އަނިޔާގެ ސަބަބުން ދެ މަހެއްހާ ދުވަހު ކުޅުމާ ދުރުގައި ހުރުމަށް ފަހު ކުޅުނު ފުރަތަމަ މެޗުގައި ޕައުލް ޕޮގްބާ މެންޗެސްޓާ ޔުނައިޓެޑަށް ތަފާތު ދައްކައިދީފަ އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޔުނައިޓެޑާއި ނިއުކާސަލް ޔުނައިޓެޑް ބައްދަލުކުރި މެޗު 1-4 އިން ކާމިޔާބުކުރީ ޔުނައިޓެޑެވެ. މި މޮޅާ އެކު އެ ޓީމަށް ވަނީ 26 ޕޮއިންޓާ އެކު ތާވަލުގެ ދެ ވަނައަށް ޖެހިލައިފަ އެވެ.

ޔުނައިޓެޑްގެ ދަނޑުގައި ކުޅުނު މި މެޗުގައި ނިއުކާސަލް އިން ވަނީ މެޗުގެ ކުރީކޮޅު ލަނޑެއް ޖަހައި ލީޑު ނަގައިފަ އެވެ. މި ލަނޑު މެޗުގެ 14 ވަނަ މިނެޓުގައި ޖަހައިދިނީ ޑްވައިޓް ގޭލް އެވެ.

މި ލަނޑާ އެކު ޔުނައިޓެޑުން ވަނީ ކުޅުން ރަނގަޅުކޮށް ނަތީޖާ އެއްވަރުކޮށްފަ އެވެ. މެޗުގެ 37 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ޖަހައިދިނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ޕޮގްބާގެ ޕާހަކުން އެންތޮނީ މާޝިއަލް އެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުކޮޅު ތެރޭ ޔުނައިޓެޑަސް ލީޑު ނަގައިދިނީ އެ ޓީމުގެ އިނގިރޭސި ޑިފެންޑަރު ކްރިސް ސްމޯލިން އެވެ.

ދެ ވަނަ ހާފު ފެށިގެން 54 ވަނަ މިނެޓުގައި ޕޮގްބާ ވަނީ ލަނޑެއް ޖަހައި ޔުނައިޓެޑްގެ ލީޑު ފުޅާކޮށްދީފަ އެވެ. ޔުނައިޓެޑަށް ތިން ޕޮއިންޓް ޔަގީން ކޮށްދިން ލަނޑު މެޗުގެ 70 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ރޮމެލޫ ލުކާކޫ އެވެ.

އަނިޔާގެ ސަބަބުން ހަތް މަހު ދަނޑުން ބޭރުގައި ހޭދަ ކުރުމަށް ފަހު ޒްލާޓަން އިބްރަހިމޮވިޗް ވަނީ ޔުނައިޓެޑްގެ ޖާޒީގައި ފެނިފަ އެވެ. އޭނާ މެޗުގައި އަރާފައި ވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގަ އެވެ.