18 Nov 2017, 23:00
އިނގިރޭސި ޕްރިމިއަރ ލީގުގައި ޓޮޓެންހަމް ބަލިކޮށް އާސެނަލް އިން ތަފާތު ދައްކައިފި އެވެ.
އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކުރީ 0-2 ގެ ނަތީޖާ އަކުންނެވެ. މި މޮޅާ އެކު އާސެނަލް ވަނީ 22 ޕޮއިންޓާ އެކު ތާވަލުގެ ފަސް ވަނަ މަގާމަށް ޖެހިލައިފަ އެވެ. ޓޮޓެންހަމް އޮތީ 23 ޕޮއިންޓާ އެކު ލީގުގެ ހަތަރު ވަނައިގަ އެވެ.
މިއަދުގެ މެޗުގައި ޓޮޓެންހަމްގެ ފަރާތުން ޑިފެންސިވް ކުޅުމެއް ފެނިގެންދިޔަ އިރު، ފުރަތަމަ ހާފުގައި އާސެނަލްގެ ގޯލަށް ނުރައްކާތެރި ދެ ހަމަލާއެއް ޓޮޓެންހަމްގެ ފޯވާޑް ހެރީ ކޭން ވަނީ ފޮނުވާލައިފަ އެވެ. އެގޮތުން ކޭން ފޮނުވާލި ފުރަތަމަ ހަމަލާ އާސެނަލްގެ ކީޕަރު ޕީޓާ ޗެކް ދިފާއުކުރި އިރު، އޭނާ ފޮނުވާލި ދެ ވަނަ ހަމަލާ ދިޔައީ ގޯލުގެ ކުޑަތަންކޮޅެއް ބޭރުންނެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ލަނޑު އާސެނަލަށް މެޗުގެ 36 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ޑިފެންޑަރު ސްކޮރްދާން މުސްތާފީ އެވެ. އަދި އޭގެ ފަސް މިނެޓު ފަހުން އެލެކްޒެންޑާ ލަކަޒެޓް ދިން ޕާހަކުން އެލެކްސިސް ސަންޗޭޒް ވަނީ ލަނޑެއް ޖަހައި އާސެނަލަށް ލީޑު ފުޅާކޮށްދީފަ އެވެ.
މިއީ 2015 ވަނަ އަހަރަށްފަހު އާސެނަލަށް ޓޮޓެންހަމްގެ މައްޗަށް ކުރި ހޯދުނު ފުރަތަމަ ފަހަރެވެ. މިއީ މިސީޒަނުގެ ލީގުގައި ޓޮޓެންހަމް ބަލިވި ތިން ވަނަ މެޗެވެ.