19 Nov 2017, 00:37
އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އާއި ލިވަޕޫލް ފަސޭހަ މޮޅެއް ހޯދައިފި އެވެ.
ޗެލްސީ އިން ރަށުން ބޭރުގައި ކުޅުނު މި މެޗު ވެސްޓް ބްރޮމްއާ ވާދަކޮށް ކުރި ހޯދީ 0-4 ގެ ނަތީޖާ އަކުންނެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އާއި ވެސްޓް ބްރޮމް ބައްދަލުކުރި މެޗުގެ ތެރެއިން -- ފޮޓޯ/ އޭޕީ
މި މެޗު ވެސްޓްބްރޮމް އިން ވަރުގަދަކޮށް ފެށި ނަމަވެސް މެޗުގެ 12 ވަނަ މިނެޓުގައި އަލްވަރޯ މޮރާޓާ ވަނީ ޗެލްސީއަށް ލީޑު ނަގައިދީފަ އެވެ. މޮރާޓާ ދިން ޕާހަކުން ޗެލްސީގެ ދެ ވަނަ ގޯލު މެޗުގެ 23 ވަނަ މިނެޓުގައި އެޑެން ހަޒާޑް ކާމިޔާބު ކޮށްދިން އިރު ފުރަތަމަ ހާފު ނިމުމުގެ ކުރިން މާކޮސް އަލޮންސޯ ވަނީ އެ ޓީމަށް ލީޑު ފުޅާކޮށްދީފަ އެވެ.
ޗެލްސީގެ ހަތަރު ވަނަ ގޯލު މެޗުގެ 62 ވަނަ މިނެޓުގައި ހަޒާޑް ކާމިޔާބުކޮށްދިން އިރު ގޯލު ޖަހާނެ އިތުރު ފުރުސަތުތަކެއް ވެސް ހަޒާޑަށް ލިބިފައިވެ އެވެ. މިއީ ލީގުގައި ޗެލްސީން ޖެހިޖެހިގެން ހޯދި ހަތަރު ވަނަ މޮޅެވެ.
މީގެ އިތުރުން ޕްރިމިއާ ލީގުގައި ސައުތުހެމްޓަންއާ ދެކޮޅަށް ކުޅުނު މެޗުން ލިވަޕޫލް ވަނީ 0-3 އިން މޮޅުވެފަ އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލާއި ސައުތުހެމްޓަން ބައްދަލުކުރި މެޗުގެ ތެރެއިން -- ފޮޓޯ/ އޭޕީ
މި މެޗުގައި ލިވަޕޫލްގެ ފުރަތަމަ ލަނޑު މެޗުގެ 31 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ މުހައްމަދު ސަލާހު އެވެ. އޭގެ 10 މިނެޓު ފަހުން ސަލާހު ވަނީ އިތުރު ލަނޑެއް ޖަހައި ލިވަޕޫލަށް ލީޑު ފުޅާ ކޮށްދީފަ އެވެ. މިއީ ލީގުގައި އޭނާ ޖެހި ހަތް ވަނަ ލަނޑެވެ. ލިވަޕޫލްގެ ތިން ވަނަ ލަނޑު މެޗުގެ 68 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފިލިޕް ކުޓީނިއޯ އެވެ.
މިރޭގެ މެޗުން މޮޅުވެ، ޗެލްސީ އޮތީ 25 ޕޮއިންޓާ އެކު ލީގުގެ ތިން ވަނައިގަ އެވެ. ލިވަޕޫލް އޮތީ 22 ޕޮއިންޓާ އެކު ލީގުގެ ފަސްވަނައިގަ އެވެ.