ފިލްމު 'ޕަދްމާވަތީ'ގެ ބަތަލާ ދީޕިކާ ޕަދުކޯން އަށް ޖިސްމާނީ އަނިޔާ ދޭނެ ކަމުގެ އިންޒާރު ދިނުމާ އެކު އޭނާ އާއި ފިލްމުގެ ފިރިހެން ލީޑު ރަންވީރު ސިންްގްގެ ސަލާމަތީ ކަންކަމާ މުމްބާއީ ފުލުހުން ހަވާލުވެއްޖެ އެވެ.

ދެ ތަރިންނަށް ފުލުހުން ހިމާޔަތް ދީފައި ވަނީ ފިލްމާ ދެކޮޅަށް މަސައްކަތް ކުރަމުން އަންނަ ރާޖްޕުތު ކަރްނީ ސޭނާ އިން ދީޕިކާގެ "ނޭފަތް ބުރިކޮށްލާނެ" ކަމަށް ބުނެ އިންޒާރު ދީފައި ވަނިކޮށެވެ. ދީޕިކާ އަށް މަރުގެ އިންޒާރުތައް ވެސް ދަނީ ލިބެމުންނެވެ.

ރާޖްޕުތު ކަރްނީ ސޭނާ އިން އަންނަނީ ފިލްމު ރިލީޒް ކުރުމާ ދެކޮޅަށް އަޑުއުފުލައި މުޒާހަރާ ކުރަމުންނެވެ. މުމްބާއީ ފުލުހުން ބުނީ ސުލްހަވެރި މުޒާހަރާތަކަށް ފުލުހުން އެއްވެސް ގޮތެއްގައި ހުރަސް ނާޅާނެ ކަމަށާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން އެބައޮތް ކަމަށެވެ.

ނަމަވެސް ގާނޫނާ ޚިލާފުވާ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށާއި އެފަދަ އެއްވެސް ކަމަކަށް ފުރުސަތު ނުދޭނެ ކަމަށެވެ.

އެ ގްރޫޕުގެ އިންޒާރާ ގުޅިގެން ދީޕިކާ ބުނެފައި ވަނީ ފަންނާނެއްގެ ހައިސިއްޔަތުން އޭނާ މިއަދު ވަރަށް ދެރަވާ ކަމަށާއި ނަމަވެސް އިންޒާރު ދިނަސް އެއްވެސް ވަރަކަށް ބިރު ނުގަންނަ ކަމަށެވެ.