18 Nov 2017, 19:38
ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)ގެ ތަހުގީގަށް ފުލުހުން ހުރަސް އަޅާ ކަމަށް އެ ކޮމިޝަނުގެ ރައީސް ޔޫސުފް މާނިއު ވިދާޅުވެއްޖެ އެވެ.
މާނިއު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކަންތައްތަކާ މަޝްވަރާ ކުރުން ނިމުނީ ކަމަށެވެ. އަދި ކޮމިޝަނުގެ ތަހުގީގުތަކަށް ހުރަސް އަޅާ ފުލުހުންނާ މެދު އެ ކޮމިޝަނަށް ލިބިފައިވާ ގާނޫނުގެ ބާރު ހިފާނެ ކަމަށް އޭނާގެ ޓްވީޓުގައި ވިދާޅުވެފައިވެ އެވެ.
އެކަމާ ގުޅިގެން އިތުރު ތަފްސީލު ދެއްވަމުން މާނިއު ވިދާޅުވީ، ފުލުހުންނާ ގުޅޭ ގިނަ މައްސަލަތަކެއް އެ ކޮމިޝަނުގައި ހުރި ކަމަށާއި، އެ މައްސަލަތައް ނިންމުމަށް ފުލުހުންގެ ތެރެއިން ލިބެންޖެހޭ އެއްބާރުލުން ނުލިބޭ ކަމަށެވެ.
އޭނާ ވިދާޅުވީ، އެއްބާރުލުން ނުލިބޭތީ ސިޓީ ފޮނުވައިގެންނާއި ގުޅައިގެންވެސް ވާހަކަދައްކާފައިވާނެ ކަމަށެވެ. އެހެން ނަމަވެސް ފުލުހުންގެ ފަރާތުން އެއްބާރުލުން ލިބެމުން ނުދާކަމަށް މާނިއު ފާހަގަ ކުރެއްވި އެވެ.
މާނިއު ވިދާޅުވީ، ފުލުހުން އެގޮތަށް އަމަލު ކުރާނަމަ އެންއައިސީއަށް ލިބިގެންވާ ގާނޫނީ ބާރުގެ ބޭނުންކޮށްގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ.
"މައްސަލަތައް ނިންމުމަށް ކޮމިޝަނަށް ލިބިގެންވާ ގާނޫނީ ބާރު ބޭނުން ކުރަންޖެހިއްޖެ ނަމަ އެބާރުގެ ބޭނުންވެސް ކުރާނަން،" މާނިއު ވިދާޅުވި އެވެ.
މާނިއު ވިދާޅުވީ، ފުލުހުންގެ ފަރާތުން އެއްބާރުލުން ނުލިބުމުގެ ސަބަބުން މައްސަލަތައް ނުނިމުމުން މުޖުތަމައުގެ ފާޑުކިއުމެއް ރައްދުވަނީ އެ ކޮމިޝަނަށް ކަމަށެވެ.
"ހަގީގަތުގައި ޕަބްލިކަކަށް ނޭނގޭ އަޅުގަނޑުމެން ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް އެ ކުރާ މަސައްކަތެއް. ފުލުހުންގެ ފަރާތުން ލިބެންޖެހޭ އެއްބާރުލުން ނުލިބުމުން ޕަބްލިކުގެ ހުރިހާ ފާޑުކިއުމެއް އަންނަނީ އަޅުގަނޑުމެންނަށް،" މާނިއު ވިދާޅުވި އެވެ.
މާނިއު ވިދާޅުވީ، އެ ކޮމިޝަނުން ބަލަމުންދާ މައްސަލަތަކަކީ ރައްޔިތުންގެ ހައްގުތަކާ ގުޅިފައިވާ މައްސަލަތަކެއް ކަމަށާއި، އެ މައްސަލަތައް ނުނިމި އެ ކޮމިޝަނުގައި ހިފަހައްޓާފައި ބޭއްވުމަކީ އެތައް ރައްޔިތެއްގެ ހައްގު ގެއްލިގެންދާނެ ކަމެއް ކަމަށެވެ.
އެ ކޮމިޝަނުން ބަލަމުންދާ މައްސަލަތަކަށް ފުލުހުންގެ އެއްބާރުލުން ނުލިބުނު ނަމަވެސް، މޯލްޑިވްސް ކަސްޓަމްސް ސާވިސް އާއި މޯލްޑިވްސް އިމިގްރޭޝަން އަދި މޯލްޑިވްސް ކަރެކްޝަންސް ސާވިސް އިން އެ ކޮމިޝަނަށް އެއްބާރުލުން ދެމުންދާކަން މާނިއު ފާހަގަ ކުރެއްވި އެވެ.