ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ ކުރިއަށް އޮތް ފިލްމު 'ޕަދްމާވަތީ' ރިލީޒް ކުރުމާ ދެކޮޅަށް ވަރުގަދަ މުޒާހަރާތަކެއް ކުރިއަށް ދަނިކޮށް އިންޑިއާގެ ސެންސަރު ބޯޑުން ފިލްމު އަނބުރާ ފޮނުވާލައިފި އެވެ.

ދީޕިކާ ޕަދުކޯން، ޝާހިދު ކަޕޫރު އަދި ރަންވީރު ސިންގ ލީޑު ރޯލުތަކުން ފެނިގެންދާ 'ޕަދްމާވަތީ' އަނބުރާ ފޮނުވާލާފައި ވަނީ ފިލްމު ހުށަހެޅި އެޕްލިކޭޝަން ފޯމު ފުރިހަމަ ނޫން ކަމަށް ބުނެ އެވެ.

ސެންސަރު ބޯޑުން ބުނެފައި ވަނީ ސާޓިފިކޭޝަން އަށް ފިލްމު ހުށަހެޅި ފޯމުގައި ފުރަން ޖެހޭ ބައެއް މައުލޫމާތުތައް ފުރިހަމަކޮށްފައި ނުވާ ކަމަށެވެ. އެހެންކަމުން ފިލްމު އަނބުރާ ފޮނުވާލީ މައުލޫމާތު ފުރިހަމަ ކުރުމަށް ފަހު އަލުން ހުށަހެޅުމަށް ކަމަށް ސެންސަރު ބޯޑުން ބުންޏެވެ.

އަންނަ ޑިސެމްބަރު މަހު ފިލްމު ރިލީޒް ކުރުމަށް ތައްޔާރުވެފައި ވާއިރު، ފިލްމުގައި ތާރީޚު އޮޅުވާލާފައިވާ ކަމަށް ބުނެ ފިލްމާ ދެކޮޅަށް މުޒާހަރާ ކުރަމުން އަންނަ ރާޖްޕުތު ކަރްނީ ސޭނާ އިން ވަނީ އެ މީހުންނަށް ނުދައްކާ ފިލްމު ރިލީޒްކޮށްފި ނަމަ ސިނަމާތައް ރޯކޮށްލާނެ ކަމަށް ބުނެ އިންޒާރު ދީފަ އެވެ.

އަދި ފިލްމުގެ ޓްރެއިލާ ދެއްކި ސިނަމާއަކަށް ވެސް ވަނީ ގެއްލުން ދީފަ އެވެ. އޭގެ އިތުރުން ފިލްމު ރިލީޒް ކުރުން ހުއްޓުވުމަށް ސުޕްރީމް ކޯޓަށް ވަނީ ޕެޓިޝަނެއް ވެސް ހުށަހަޅައިފަ އެވެ. ނަމަވެސް ކޯޓުން ވަނީ އެ ޕެޓިޝަން ބޭރުކޮށްލައިފަ އެވެ.

ފިއްތުންތަކުގެ ސަބަބުން ފިލްމު ރިލީޒް ކުރުން ފަސްކޮށްފައިވާ ކަމަށް ބުނެ ދެކެވޭ ވާހަކަތައް ފިލްމު އުފައްދާ ފަރާތުން ވަނީ ދޮގުކޮށްފަ އެވެ.