19 Nov 2017, 18:56
ދެވަނާގައި އޮތް ޓީސީ ސްޕޯޓްސް ކުލަބު ބަލިކޮށް ނިއު ރޭޑިއަންޑް ސްޕޯޓްސް ކުލަބުން އުރީދޫ ދިވެހި ޕްރިމިއަ ލީގުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.
މިއީ ނިއު އިން ލީގު ހޯދި ހަ ވަނަ ފަހަރެވެ. އެއާއެކު އެ ޓީމަކީ މިހާރު ލީގު އެންމެ ގިނައިން ހޯދި ޓީމެވެ. މީގެ ކުރިން ލީގު އެންމެ ގިނައިން ހޯދުމުގެ ރެކޯޑް ހިއްސާކުރަމުން އައީ ނިއު އާއި ވެލެންސިއާއިންނެވެ. ދެ ޓީމު ވެސް ވަނީ ފަސް ފަހަރު ލީގު ހޯދައިފަ އެވެ.
ގައުމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު އެ މެޗު ނިއުއިން ކާމިޔާބު ކުރީ 2-3ގެ ނަތީޖާ އަކުންނެވެ. އެ މޮޅާއެކު އެ ޓީމަށް ވަނީ ކުޅުނު 13 މެޗުން 36 ޕޮއިންޓު ލިބިފައެވެ. މިއަދުގެ މެޗުން ބަލިވި ޓިސީއަށް 13 މެޗުން ލިބިފައި ވަނީ 29 ޕޮއިންޓެވެ. އެހެންކަމުން ދެ ޓީމަށް ވެސް ލީގުގައި ބާކީ އެންމެ މެޗެއް އޮތް އިރު ޓީސީއަށް ނިއުއަށް ވުރެ ޕޮއިންޓުގެ ގޮތުން ކުރި ހޯދުމަކީ ދެން ނުވާނެ ކަމެކެވެ.
ނިއު އިން ވަނީ މެޗުގެ ފުރަތަމަ ހަ މިނިޓް ތެރޭ ޓީސީ ކޮޅަށް ދެ ގޯލު ޖަހާފަ އެވެ. މެޗުގެ ދެ ވަނަ މިނެޓުގައި އަރިމަތިން އޭރިއާ ތެރެއަށް ހުރަސްވި ބޯޅަ ބޭރުކޮށްލަން ޓީސީގެ ޑިފެންޑަރު މުރުތަލާ އަދުނާން ބޮލުން ފޮނުވާލި ބޯޅަ އަލީ ފާސިރު (ސެންޓޭ) ވަނީ ގޯލުގެ ކަނަށް ބޯޅަ ފޮނުވާލާ ނިއު އަށް ލީޑު ނަގައި ދީފައެވެ.
މެޗުގެ ހަ ވަނަ މިނިޓުގައި ނިއުއަށް ލީޑުފުޅާކޮށްދިނީ ސެންޓޭ ނަގައިދިން ކޯނަރަކުން ސްޕެއިނުގެ ފޯވާޑް އެޑްރިއަން ގަލާޑޯ އެވެ. ފުރަތަމަ ހާފު ނިމުނީ މި ނަތީޖާގައި އޮވެގެންނެވެ.
ދެ ވަނަ ހާފް ފަށައިގެން ޓީސީއަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބި ވަނީ ބޭކާރު ވެފައެވެ. އެގޮތުން އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުމަކުން އަބްދުﷲ ހަނީފް (ބެންޖޯ) ފޮނުވާލި ބޯޅަ ކީޕަރު އިމްރާން މުހައްމަދު އަތުގައި ޖެހިފައި ލިބުނީ ޓީސީގެ އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އަށެވެ. އޭނާ އޯވަހެޑްކިކަކުން ފޮނުވާލި ބޯޅަ އަމާޒުވީ އަރިމަތީ ދާގަނޑަށެވެ.
މެޗުގެ 73 ވަނަ މިނިޓްގައި ނިއުގެ ތިން ވަނަ ލަނޑު ޖެހީ ސެންޓޭ އެވެ. ކައުންޓަ އެޓޭކުގައި ދަގަނޑޭ ކުޅުންތެރިއަކު ކައިރިން ނައްޓާލުމަށް ފަހު ހުސްކޮށްލާފައި ސެންޓޭއަށް ދިން ބޯޅަ އޭނާ ގޯލު ތެރެއަށް ވައްދާލީ ކީޕަރު ކިރަން ގައިމަތިން ޗިޕަކުންނެވެ. މިއީ ސެންޓޭ މި ސީޒަނުގައި ނިއު އަށް ޖަހައިދިން 19 ވަނަ ލަނޑެވެ.
ޓީސީ އަށް މެޗުގެ ފުރަތަމަ ލަނޑު ޖަހައިދިނީ 78 ވަަނަ މިނެޓުގަި ފޭދޫ އިއްބެ އެވެ. އޭރިއާ ތެރެއިން ފޭދޫ އިއްބެ ފޮނުވާލި ބޯޅަ ގޯލަށް ވަނީ ނިއުގެ ޑިފެންޑަރެއް ފައިގައި ޖެހިފަ އެވެ. އަދި މެޗުގެ 84 ވަނަ މިނިޓްގައި ފޭދޫ އިއްބެ ޓީސީ އަށް ދެ ވަނަ ލަނޑެއް ޖަހައިދިނެވެ.
ލީގުގައި މިރޭ ކުޅޭ މެޗުގައި މާޒިޔާ ނުކުންނާނީ ގްރީން ސްޓްރީޓްސްއާ ދެކޮޅަށެވެ.