18 Nov 2017, 16:27
ދިވެހިރާއްޖޭގެ މިއަހަރުގެ ޒުވާނުންގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށް ކުރިއަށް ގެންދާ ޚަރަކާތްތަކުގެ ތެރެއިން، ސްރީ ލަންކާގައި ހުންނަ މޯލްޑިވިއަން އެޑިއުކޭޝަނަލް އެންޑް ކަލްޗަރަލް ސެންޓަރު (އެމްއީސީސީ)ގެ ފަރާތުން ދިވެހި ޒުވާނުންނަށް ޚައްސަކޮށްގެން ފުޓްސަލް މުބާރާތަކާއި ހޭންޑްބޯލް މުބާރާތެއް ފަށައިގެން ކުރިއަށް އެބަ ގެންދެއެވެ.
ލަންކާގައި ހުންނަ ދިވެހި އެމްބަސީގެ ފަރާތުން ހިންގާ އެމްއީސީސީގައި ކުރިއަށްގެންދާ މި ދެ މުބާރާތް ކުރިއަށް ދާނީ، މި މަހުގެ 17-19 ވަނަ ދުވަހަށެވެ.

2017 ވަނަ އަހަރުގެ ރާއްޖޭގެ ޒުވާާނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ސްރީ ލަންކާގައި އުޅޭ ދިވެހީންނަށް ޚާއްސަކޮށްގެން އެމްއީސީސީން ކުރިއަށް ގެންދާ ހޭންޑްބޯލް މުބާރާތުގެ ތެރޭން -- ފޮޓޯ: އެމްއީސީސީދިވެހި އެމްބަސީގެ ސެކަންޑް ސެކްރެޓަރީ އަދި މީޑިއާ އޮފިޝަލް ހުސައިން މާޒިން ވިދާޅުވީ، އެމްބަސީ އާއި ޔޫތު މިނިސްޓްރީ ގުޅިގެން އެމްއީސީސީގައި މިހާރު ކުރިއަށްދާ އެމްއީސީސީ ފުޓްސަލް މުބާރާތުގައި ޖުމްލަ 12 ޓީމެއް ވާދަކުރާއިރު، އެމްއީސީސީ ހޭންޑްބޯލް މުބާރާތުގައި 5 ޓީމެއް ވާދަކުރާކަމަށެވެ.
އެ ދެ މުބާރާތުގެ ވެސް ޗެމްޕިއަން ޓީމަށް 50000 ރުޕީސް އިނާމާކަށް ހުށަހަޅާފައި ވާއިރު، ރަނަރަޕް ޓީމަށް 25000 ރުޕީސްގެ ފައިސާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށް މާޒިން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އެ ދެމުބާރާތުގެ ރެފްރީން ހަމަޖައްސާފައި ވަނީ، ލަންކާގެ ފުޓްސަލް އެސޯސިއޭޝަނާއި އެގައުމުގެ ހޭންޑްބޯލް އެސޯސިއޭޝަނުން ކަމަށެވެ.
ދިވެހި ސަރުކާރުން ލަންކާގައި ހަދާފައިވާ ޒުވާނުންގެ މަރުކަޒު ހިންގަނީ، އެމްއީސީސީގައެވެ. އެގޮތުން އެމްއީސީސީއަކީ ލަންކާގައި ދިރިއުޅޭ ދިވެހި ޒުވާނުން ތައުލީމާއި ތަފާތު ކުޅިވަރުތަކާއި އެނޫންވެސް ރޮނގުތަކުން ކުރިއެރުވުމަށާއި ބާރުވެރިކުރުވުމަށް ސަރުކާރުން ވަރަށް ބޮޑު އަހައްމިއްޔަތެއް ދީގެން ކުރިއަށް ގެންދާ ތަނެކެވެ.