19 Nov 2017, 00:16
ޚިދުމަތް ކުރަންވީ ގައުމުގައި ހުރެގެން ކަމަށާއި ވިސްނުމާއި ފިކުރަށް އަންނަ ބަދަލެއްގެ ސަބަބުން ދުވަހަކުވެސް ގައުމުން ބޭރަށް އަރުވާލެވިގެން ނުހުންނަވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ސަރުކާރުން ކުރިއަށްގެންދާ އެންމެ ބޮޑު ބޯހިޔާވަހި ކަމުގެ މަޝްރޫއު "ހިޔާ" އިފްތިތާހު ކުރުމަށް މިރޭ ހުޅުމާލޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދަައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނަކީ އަބަދު ވެރިކަމުގައި ހުންނަވާނެ މީހެއް ނޫން ކަމަށާއި ވިސްނުމާއި ފިކުރަށް އަންނަ ބަދަލެއްގެ ސަބަބުން ގައުމު ދޫކޮށްދާނެ މީހެއްވެސް ނޫން ކަމަށެވެ. އަދި ވިދާޅުވީ އަބަދުވެސް ހިދުމަތް ކުރާނީ ގައުމުގައި ހުރެގެން ކަމަށެވެ.
"އަޅުގަނޑަކީ އެއްގޮތަކަށް ވެސް އަޅުގަނޑު ދައްކާ ވާހަކައަކުން ނޫނީ އަޅުގަނޑުގެ ވިސްނުމާއި ފިކުރަށް އަންނަ ބަދަލަކުން ގައުމު ދޫކޮށްލާފައި އަމިއްލައަށް އަރުވާލެވިގެން ހުންނާނެ މީހަކަށް އިރާދަކުރެއްވިއްޔާ ދުވަހަކުވެސް ނުވާނަން،" ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނަކީ އަބަދުވެސް ދިވެހި ރައްޔިތެއް ކަމަށާއި އެމަނިކުފާނު މަސައްކަތް ކުރައްވަނީ ދިވެހި ރައްޔިތުންނަށް ބޭނުންވާ ކަންކަން ފުރިހަމަ ކުރެއްވުމަށް ކަމަށެވެ. އަދި ވެރިކަމުގައި ދެމި ހުރިހާ ހިނދަކުވެސް އަދި އޭގެ ފަހުންވެސް އެ މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
ރައީސް އިތުރަށް ވިދާޅުވީ، ސިޔާސީ ލީޑަރުން ވެސް އެފަދައިން ދިވެހި ރައްޔިތުންނަށް ބޭނުންހުރި ކަންކަން ކުރެއްވުމަށް ވިސްނާވަޑައިގަތުމަށް އެދޭ ކަމަށެވެ.
އިދިކޮޅު ބައެއް ލީޑަރުން ރާއްޖެ އިން ބޭރަށް އަރުވާލެވިގެން ތިބެގެން ސަރުކާރަށް ދަތިކުރަމުންދާކަން ފާހަގަ ކުރައްވަމުން ރައީސް ޔާމީން ވިދާޅުވީ، ލީޑަރުންނާއި މަޝްވަރާ ކުރަންވީ ކުށްކޮށްގެން ޖަލަށްލާ މީހާ ދޫކޮށްލުމާއި ގުޅޭ ގޮތުން ނޫން ކަމަށެވެ. އަދި ވިދާޅުވީ ލީޑަރުން މަޝްވަރާ ކުރަންވީ ރައްޔިތުންނަށް ބޭނުން ހުރި ކަންކަން ފުރިހަމަ ކުރެވޭނެ ގޮތްގޮތާ ގުޅޭ ގޮތުން ކަމަށެވެ.
ހިޔާ މަޝްރޫއު އިފްތިތާހު ކުރުމަށް މިއަދު ބޭއްވި ޖަލްސާގައި ގިނަ އަދަދެއްގެ އާންމުންނާއި ސަރުކާރުގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.
ހިޔާ މަޝްރޫއުގެ ދަށުން އެއް ލައްކައަށް ވުރެ ގިނަ މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް މަސައްކަތް ކުރާނެ ކަމަށް ސަރުކާރުން މިރޭ ވަނީ އިއުލާންކޮށްފަ އެވެ.