ސްޕެނިޝް ލީގުގައި ރޭ އެތުލެޓިކޯ މެޑްރިޑާއި ރެއާލް މެޑްރިޑް ބައްދަލުކުރި މެޗު، ދެ ޓީމުންކުރެ ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރު ވެގެން ނިމިއްޖެއެވެ.

އެތުލެޓިކޯގެ ދަނޑުގައި ކުޅުނު އެ މެޗުގައި ލަނޑު ޖަހަން ދެ ޓީމަށް ވެސް ލިބިގެން ގޮސްފައިވަނީ ވަރަށް މަދު ފުރުސަތުތަކެކެވެ. އެގޮތުން މުޅި މެޗުގައި ވެސް ލަނޑު ޖަހަން އެތުލެޓިކޯ އަށް އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ އެންހަލް ކޮރީޔާއަށެވެ. ނަމަވެސް ރެއާލްގެ ޕެނަލްޓީއޭރިއާ ތެރޭ މުޅިން ހުހަށް ހުރެ އޭނާ ފޮނުވާލި ހަމަލާ ވަނީ ގޯލަށް އަމާޒުވާ ގޮތް ނުވެފައެވެ.

ސްޕެނިޝް ލީގުގައި ރޭ އެތުލެޓިކޯ އާއި ރެއާލް ބައްދަލުކުރި މެޗުގެ ތެރެއިން-- ފޮޓޯ: އޭޕީ

ރެއާލް އަށް ލަނޑު ޖަހަން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ އެޓީމުގެ މިޑްފީލްޑަރު ޓޯނީ ކްރޫސްއަށެވެ. ނަމަވެސް އޭނާ ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ކުޑަތަންކޮޅެއް ބޭރުންނެވެ.

މިއީ 2005 ވަނަ އަހަރަށްފަހު ރެއާލް އާއި އެތްލެޓިކޯ ބައްދަލުކުރި މެޗެއް ލަނޑެއް ނުޖެހި އެއްވަރުވެގެން ނިމުނު ފުރަތަމަ ފަހަރެވެ.

ރެއާލް އަދި އެތުލެޓިކޯ އަށް ޕޮއިންޓަކުން ފުއްދާލަން ޖެހުނު ނަމަވެސް އެއްވަނައިގަ އޮތް ބާސެލޯނާ އިން ވަނީ މޮޅެއް ހޯދައި ހަތް ޕޮއިންޓްގެ ލީޑެއް ނަގައިފައެވެ.

ބާސާ ރޭ މޮޅުވީ ލީގުގެ ނުވަ ވަނައިގައި އޮތް ލެގާނޭސްއާ ބައްދަލުކުރި މެޗު 0-3 އިން ކާމިޔާބު ކޮށްގެންނެވެ. ލެގާނޭސްގެ ދަނޑުގައި ކުޅުނު އެ މެޗުގެ 28 ވަނަ މިނެޓްގައި ލުއިސް ސުއަރޭޒް ވަނީ ބާސާ އަށް ލީޑުނަގައިދީފައެވެ.

ސްޕެނިޝް ލީގުގައި ރޭ ބާސެލޯނާ އާއި ލެގާނޭސް ބައްދަލުކުރި މެޗުގެ ތެރެއިން-- ފޮޓޯ: އޭޕީ

ފުރަތަމަ ހާފް ބާސާ އިން ނިންމާލީ އެއް ލަނޑުގެ ލީޑަކާއެކުއެވެ. ދެވަނަ ހާފު ފެށިގެން 60 ވަނަ މިނެޓްގައި ސުއަރޭޒް ވަނީ ބާސާގެ ދެވަނަ ލަނޑު ކާމިޔާބު ކޮށްދީފައެވެ. އަދި އެޓީމުގެ ތިންވަނަ ލަނޑު މެޗުގެ 90 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ޕައުލީނިއޯއެވެ.

ރޭގެ މޮޅާއެކު ލީގުގެ އެއްވަނައިގައި ބާސާ އޮތީ 34 ޕޮއިންޓާއެކުއެވެ. ނަމަވެސް ލީގުގައި މިރޭ ކުޅޭ މެޗުން ވެލެންސިޔާ މޮޅުވެއްޖެނަމަ ބާސާގެ ލީޑު އަނެއްކާވެސް ހަތަރު ޕޮއިންޓަށް ކުޑަވާނެއެވެ. ލީގުގެ ދެވަނައިގައި ވެލެންސިޔާ އޮތީ 27 ޕޮއިންޓާއެކުއެވެ. ތިންވަނައިގައި 24 ޕޮއިންޓާއެކު އޮތީ ރެއާލް މެޑްރިޑް އެވެ. އަދި ހަމަ އެ އަދަދަށް ޕޮއިންޓް ލިބިގެން ފަސްވަނައިގައި އޮތީ އެތްލެޓިކޯ މެޑްރިޑެވެ. ރެއާލް އަށް ތިންވަނަ ލިބެނީ ގޯލުގެ ތަފާތުންނެވެ.