މާބޮޑަށް ހިތް ހަލާކުވެ، އެކަމާ ހިތާމަ ކުރުމަކީ ހާޓް އެޓޭކެއް ޖެހުމުން މީހާއަށް ކުރާ އަސަރާ އެއްވަރު ކަމެއް ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.

މި ފަދަ ހާލަތްތައް ދިމާވެފައި ތިބޭ މީހުންނަކީ ލޯބިވާ މީހެއްގެ ފަރާތުން ބޭވަފާތެރިކަން ކުރިމަތިވެފައިވާ މީހުންނެވެ. ހިތް ހަލާކުވެ، އެ ހިތާމަ ބޮޑުވެ، އެކަމުގައި އުމުރު ހޭދަކުރަން ބޭނުންވާ މީހުންނެވެ.

ހިތް ހަލާކުވުމުން ކުރާ އަސަރަކީ ވަގުތީ ކަމެއް ކަމަށް މީގެ ކުރިން ބެލެވިފައި ވީނަމަވެސް އެއީ ހާޓް އެޓޭކެއް ޖެހުމުން ކުރާ އަސަރުތަކާ އެއްގޮތަށް ދާއިމީ ކަމެއް ކަމަށް ފަހުން ކުރި ދިރާސާއެއްގައި ބުނެފައިވެއެވެ.

އެފަދަ މީހުންގެ ހިތަށް ކޮށްފައިވާ އަސަރު މެޑިކަލް ޓެސްޓްތަކުގެ އަލީގައި ވެސް ދެނެގަނެވޭ ކަމަށް ޔުނިވާސިޓީ އޮފް އަބާޑީން އިން ކުރި ދިރާސާއެއްގައި ވެސް ވަނީ ބުނެފައެވެ.

ހާޓް އެޓޭކް ޖެހުމުން ހިތުގައި ހުންނަ މަސްތަކުގެ ބާރު ދަށްވެ އެވެ. އެއާއެކު ހިތް އެންމެ ފުރިހަމައަށް މަސައްކަތް ކުރުން ހުއްޓެއެވެ. ހިތް ހަލާކު ވެފައިވާ މީހާގެ ހާލަކީ ވެސްމި އެވެ.

މީހަކަށް ދެރައެއްދީ އޭނާގެ ހިތް ހަލާކު ކޮށްލުމުގެ ކުރިން ވިސްނާލާށެވެ. އެކަމަކީ އުމުރަށް ވެސް އޭގެ އަސަރު ކުރާނެ ކަމެކެވެ.