19 Nov 2017, 17:50
ޒިމްބާބުވޭގެ ރައީސް ރޮބާޓް މުގާބޭ އޭނާގެ ވެރިކަންކުރާ ޕާޓީ ޒަނޫ ޕީއެފްގެ ލީޑަރުކަމުން އެންމެފަހުން ވަކިކޮށްފިއެވެ.
މުގާބޭ ވަކިކުރުމަށްފަހު ޕާޓީގެ ލީޑަރުކަމަށް އިސްކޮށްފައި ވަނީ އެގައުމުގެ ކުރީގެ ނާއިބު ރައީސް އެމާސަން މުނަންގަގްވާއެވެ. މުގާބޭ ވަނީ އެމާސަން މީގެ ދެ ހަފުތާ ކުރިން މަގާމުން ދުރުކޮށްފަ އެވެ.
އެމާސަން މަގާމުން ދުރުކުރުމަށްފަހު މުގާބޭ މަސައްކަތްކޮށްފައި ވަނީ އޭނާގެ އަންހެނުން ނާއިބު ރައީސް ކަމަށް ގެންނެވުމަށެވެ. ނަމަވެސް ޒިމްބާބުވޭގެ އަސްކަރިއްޔާއިން ވަނީ އެކަމާ ދެކޮޅު ހަދައި ބައާވާތެއް ގެނެސްފައެވެ.
ޒިމްބާބުވޭގެ އަސްކަރިއްޔާއިން ދަނީ މުގާބޭ އަމިއްލައަށް އިސްތިއުފާ ދިނުމަށް ބާރު އަޅަމުންނެވެ. ނަމަވެސް މުގާބޭ މިހާތަނަށް ވެސް ވިދާޅުވަމުން ދިޔައީ އޭނާ އިސްތިއުފާ ނުދެއްވާނެކަމަށެވެ.
ތިރީސްހަތް އަހަރު ވަންދެން ޒިންބާބުވޭގައި ވެރިކަން ކުރަމުންދާ މުގާބޭ އިސްތިއުފާ ނުދީފިނަމަ ޒިމްބާބުވޭގެ ޕާލިމެންޓުން ދަނީ އޭނާ މަގާމުން ދުރުކުރުމަށް ވެސް ތައްޔާރުވަމުންނެވެ.
މުގާބޭގެ އަންހެނުން އަދި ޒިމްބާބުވޭގެ މަހާރެހެންދި ޕާޓީން ވަކިކޮށްފައިވާ ކަމަށް ރޮއިޓާސް އިން ބުންޏެވެ.
ޒިމްބާބުވޭގެ އެތަކެއް ހާސްބަޔަކު ވަނީ މުގާބޭ އިސްތިއުފާދިނުމަށް ގޮވައިލައި އިއްޔެވެސް މުޒާހަރާ ކޮށްފައެވެ.