06 Aug 2011, 10:18
ރާއްޖޭ ކަނޑުތަކުގެ ރާޅު އުފުލި ދެކުނުގެ އަތޮޅުތަކަށް ރޭ އުދަ އަރައިފި އެވެ.
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސެންޓަރުން ބުނީ ކުރިޔަށް 48 ގަޑިއިރުގެ ތެރޭގައި ވެސް ރާއްޖޭގެ ދެ ކުނުގެ އަތޮޅުތަކަށް އުދަ އަރާނެ ކަމަށް މޫސުމާ ބެހޭ ފޯކާސްޓްތަކުން ދައްކާ ކަމަށާއި އެހެން ސަރަހައްދުތަކަށް އުދަ އެރުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށެވެ.
ރޭ ފަތިހު އެންމެ ބޮޑަށް އުދަ އެރި އެއް ރަށަކީ ސ. މަރަދޫ ފޭދޫ އާއި އައްޑު އަތޮޅު ގަމެވެ. މީގެ އިތުރުން ގދ. ފަރެސް މާތޮޑާ އަށާއި ރަތަފަންދޫ އާއި ނަޑައްލާއަށް ވެސް އުދަ އެރި އެވެ. ފަތިހު އުދަ އެރި އެއް ވެސް ރަށަކުން މީހަކަށް ގެއްލުމެއް ލިބިފައިވާ ކަމަށް އަދި އެނގިފައެއް ނުވެއެވެ.
ފަރަސް މާތޮޑާގެ ފަރެހުގެ 800 މީޓަރަށް ރާޅު އަރައި ބައެއް ގޭގެއަށް ލޮނު ވަދެފައިވާއިރު ދަނޑުގޮވާން ކޮށްފައިވާ ބައެއް ބިންތައް ހަލާކުވެފައިވާ ކަމަށް އެރަށު ކައުންސިލުން މިއަދު ބުންޏެވެ.
ފަރެސްމާތޮޑާއަށް ނިސްބަތްވާ ތިމާވެއްޓާބެހޭ މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވީ ދެކުނު ތިން އަތޮޅަށް ރޭ ފަތިހު އުދަ އަރައި، އިތުރަށް ވެސް އުދަ އަރާނެ ކަމަށް މެޓުން ބުނުމާއެކު އުދަ އެރި ރަށްރަށާ ބެހޭ މައުލޫމާތު އޮޅުން ފިލުވުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށެވެ.
"އަޅުގަނޑު މިދަނީ ބަލަމުން ކޮން ރަށްރަށަކަށް ކިހާ ވަރަކަށްތޯ އެރީ، އަދި ލިބުނީ ކޮން ގެއްލުމެއްތޯވެސް މިދަނީ ބަލަމުން،" މިނިސްޓަރު އަސްލަމް ވިދާޅުވި އެވެ.
މެޓުގެ ޑިއުޓީ ފޯކާސްޓާ ހަދީޖާ ނުސްރާ ވިދާޅުވީ ރޭ ފަތިހު ރާއްޖެއަށް އުދަ އެރީ ރާއްޖޭގެ އިރު ދެކުނުން ބާރުގަދަ ސާކިއުލޭޝަނެއް ނުވަތަ ކޮޅިގަނޑެއް އުފެދިފައިވާތީ ކަމަށާއި އެކޮޅިގަނޑުގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ތަކުގެ ރާޅު ހަ ފޫޓާ ހަތް ފޫޓަށް އުފުލިފައިވާ ކަމަށެވެ.
"ދެކުނުގެ އަތޮޅުތަކުގައި ނުވަ ފޫޓާ 10 ފޫޓަށް އުފުލޭނެ. އެހެންނަމަވެސް އުދަ އަރާނީ އެ އުސް މިނުގައެއް ނޫން،" ނުސްރާ ވިދާޅުވި އެވެ.
މެޓުން ބުނީ މިއަދު ހަވީރު 5:30 ގައި ދެކުނަށް ދިޔަވަރު ބޮޑުވާނެ ކަމަށާއި މާދަމާ ހެނދުނު 7:10 ގަ އާއި އިރުއްއޮއްސި 6:13ގައި ވެސް ދިޔަވަރު ބޮޑުވެ ރާޅު އުފުލޭނެ ކަމަށެވެ. އަދި ބުނީ ދެކުނުގެ އަތޮޅުތަކަށް އުދަ އަރާއިރު ރާއްޖޭގެ އެހެން ހިސާބުތަކަށް އުދަ އެރުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށާއި ދަތުރު ފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ވަރަށް ބޮޑަށް ސަމާލުވާން ޖެހޭނެ ކަމަށެވެ.