މިދިޔަ ޖޫންމަހު އެމެރިކާގެ ކަނެކްޓިކަޓްގެ މަގެއްގެ މަތީގައި މަރުވި ސިންގާއެއް، މަރުވުމުގެ ކުރިން މުޅި އެމެރިކާގެ ދެބައިކުޅަ އެއްބައިގާ ދަތުރުކޮށްފައިވާ ކަމަށް އޭގެ ހަށިގަނޑު ދިރާސާކުރި ސައިންސްވެރިން ބުނެފި އެވެ.

ސިންގާގެ ޑީއެންއޭ ދިރާސާކުރި ސައިންސްވެރިން ބުނި ގޮތުގައި އޭގެ އަސްލު ވަޒަނަކީ އޭތި މަރުވި ސަރަހައްދާ 1800 މޭލް ދުރުގައިވާ ސައުތު ޑަކޯޓާގެ ބްލެކް ހިލްސް އެވެ. އެމީހުން ބުނާ ގޮތުގައި މިއީ މިބާވަތުގެ ޖަނަވާރެއް މިހާ ދިގު ދަތުރެއް ކުރިކަން އެނގުނު ފުރަތަމަ ފަހަރެވެ.

މައުންޓެން ލަޔަން ނުވަތަ ޕޫމާ ނުވަތަ ކަގުއާ ކިޔާ މިވައްތަރުގެ ސިންގާއަކީ އެމެރިކާ ބައްރަށް ހާއްސަ އެއްޗެކެވެ. އެވައްތަރުގެ ސިންގާ ކުރިން ބްރިޓިޝް ކޮލަމްބިއާ، އާޖެންޓީނާ، އަދި ޗިލީ ގައި އުޅުނުކަމުގައި ވިޔަސް މިހާރު ފެންނަނީ ހަމައެކަނި ކެނެޑާއާއި އެމެރިކާއިން ނެވެ.

ނިއުޔޯކް ސިޓީގެ އިރު އުތުރުން 50 މޭލު ދުރުގައި ކަނެކްޓިކަޓްގެ މިލްފޯޑްގެ މަގެއްގެ މަތީގައި ކާރަކުން ޖެހި މަރުވި ސިންގާއަކީ ފާއިތުވި ބައިގަރުނު ތެރޭގައި އެސަރަހައްދުން ފެނު ފުރަތަމަ މިބާވަތުގެ ސިންގާ ކަމަށް ސިންގާ ދިރާސާކުރި ސައިންސްވެރިން ބުންޏެވެ. -- ބީބީސީ