ވެލިދޫ އިން ފެށުން ރަނގަޅުކޮށްފި އެވެ.
ނ. މާޅެންދޫ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު ގްރޫޕް ތިނެއްގެ މެޗުގައި ޅޮހި އަތުން ވެލިދޫ މޮޅުވެފައި ވަނީ 4-1 ލަނޑުގެ ނަތީޖާ އަކުންނެވެ.

ސިޔާމް މައުރޫފް ސޮކާ ކަޕްގެ ގްރޫޕް ތިނެއްގެ ފުރަތަމަ މެޗުގައި ވެލިދުއާއި ޅޮހި ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ވެލިދޫ މޮޅުވީ 4-1 ލަނޑުން ---
އެ މެޗުގެ ކުރީކޮޅު ވެލިދޫ އިން ވަނީ ދެ ލަނޑު ޖަހައިފަ އެވެ. މެޗުގެ ހަ ވަނަ މިނެޓުގައި ވެލިދުއަށް އިބްރާހިމް ޒިހާން ލީޑު ހޯދައިދިން އިރު، މެޗުގެ ނަވަ ވަނަ މިނެޓުގައި އެ ޓީމުގެ ދެ ވަނަ ލަނޑު ކާމިޔާބުކޮށްދިނީ އަބްދުﷲ އިބްރާހީމެވެ. ފުރަތަމަ ހާފު ނިމިގެންދިޔައީ 2-0 ލަނޑުގެ ނަތީޖާ އަކުން ވެލިދޫ ކުރީގައި އޮވެގެންނެވެ.
މެޗުގައި ޅޮހި ޓީމުން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗުގެ 78 ވަނަ މިނެޓުގައި އެ ޓީމަށް ޖަހައިދިނީ މުހައްމަދު އައިހަމް އެވެ. މެޗުގައި ވެލިދޫން ކާމިޔާބުކުރި ފަހު ދެ ލަނޑު ފެނިގެންދިޔައީ މެޗު ނިމެނިކޮށެވެ. މެޗު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް، ވެލިދޫގެ ތިން ވަނަ ލަނޑު ހުސައިން ނިޝާން ކާމިޔާބުކޮށްދިން އިރު، މެޗުގެ ދެ ވަނަ ހާފުގެ އިތުރު ވަގުތުކޮޅު ތެރޭގައި ވެލިދޫގެ ހަތަރު ވަނަ ލަނޑު ކާމިޔާބުކޮށްދިނީ އަހްމަދު ރަޝީދެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ވެލިދޫގެ ހުސައިން ނިޝާން އެވެ.

ސިޔާމް މައުރޫފް ސޮކާ ކަޕްގެ ގްރޫޕް ތިނެއްގެ ފުރަތަމަ މެޗުގައި ވެލިދުއާއި ޅޮހި ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ވެލިދޫ މޮޅުވީ 4-1 ލަނޑުން ---
އެ މުބާރާތުގައި މާދަމާ ވެސް ކުޅުމަށް ހަމަޖެހިފައި ވަނީ ގްރޫޕް ތިނެއްގެ މެޗެކެވެ. މާދަމާ ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ އެންމެ ފަހުގެ ޗެމްޕިއަން ހޮޅުދުއާއި މާޅެންދޫ އެވެ.
ސިޔާމް މައުރޫފް ސޮކާ ކަޕަކީ ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު ފުޓްބޯޅަ މުބާރާތެވެ. މިއަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 500،000 ރުފިޔާގެ ފައިސާގެ އިނާމް ހުށަހަޅާފައިވާ އިރު، މުބާރާތުގެ ރަނަރަޕް ޓީމަށް 100،000 ރުފިޔާ، ފެއަރ ޕްލޭ ޓީމަށް 25،000 ރުފިޔާ އަދި ބެސްޓް ސަޕޯޓިން ޓީމަށް 10،000 ރުފިޔާގެ ފައިސާގެ އިނާމް ހުށަހަޅާފައިވެ އެވެ.

ސިޔާމް މައުރޫފް ސޮކާ ކަޕްގެ ގްރޫޕް ތިނެއްގެ ފުރަތަމަ މެޗުގައި ވެލިދުއާއި ޅޮހި ބައްދަލުކުރި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު ވެލިދޫގެ ހުސައިން ނިޝާން (ކ) ---
މިއަހަރުގެ މުބާރާތުގައި ނ. އަތޮޅުގެ 12 ރަށަކުން ވާދަކުރެ އެވެ. މުބާރާތުގައި ވާދަކުރާ ޓީމުތައް ތިން ގްރޫޕަކަށް ބަހާލާފައިވާ އިރު، ކުއާޓާ ފައިނަލުގެ ޖާގަތައް ލިބޭނީ ކޮންމެ ގްރޫޕެއްގެ އެއް ވަނަ އަދި ދެ ވަނަ ހޯދާ ޓީމުތަކާއި ތިން ވަނަ ހޯދާ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދާ ދެ ޓީމެވެ.
ގްރޫޕް އެކެއް:
ލަންދޫ، ކެނދިކުޅުދޫ، މާފަރު، މިލަދޫ.- ގްރޫޕް ދޭއް:މަގޫދޫ، މަނަދޫ، ހެނބަދޫ، ކުޑަފަރީ.
- ގްރޫޕް ތިނެއް:ވެލިދޫ، ޅޮހި، ހޮޅުދޫ، މާޅެންދޫ.
ސިޔާމް މައުރޫފް ކަޕަކީ ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދާއި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަލީ މައުރޫފްގެ އިސްނެންގެވުމާ އެކު ނ. އަތޮޅުގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ މުބާރާތެކެވެ.