19 Nov 2017, 17:53
ބާސެލޯނާއަށް ހުރިހާ މެޗަކުން މޮޅެއް ނުވެވޭނެ ކަމަށާއި އެ ދަނޑިވަޅުގެ ފައިދާ ރެއާލުން ނަގާނެ ކަމަށް އެ ޓީމުގެ ކޯޗު ޒައިނުއްދީން ޒިދާން ބުނެފިއެވެ.
ވޭތުވެ ދިޔަ ތިން ވަރަކަށް މެޗުގައި ރެއާލް ގެ ފޯމް ގެއްލި އެންމެ އެދެވޭ ކުޅުމެއް ދެއްކެމުންނެއް ނުދެއެވެ. މީގެ އިތުރުން ރޭ ސްޕެނިޝް ލީގުގައި ވާދަވެރި އެތުލެޓިކޯ މެޑްރިޑް އަތުން 0-0 އިން އެެއްވަރުވެ ލީގުގެ އެއް ވަނައިގަ އޮތް ބާސާއާ ދެމެދު އޮތް ފަރަގު މިހާރު ވަނީ 10 ޕޮއިންޓަށް އިތުރު ވެފައެވެ.
"ލީގު ގެއްލުނީ ކަމަކަށް ގަބޫލެއް ނުކުރަން. އަދިވެސް ބައިވަރު މެޗުތަކެއް ބާކީ އެބަހުރި. ބާސާއާ އަހަރެމެނާ ދޭތެރޭ ޕޮއިންޓުގެ ގޮތުން ބޮޑު ފަރަގެއް އޮތް ކަން ގަބޫލު ކުރަން. އެކަން ބަދަލު ވާނެ އަދި. އެއީ ބާސާ އަށް ހުރިހާ މެޗަކުން މޮޅެއް ނުނެވޭނެ. އެ ދަނޑުވަޅު ބަލައި އަހަރެމެން އެމީހުންނާއި ކައިރި ކުރާނަން." ޒިދާން ބުންޏެވެ.
ޒިދާން ބުނީ ރޭގެ މެޗުގައި އޭނާގެ ޓީމުގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައިވާ ކަމަށާއި މަދުވީ ހަމަ އެކަނި ލަނޑެއް ކަމަށެވެ. އަދި ރެއާލްގެ ކުޅުންތެރިންނަށް މެޗުން ތިން ޕޮއިންޓު ހައްގު ކަމަށް އޭނާ ބުންޏެވެ.
"ކެތްތެރިކަން މުހިންމު. ރޭ އަހަރެމެނަށް މަދުވީ ލަނޑެއް. ނަމަވެސް ޓޮޓެންހަމް އަދި ޖިރޯނާ އާ ދެކޮޅަށް ކުޅުނު މެޗުތަކުގައި ކުޅުން ވެސް ރަނގަޅެއް ނޫން. ރޭގެ މެޗުގައި ޓީމުން ރަނގަޅު ކުޅުމެއް ދެއްކި. ގިނަ ކުޅުންތެރިން އެ މީހުންގެ ޕާފޯމެންސް މަތި ކުރި،" ޒިދާން ބުންޏެވެ.
ރެއާލް ދެން ކުޅެން ޖެހޭނީ އަންނަ އަންގާރަ ދުވަހު އޮންނަ ޔުއެފާ ޗެމްޕިއަންސް ލީގުގެ މެޗުގައި ސައިޕްރަސްގެ އަޕޮއެލް އާ ދެކޮޅަށެވެ.