18 Nov 2017, 16:47
ދައުލަތުގެ ބަޖެޓަށް ވޯޓު ނުދެއްވާ މަޖިލީހުގެ މެންބަރުން ނިސްބަތްވާ ދާއިރާތަކުގައި ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދަން ދަތި ވާނެ ކަމަށް ފިނޭންސް މިނިސްޓަރު އަހްމަދު މުނައްވަރު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު އެހެން ވިދާޅުވެފައި ވަނީ އަންނަ އަހަރަށް ލަފާކުރާ ބަޖެޓު ދިރާސާކުރުމަށް އެކުލަވާލާފައިވާ ކޮމެޓީގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ.
ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ)އަށް އަންނަ އަހަރުގެ ބަޖެޓްގައި ހުރި ކަންކަމާ ގުޅޭ މައުލޫމާތު ސާފަކުރުމަށް މިއަދު ބޭއްވި ބަޖެޓް ކޮމެޓީގައި ވާހަކަފުޅު ދައްކަވަމުން މުނައްވަރު ވިދާޅުވީ ބަޖެޓާ ގުޅުވައިގެން އިދިކޮޅު މެންބަރުން އެއްވެސް އަސްލެއް ނެތް ވާހަކަތަކެއް ދައްކަވަމުން ގެންދަވާ ކަމަށެވެ.
ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް އިދިކޮޅު މެންބަރުން ބަޖެޓަށް ހިޔާލުފާޅު ކުރި ނަމަވެސް ދައުލަތުގެ ބަޖެޓު ފާސްކުރުމަށް ސަރުކާރާ އެކު ގުޅިގެން އެ މެމްބަރުން މަސަތްކަތްފުޅު ކުރައްވާ ކަމަށް މުނައްވަރު ވިދާޅުވިއެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ދިރާސާކުރުމަށް ބޭއްވި ކޮމެޓީ ބައްދަލުވުމުގެ ތެރެއިން --ސަން ފޮޓޯ/ މުހައްމަދު އަފްރާހް
"އަޅުގަނޑުމެންގެ ސަރުކާރުން ބަޖެޓަށް ވޯޓު ނެދެއްވާ ބަޔަކަށް އަޅުގަނޑުމެން ދަތިވާނެ ނޫންތޯ ޕްރޮޖެކްޓްތައް ހިންގުމުގައި ވެސް. މިއީ ހަމަ ހަގީގަތް. މިއަހަރު ތެރޭގަ ވެސް ގަބޫލުކުރަން ޖެހޭ އިބަ އަޅުގަނޑުމެންގެ ބަޖެޓް ފާސްވެގެންދާއިރު ކިތަށް ބޭފުޅުންތޯ އަޅުގަނޑުމެނަށް ވޯޓު ދެއްވީ،" މިނިސްޓަރު ވިދާޅިވިއެވެ.
އިދިކޮޅު ޕާޓީތަކުގައި ތިބި ބައެއް މެންބަރުން ވެސް ސަރުކާރާ ގުޅިގެން މަސަތްކަތްކޮށް ބެޖެޓަށް ވޯޓު ދޭ ކަން ފާހަގަކޮށް މިނިސްޓަރު މުނައްވަރު ވިދާޅުވީ އެ ދާއިރާތަކަށް އިސްކަންދީގެން ޕްރޮޖެކްޓައް ހިންގާނެ ކަމަށެވެ.
މުނައްވަރު ވިދާޅުވީ ބަޖެޓު ބޮޑުވެގެން އިދިކޮޅު މެންބަރުން ތަފާތު އެކި ފޯރަމްތަކުގައި ވާހަކަ ދައްކަވާ ކަމަށާއި ނަމަވެސް ހަމަ އެ މަންބަރުން އައިސް އެ މެމްބަރުންގެ ދާއިރާތަކަށް ކަނޑައަޅާފައިވާ ބެޖެޓު ކުޑަވެގެން ޕްރޮޖެކްޓްތައް ހިންގައި ދިނުމަށް އެދެމުންދާ ކަމަށެވެ.
އެހެން ކަމުން އިދިކޮޅު މެންބަރުން ދައްކަވަމުންދާ ވާހަކައިގެ އިހްލާސްތެރިކަމާ މެދު މުނައްވަރު ވަނީ ސުވާލު އުފައްދާފައެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ދިރާސާ ކުރާ މަޖިލީހުގެ ކޮމެޓީން މިއަދު ބޭއްވި ބައްދަލުވުމުގައި އިދިކޮޅު ބައެއް މެންބަރުން ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް
އެކަމަށް ރައްދު ދެއްވައި ޖުމްހޫރީ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރު އަލީ ހުސައިން ވިދާޅުވީ ޕީއެސްއައިޕީގެ މަޝްރޫއުތައް ހިންގުމުގައި ހުރިހާ ދާއިރާއަކަށް ވެސް ހަމަހަމަކަމާ އެކު ކުރިއަށް ގެންގޮސް ދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
"އަޅުގަނޑުމެން މި އެދެނީ ލިބޭ މިންވަރެއް ދައުލަތުގެ އިންކަމް ނުވަތަ ދައުލަތުގެ އާންމްދަނީގެ ގޮތުގައި މި ލިބޭ މިންވަރެއް އިންސާފުވެރިކަމާ އެކީގަ ރައްޔިތުންނަށް ބަހާ ދޭށޭ. މަޖިލީހުގައި މެންބަރުން ވޯޓުލާ ގޮތަކަށް ނުބަލާ އިންސާފްވެރިކަމާއި އެކީގަ ރައްޔިތުން ތިބި ރަށްރަށުގަ ކުޑަ ރަށަކަށް ވި ނަމަވެސް ބޮޑު ރަށަކަށް ވި ނަމަވެސް އިންސާފްވެރިކަމާއި އެކީގަ ބަހާލަ ދޭށޭ،" އަލީ ހުސެން ވިދާޅުވިއެވެ.