06 Aug 2011, 09:37
"ކޮބާ ގައުމީ ކަރާ އެބަހުރިތަ؟"
"ތިޔަ ނަން ކިޔާ އެއްޗެއް މި ގޮޅިއަކަށް ނުވައްދާނެ، އެއީ ގައުމީ ކަރައެެއް ނޫން އެއީ ފަސާދަ ކަރާ، ނޫނީ ފަސާދަ ކުރާ" މާލޭގެ ދަތުރުވެރިންގެ މާރުކޭޓުގައި ފުނިޖެހިފައިވާ ކަރާތަކުގެ ތެރޭގައި އިން ތޮއްޑޫގެ ދަނޑުވެރިޔަކު ބުންޏެވެ.
މިދައްކަނީ ގޯނިގޯނީގައި އެތަކެއް ސަތޭކަ ކަރައެއް ތޮއްޑޫން ރޯދައަށް މާލެ ގެންނައިރު ހިމެނޭ ކަރާގެ ތަފާތު ބާވަތްތަކުގެ ތެރޭގައި ހިމެނޭ ބޭރު ފުށަށް ރީނދޫކުލަ ޖެހިފަފައިވާ ކަރާގެ ވާހަކަ އެވެ. ތޮއްޑޫގެ ދަނޑުވެރިން "ރަންކަރާ" ގެ ނަމުން ކުރިންސުރެ މަޝްހޫރު ކޮށްފައިވާ ކަރާ މިހާރު ވަނީ ރީބްރޭންޑްކޮށް "ގައުމީ ކަރާ"ގެ ނަމަށް ބަދަލުކޮށްފަ އެވެ. ދަތުރުވެރިންގެ މާރުކޭޓްގައި "ގައުމީ ކަރާ" ވަނީ މިހާރު ވަރަށް މަގުބޫލު ބާވަތަކަށްވެ، އަދި ދަނޑުވެރިންގެ ތެރޭގައި ވެސް "ގައުމީ ކަރާ"ގެ ވާދަވެރި ކަމަމާ އަރައިރުމެއް އުފެދިފަ އެވެ. އެއް ބަޔަކު ބުނަނީ ރީނދޫ ކުލައިގެ އެ ކަރައަކީ "ގައުމީ ކަރާ" ކަމަށެވެ. އަނެއް ބަޔަކު ބުނަނީ އެއީ ބޭރުފުށަށް ރީނދޫ ކުލަ ހުންނަ، "ފަސާދަ ކުރާ" އެއް ކަމަށެވެ.
ކަރާ ހިފައިގެން އައިސް ހުރި އިބުރާހިމް ކިޔާ ދަނޑުވެރިޔަކު ބުނީ "ގައުމީ ކަރާ" ހައްދަނީ ތޮއްޑޫގައި ޑީއާރްޕީއަށް ނިސްބަތްވާ ދަނޑުވެރިން ކަމަށެވެ. އެމްޑީޕީއަށް ނިސްބަތްވާ މީހުން ހައްދަނީ ކުރިން "އަލަނާސި ކަރާ"ގެ ގޮތުގައި މަޝްހޫރުވެ މިދިއަ އަހަރުން ފެށިގެން "އެމްޑީޕީ ކަރާ"ގެ ނަމުން މަޝްހޫރުވެފައިވާ ކަރާ ކަމަށެވެ.
"އެމީހުން )ޑީއާރްޕީ މީހުން( ވަރަށް ނުވާން އުޅޭނެ. އެކަމަކު ގައުމީ ކަރާ ހައްދަނީ ޑީއާރްޕީގެ ދަނޑުވެރިން،" އިބުރާހިމް ބުންޏެވެ.
ކަރާ މާރުކޭޓްގައި އެއް ބަޔަކު ގައުމީ ކަރާ ބޮޑަށް މީހުންނަށް ދައްކާ "ގައުމީ ކަރާ" އިޝްތިހާރު ކުރާއިރު ދަނޑުވެރިންގެ ތެރެއިން އެނެއްބަޔަކު "ގައުމީ ކަރަ"އަށް ހަޖޫގެ ބަސްތައް ކިޔައެވެ. މާރުކޭޓްގައި ކަރާ ވިއްކާ ދަނޑުވެރިންގެ ތެރޭގައި ވެސް ގައުމީ ކަރައިގެ މައްސަލައިގައި ހިސާބަކަށް ބައިބައިވެ "ފެކްޝަން" އުފެދިފައި ވެއެވެ.
"އަހަރެންގެ ދަނޑަކުވެސް ތިއެއް ނުހައްދާނެ، އަހަރެންގެ ގޮޅިއެއްގައެއް ވެސް ތިއެއް ނުބައްޓާނަން، ތިޔައީ އަހަރެމެން ތެރޭ ފަސާދަ ކުރާއެއްޗަކަށް ވަނީވެފައި،" އެކަކު ބުންޏެވެ.
ކުރިން މަޝްހޫރުވި އަލަނާސި ކަރާ "އެމްޑީޕީ ކަރާ" އަށް ބަދަލުވުމުން ބޮޑު ވާދަވެރި ކަމެއް ނުއުފެދެ އެވެ. ނަމަވެސް އެމްޑީޕީން ބޭނުން ކުރާ ރީނދޫ ކުލައިގައި ހުންނަ ރަންކަރާ "ގައުމީ ކަރާ" އަށް ބަދަލުވުމުން އެއީ މައްސަލައެއް ހެއްޔެވެ؟ އަސްލުގައި ކުލައިގެ މައްސަލައެއް ނެތެވެ. މައްސަލައަކީ ވިސްނުމުގެ މައްސަލައެކެވެ.
"އާނ، މައްސަލައެއް، އެމްޑީޕީ ކަރާ ކިޔަންވީނު! ނޫކުލަ ޖައްސައިގެން އައިސް ޑީއާރްޕީ ކަރާ ކިޔަންވީނު، ގައުމީ ކަރައޭ ނުކިޔާ! އެހެނެއް ނުކިޔޭނެ. ގައުމީ ވޭވެ ގޮތްތަކެއް ކުލަތަކެއް ވެސް ހުންނާނެ،" ދަނޑުވެރިޔަކު ބުންޏެވެ.
މިފަހަރުގެ ރޯދަމަސް ފެށިގެން އާއިރު މާރުކޭޓްގައި "ގައުމީ ކަރާ ވަރަށް ގިނަ އެވެ. ނަމަވެސް މިހާރަކު އެބާވަތުގެ ކަރާ އެހާ ގިނައެއް ނޫންވެ. އަދި "އެމްޑީޕީ ކަރާ" ވެސް ހުރީ ވަރަށް މަދުންނެވެ. އެހެން ބާވަތްތަކުގެ ކަރަށްލަށް ވުރެ އަގުވެސް ބޮޑުކޮށް ވިއްކާ އެދެ ބާވަތް މާރުކޭޓްގައި މަދަސް މަޝްހޫރު އެ ދެބަވާތެވެ. ވާދަވެރިކަމާއި އަރައިރުމާއެކީގަ އެވެ.