ދިވެހި ކޮންމެ ރައްޔިތަކީވެސް ގައުމު ދެކެ ލޯބިވާ، ގާނޫނުތަކަށް ހުރުމަތްތެރިކޮށް ހިތާ ރައްޔިތަކަށް ވުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިލްތިމާސް ކުރައްވައިފިއެވެ.

ރައީސް މިގޮތަށް އިލްތިމާސްކުރެއްވީ މިއަދު ފާހަގަކުރާ ގައުމީ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިތޯބުގައެވެ.

ކޮންމެ ގައުމެއްގެވެސް ގައުމީ ދުވަހަކީ، އެގައުމެއްގެ މުވާޠިނުންގެ ހިތްތަކުގައި ގިނަގުނަ ގައުމީ ޝުއޫރުތަކެއް އާވެ އާލާވެގެންދާ ދުވަހެއް ކަމަށް ވިދާޅުވިއެވެ.

"އަޅުގަޑުގެ އިލްތިމާސަކީ، ދިވެހިޤައުމުގެ ރައްޔިތުންނަކީ، ޤައުމުދެކެ ލޯބިވާ، ޤާނޫނާއި ގަވާއިދަށް ހުރްމަތްތެރިކޮށްހިތާ، އެކަކު އަނެކަކަށް އިޙުތިރާމުކުރާ ރައްޔިތުންތަކަކަށް ވެގެން ދިއުމެވެ. ދިވެހިޤައުމަކީ، ތިޔާގިކަމާއި ތަނަވަސްކަމާއި، އަމިއްލަ ފުދުންތެރިކަން ލިބިފައިވާ ޤައުމެއްކަމުގައި ވެގެންދިއުމެވެ." ރައީސް ވިދާޅުވިއެވެ.

ކޮންމެ ގައުމެއް ގައުމެއްގެގޮތުގައި އާރާސްތުވެ، ފުރިހަމަވަމުން އަންނާނީ، ގައުމުގެ ރައްޔިތުންގެ ކިބައިގައި އެ ގައުމަކާމެދު ދިރެމުން އާލާވަމުން އަންނަ ފޮނި އުންމީދުތަކަކާއެކު ކަމަށް ރައީސް ވިދާޅުވިއެވެ.

ދިވެހިންގެ ދީނާއި ގައުމިއްޔަތުގެ ދިފާއުގައި، ބޭރުގެ އިސްތިޢުމާރީ ބާރުތަކާ ބޮޑުތަކުރުފާނު ކުރިމަތިލައްވައި، ހޯއްދެވި ނަސްރާއި ކާމިޔާބީއަކީ، ދިވެހިންގެ ގައުމިއްޔަތުގެ ބިންގާ އެޅިގެންދިޔަ ނަސްރަކާއި ކާމިޔާބީއެއްކަމަށް ރައީސް ވިދާޅުވިއެވެ.

މިއަދު ފާހަގަކުރާ ގައުމީ ދުވަހުގައި ރައީސްގެ އަޒުމަކީ ދިވެހިގައުމު މިހާރު ދެކެމުންމިދާ ތަރައްގީގެ މަޝްރޫއުތައް ރައްޔިތުންނަށް އެންމެ ފައިދާހުރިގޮތުގައި ހުއްޓުމެއްނެތި ކުރިޔަށް ގެންދިއުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.