19 Nov 2017, 13:01
ކުޑަކުދިންނަށް އަނިޔާ ކުރާ އަދި އިހުމާލުވާ ފަރާތްތަކަށް، ރާއްޖޭގައި ހެދިފައިވާ ގާނޫނުތަކުގެ ތެރެއިން ހައްގު އަދަބު ދޭން ޖެހޭ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ގޮވާލައިފި އެވެ.
އދ. އިން މިއަދު ފާހަގަ ކުރާ ކުޑަކުދިންނަށް ކުރާ އަނިޔާއާ ދެކޮޅަށް ބައިނަލްއަގްވާމީ ފެންވަރުގައި ފާހަގަކުރާ ދުވަހާ ގުޅިގެން އެޗްއާރުސީއެމުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ، ކުޑަކުދިންނަށް ކުރާ އަނިޔާގެ ގޮތުގައި އެ ކޮމިޝަނަށް ހުށަހެޅޭ ގިނަ މައްސަލަތަކަކީ އާއިލާގެ ފަރާތުން ކުދިންނަށް ދޭންޖެހޭ އަޅާލުމާއި ރައްކާތެރިކަމަށް އިހުމާލު ވެގެން ހުށަހެޅޭ މައްސަލަތައް ކަމަށެވެ.
އެހެންކަމުން، ކުޑަކުދިންނަށް އަނިޔާކުރާ އަދި އިހުމާލުވާ ފަރާތްތަކަށް ހައްގު އަދަބު ދޭންޖެހޭ އިރު ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމަށް ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމަށްޓަކާ ޑްރާފްޓް މަރުހަލާގައިވާ ކުޑަކުދިންގެ ހައްގުތަކާބެހޭ ބިލު އަވަހަށް ފާސް ކޮށްދިނުމަށް އެ ކޮމިޝަނުން ގޮވާލި އެވެ.
"ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް ހެދިފައިވާ ގާނޫނުތައް ތަންފީޒު ކުރުމުގައި ދިމާވާ ހުރަސްތައް ނައްތާލައި އެ ގާނޫނުތައް ތަންފީޒު ކުރަންޖެހެ އެވެ.،" އެޗްއާރުސީއެމްގެ ބަޔާނުގައި ބުނެފައިވެ އެވެ.
އެ ކޮމިޝަނުގެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ، ކުޑަކުދިންނަށް ރައްކާތެރިކަން ފޯރުކޮށްދޭން ގާއިމް ކޮށްފައިވާ މަރުކަޒުތައް ހިންގުމަށް ބޭނުންވާ ބަޖެޓާއި ވަސީލަތްތައް އިތުރު ކޮށް އެތަންތަނުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ކަމާގުޅުންހުރި ދާޢިރާތަކުން ތައުލީމާއި ތަމްރީން ލިބޭނެ ފުރުސަތުތައް ފަހިކޮށްދޭން ޖެހޭ ކަމަށެވެ.
އެއާއެކު މަސްތުވާތަކެތި ބޭނުންކުރާ ކުޑަކުދިންނާއި އެހެނިހެން ކުށްތަކަށް ހުށަހެޅޭ ކުޑަކުދިން ރިހެބިލިޓޭޓްކޮށް ހަރުދަނާ ޒުވާނުންގެ ގޮތުގައި މުޖުތަމައުއަށް އަނބުރާ ގެނައުމަށް ކުރަމުންދާ މަސައްކަތް އިތުރަށް ފުޅާ ކުރުމުގެ ބަޔާނުގައި ފާހަގަ ކޮށްފައިވެ އެވެ.
"ކުޑަކުދިންނާ ގުޅުންހުރި ކަންކަން ނިންމާއިރު، ހުރިހާ ފަރާތްތަކަކުން ވެސް ކުދިންނަށް އެންމެ ފައިދާ ހުރި ގޮތަށް ކަންކަން ނިންމުމަށް އިސްކަން ދިނުމުގެ މުހިންމުކަން މި ފުރުސަތުގައި ފާހަގަކުރަމެވެ. މައިންބަފައިންގެ މެދުގައި ޖެހޭ މައްސަލަތައް ހައްލު ކުރުމުގައި ކުދިންގެ މަސްލަހަތަށް އަބަދުމެ އިސްކަން ދިނުމަށް ނަސޭހަތްތެރިވަމެވެ." އެޗްއާރުސީއެމްގެ ބަޔާނުގައި އިތުރަށް ބުނެފައިވެ އެވެ.
ކުޑަކުދިންނަށް ކުރާ އަނިޔާއާ ދެކޮޅަށް ބައިނަލްއަގްވާމީ ފެންވަރުގައި ދުވަހެއް ފާހަގަކުރަމުން ދަނީ ދުނިޔޭގެ އެކިކަންކޮޅުތަކުގައި ކުޑަކުދިންނަށް ކުރާ އަނިޔާއާ މެދު އާންމުން ހޭލުންތެރިކޮށް، ކުޑަކުދިންނަށް ކުރާ އަނިޔާ އާއި ދެކޮޅަށް ދައުލަތުގެ އިދާރާތަކާއި މަދަނީ ޖަމިއްޔާތަކާއި އާންމު ފަރުދުން ކުރަމުންދާ މަސައްކަތްތަކަށް ހިތްވަރު ދިނުމެވެ.
އަދި އަނިޔާގެ ޝިކާރައަކަށް ވެފައިވާ ކުދިންނާއި އެކުދިންގެ އާއިލާތައް ތަހައްމަލު ކުރަންޖެހިފައިވާ ހިތާމައިގައި ބައިވެރިވެ، އެފަރާތްތަކަށް ހިތްވަރުދީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގައި މުޖުތަމައުއާއި ދައުލަތުގެ ދަރުއު އިތުރަށް ފުޅާ ކުރުމަކީ ވެސް މިދުވަސް ފާހަގަކުރުމުގެ ބޭނުމެއް ކަމަށް އދ. އިން ބުނެ އެވެ.