06 Aug 2011, 09:44
ޓްރިޕޮލީ (އޮގަސްޓް 6) : މެދުތެރޭ ކަނޑުގެ އައްސޭރިފަށުގައިވާ ލީބިޔާގެ އިރުމަތީގެ ސިޓީއެއް ކަމަށްވާ ޒްލީތަންއަށް ނޭޓޯއިިން ދިން ވަރުގަދަ ވައިގެ ޙަމަލާތަކެއްގައި ލީބިޔާގެ ޒަޢީމް މުޢައްމަރުލްޤައްޒާފީގެ ފިރިހެން ދަރިކަލެއްކަމަށްވާ އުމުރުން 27 އަހަރުގެ ޚަމީސް އަލްގައްޒާފީ އަވަހާރަ ވެފައިވާ ކަމަށް އިދިކޮޅު ހަނގުރާމަވެރިން ފެތުރި ޚަބަރުތަކެއް ގައްޒާފީގެ ސަރުކާރުން ދޮގުކޮށްފިއެވެ.
ގައްޒާފީގެ ސަރުކާރުގެ ތަރްޖަމާން މޫސާ އިބްރާހީމް ވިދާޅުވީ މިއީ ބުނުތާން ދޮގުކަމަށާއި އިދިކޮޅު ހަނގުރާމަވެރިން މިޚަބަރު ފަތުރާފައިވަނީ އެމީހުންގެ ޙަމަލާތަކެއްގައި ޒްލީތަންގެ ކުށެއްނެތް އާއިލާއެއްގެ ހުރިހާ މީހުން މަރާލި ޖަރީމާއެއް ފޮރުވުމުގެ ބޭނުމުގައި ކަމުގައެވެ.
ވެރިރަށް ޓްރިޕޮލީގެ އިރުމަތިން 160 ކިލޯމީޓަރު ދުރުގައިވާ ޒްލީތަން ސިޓީ ގައްޒާފީގެ ބާރުތަކުގެ ކިބައިން މިނިވަން ކުރުމަށްޓަކައި ލީބިޔާގެ އިދިކޮޅު ހަނގުރާމަވެރިންނާއި ގައްޒާފީގެ ބާރުތައް ދަނީ ވަރުގަދައަށް ހަނގުރާމަ ކުރަމުންނެވެ. މިހނގުރާމައިގާ ޙަރަކާތްތެރިވާ ގައްޒާފީގެ ބާރުތަކުގެ ކޮމާންޑަރަކީ ގައްޒާފީގެ ފިރިހެން ދަރިކަލެއްކަމަށްވާ ލެފްޓިނެންޓް ކާރނަލް ޚަމީސްއަލްގައްޒާފީއެވެ.
ޚަމީސްގެ ކޮމާންޑްގެ ދަށުގައިވާ ލީބިޔާ ސިފައިންގެ 10 ހާސް މީހުންގެ ލަޝްކަރަށް އަމާޒުކޮށް ނޭޓޯއިން އިއްޔެއާއި ރޭ ގައިދިން ވަރުގަދަ ވައިގެ ޙަމަލާތަކުގައި ޚަމީސްގެ އިތުރުން އޭނާގެ ލަޝްކަރުގައި ހިމެނޭ 23 މީހަކު މަރުވެފައިވާ ކަމަށާއި އެހަމަލާތަކުގައި ޚަމީސްގެ ލަޝްކަރުގެ ގިނަ ޢަދަދެއްގެ ބަރުހަތިޔާރު ހަލާކުވެފައިވާ މަންޒަރުތައް ފެނިފައިވާ ކަމަށްވެސް އިދިކޮޅު ހަނގުރާމަވެރިން ބުނެއެވެ.
އިދިކޮޅު ހަނގުރާމަ ވެރިން މިހެން ބުނިނަމަވެސް ޒްލީތަންގެ ބޮޑުބައި އަދިވެސް އޮތީ ޚަމީސްގެ ލަޝްކަރުގެ ކޮންޓްރޯލްގެ ދަށުގައި ކަމަށާ އިދިކޮޅު ހަނގުރާމަވެރިންތިބީ އެރަށުގެ ރައްބޭރުގައި ކަމަށް ބޭރުގެ މުރާސިލުންނާ ޙަވާލާދީ ބަިއނަލްއަޤްވާމީ ނުސްއެޖެންސީތައްބުނެއެވެ.
ޒްލީތަންގެ އިތުރުން ޓްރިޕޮލީގެ އެތަށް ސަރަޙައްދަކަށްވެސް ނޭޓޯއިން އިއްޔެ ވައިގެ ވަރުގަދަ ޙަމަލާތަކެއް ދީފައިވެއެވެ. -- އަލްޖަޒީރާ