19 Nov 2017, 11:11
ކޮލަމްބޯ (ނޮވެމްބަރު 19): ސްރީލަންކާގައި މުސްލިމުންނާއި ބުޑިސްޓުންނާ ދެމެދު ހުކުރު ދުވަހު ހިނގި ކުރިމަތިލުމެއްގައި ހަތަރު މީހަކަށް އަނިޔާވެއްޖެ ކަމަށް ފުލުހުންގެ ތަރުޖަމާނަކު ވިދާޅުވެއްޖެ އެވެ.
ލަންކާގެ ފުލުހުން ބުނި ގޮތުގައި އެގައުމުގެ ދެކުނުގައި އޮންނަ ގިންތޯޓާގައި އިއްޔެ ހަމަނުޖެހުންތައް ހިނގީ ސޯޝަލް މީޑިއާގައި ބަޔަކު ދޮގު ވާހަކަތަކެއް ފެތުރުމާ ގުޅިގެންނެވެ.
ފުލުހުންގެ ތަރުޖަމާނު ރުވާން ގުނަސެކެރާ ވިދާޅުވި ގޮތުގައި އެހަމަނުޖެހުންތަކާ ގުޅިގެން ހައްޔަރު ކުރި އެކަކަކީ މުސްލިމުން، ބުޑިސްޓުންގެ ފައްޅިއަކަށް ހަމަލާ ދޭން އުޅޭ ކަމަށް ބުނެ ދޮގު ޚަބަރު ފެތުރި އަންހެނެކެވެ. އަދި އިތުރު ހަމަނުޖެހުންތަކަށް ފުރުސަތު ނުދިނުމަށްޓަކައި ފުލުހުން ވަނީ އިއްޔެ ހަވީރު 6:00ން މިއަދު ހެނދުނު 6:00ކާ ހަމައަށް ގައްލޭ ޑިސްޓްރިކްޓުގެ ބައެއް ސަރަހައްދުތަކުގައި ކާފިއު އިއުލާންކޮށްފަ އެވެ.
ހުކުރު ދުވަހު ހިނގި އެހަމަނުޖެހުންތައް ހުއްޓުވުމަށްޓަކައި ރަޔަޓު ފުލުހުންނާއި ސިފައިންވެސް ފޮނުވާފައިވެ އެވެ.
ލަންކާގެ ހަރުކަށި ބުޑިސްޓުންނާއި މުސްލިމުންނާ ދެމެދު މިއަހަރު ގިނަ އަދަދެއްގެ ހަމަނުޖެހުންތައް ހިނގާފައިވެ އެވެ. އެގޮތުން ބައެއް ބުޑިސްޓުން ވަނީ މުސްލިމުން ދަނީ އިސްލާމް ދީނަށް ވަނުމަށް ބައެއް މީހުންނަށް މަޖުބޫރުކޮށް، ބުޑިސްޓުންގެ އާސާރީ ތަންތަނަށް ގެއްލުން ދެމުން ކަމަށް ތުހުމަތުކޮށްފަ އެވެ. އަދި ބައެއް ބުޑިސްޓުން ވަނީ ލަންކާގެ ހިމާޔަތް ހޯދުމަށް އެގައުމަށްދާ ރޮހިންގާ މުސްލިމުންނާ ދެކޮޅަށްވެސް މުޒާހަރާކޮށްފަ އެވެ.
މިއަހަރުގެ އޭޕްރިލް މަހާއި ޖޫން މަހާ ދެމެދު ލަންކާގައި މުސްލިމުންނާ ދެކޮޅަށް 20 ހަމަލާއެއް ދީފައިވެ އެވެ. އޭގެ ތެރޭގައި މުސްލިމުން ވިޔަފާރި ކުރާ ތަންތަނުގައި ރޯކުރުމާއި މިސްކިތްތަކަށް ޕެޓްރޯލް ބޮން އުކުން ހިމެނެ އެވެ. އެފަދަ ހަމަލާތައް ހުއްޓުވުމަށް ލަންކާ ސަރުކާރުން އެކަށީގެންވާ ވަރަށް މަސައްކަތް ނުކުރާ ކަމަށް ބުނެ ސަރުކާރަށް ފާޑުކިޔުންތައް އަމާޒުވުމާ ގުޅިގެން މިދިޔަ ޖޫން މަހު ލަންކާގެ ރައީސް މައިތިރިޕާލާ ސިރިސޭނާ ވަނީ މުސްލިމުންނާ ދެކޮޅަށްދޭ ހަމަލާތައް ހުއްޓުވުމަށް ފިޔަވަޅު އެޅުމަށް ގައުމުގެ ލޯ އެންޑް އޯޑާ މިނިސްޓްރީއަށް އަމުރުކުރައްވާފަ އެވެ.
ލަންކާގެ އާބާދީގެ 70 ޕަސެންޓު ބުޑިސްޓުން ހިއްސާ ކުރާ އިރު މުސްލިމުން ހިއްސާ ކުރަނީ ނުވަ ޕަސެންޓެވެ. (ރޮއިޓާސް)