18 Nov 2017, 23:32
ހުޅުމާލޭގެ ފޭސް އެކެއްގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ މި ދައުރުގެ ފަސް އަހަރު ނިމޭއިރު 3500 ހައުސިން ޔުނިޓް ހުންނާނެ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަން ވިދާޅުވެއްޖެ އެވެ.
މިރޭ ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި ކުރިއަށްގެންދާ "ހިޔާ" މަޝްރޫއު އިފްތިތާހު ކުރުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ސައިމަން ވިދާޅުވީ، ހުޅުމާލެ އަކީ މިހާރު 14 އަހަރު ވެފައިވާ ސިޓީއެއް ކަމަށެވެ. އެ ސިޓީގައި ފުރަތަމަ 10 އަހަރު ތެރޭގައި އަޅާފައި ވަނީ 2000 ހައުސިން ޔުނިޓް ކަމަށް ސައިމަން ވިދާޅުވި އެވެ.
ނަމަވެސް ރައީސް ޔާމީންގެ ފަސް އަހަރުގެ ދައުރު ނިމޭ އިރު ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި 3500 ހައުސިން ޔުނިޓް އަޅައި ނިމޭނެ ކަމަށް ސައިމަން ވިދާޅުވި އެވެ.
"މުޅި ޖުމްލަ ގާތްގަނޑަކަށް 3500 އެއްހާ ހައުސިން ޔުނިޓް ހަމައެކަނި ފޭސް އެކަކުން އަޅުގަނޑުމެންނަށް ރައީސް ޔާމީންގެ ޒައާމަތުގައި މި ހަތަރު އަހަރާއި މިއަންނަ 2018 އާ އެއްކޮށްލައިގެން ބަލާލާއިރު ނިމިގެންދާނެ،" ސައިމަން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ފުރަތަމަ 10 އަހަރު އަޅާފައިވާ ހައުސިން ޔުނިޓް ތަކަށް ބަލާ އިރު، އަހަރަކަށް ޖެހެނީ 200 ހައުސިން ޔުނިޓް ކަމަށެވެ. އެހެން ނަމަވެސް ރައީސް ޔާމީންގެ ފަސް އަހަރުގައި އެ އަދަދު އަހަރަކަށް 700 އަށް ބަދަލުކުރެވިފައިވާ ކަމަށް ސައިމަން ވިދާޅުވި އެވެ.
ސައިމަން ވިދާޅުވީ، އެ އަދަދަކީ ފޭސް ދޭއްގައި އަޅާ ހައުސިން ޔުނިޓްތައް ނުހިމަނާ ޖެހޭ އަދަދު ކަމަށެވެ.
"އަޅުގަނޑު އަދި އެއް ގޮތަކަށް ވެސް ފޭސް 2 އަދި މިރޭ ބިންގާ އެޅިގެން މިދާ ހައުސިންގެ ވާހަކަ އެއްވެސް ވަރަކަށް މީގަ ނުހިމަނާނަން. އަޅުގަނޑަށް ހީވަނީ އެ ހިމަނައިފި ކަމުގަ ވެއްޖެއްޔާ އަޅުގަނޑުމެންނާ ވާދަކުރައްވާ ފަރާތްތަކުން އެ ނަމްބަރުތައް ފެނި ހަމަ ހަގީގަތުގައިވެސް ސިކުނޑިއަށް ވަރަށް ބޮޑަށް ބުރަވެގެން އަންނާނެ،" ސައިމަން ވިދާޅުވި އެވެ.
އޭނާގެ ވާހަކަފުޅުގައި ރާއްޖޭގައި ބޯހިޔާވަހި ކަމުގެ މައްސަލަ ކުރިމަތިވެފައި ވަނީ ރައީސް ޔާމީންގެ ވެރިކަމުގައި އެކަނި ނޫން ކަމަށާއި، އެއީ މާ ކުރިންސުރެ ވެސް އޮތް މައްސަލައެއް ކަމަށެވެ.
ސައިމަން ވިދާޅުވީ ރައީސް ޔާމީންގެ ބޯހިޔާވަހި ކަމުގެ ވައުދު އޮތީ، ކުރީ ސަރުކާރުތަކުގައި ތިއްބެވި ބޭފުޅުންނާ އަޅާ ބަލާއިރު އެތައް ގުނައެއް މައްޗަށް ޖެހިފައި ކަމަށެވެ.
ހިޔާ މަޝްރޫއު އިފްތިތާހު ކޮށްދެއްވީ ހުޅުމާލޭގައި ކުރިއަށްދާ ރަސްމިއްޔާތުގައި ރައީސް އަބްދުﷲ ޔާމީން އަދި އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމެވެ. އެ މަޝްރޫއުގެ ދަށުން 16 ބުރީގެ 25 ޓަވަރު އިމާރާތް ކުރަން ވަނީ ހަމަޖެހިފަ އެވެ.