18 Nov 2017, 12:25
މިއަހަރުގެ ތިންވަނަ ކުއާޓަރުގައި ރާއްޖޭގެ އިންފްލޭޝަން ހުރީ 2.9 ޕަސެންޓުގައި ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އިން ހާމަކޮށްފިއެވެ.
ސެންޓްރަލް ބޭންކުން އާންމުކޮށްފައިވާ މިއަހަރުގެ ތިންވަނަ ކުއާޓަރުގެ އިންފްލޭޝަން ރިޕޯޓު ބިނާގޮތުން އަންނަ އަހަރަކީ ރާއްޖޭގެ އިންފްލޭޝަން އެއްވަރެއްގައި ހިފެހެއްޓޭ އަހަރަކަށް ވާނެއެވެ.
ދެ ވަނަ ކުއާޓަރަށްވުރެ ތިންވަނަ ކުއާޓަރުގައި އިންފްލޭޝަން ދަށްވެފައިވާ ކަމަށާ ސަބަބަކީ މި މުއްދަތުގައި ޑީސަލާ ޕެޓްރޯލުން ނަގާ އިމްޕޯޓު ޑިއުޓީ ކުޑަކުރުން ކަމަށް އެމްއެމްއޭ އިން ބުނެއެވެ.
އަންނަ އަހަރުގެ ކުރީކޮޅު ރާއްޖޭގެ އިންފްލޭޝަން 3.5 ޕަސެންޓަށް އެރި ނަމަވެސް އަހަރު ނިމޭއިރު މި އަދަދު 2.9 އަށް ދަށްވާނެ ކަމަށް އެމްއެމްއޭ އިން ލަފާކުރެއެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް މަޖިލީހަށް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވިދާޅުވީ މިއަހަރު ރާއްޖޭގެ އިންފްލޭޝަން ހުރީ 3.4 ޕަސެންޓުގައި ކަމަށާ އަންނަ އަހަރު 3.1 ޕަސެންޓަށް ދަށްވާނެ ކަމަށެވެ.
އަންނަ އަހަރުގެ ކުރީކޮޅު އިންފްލޭޝަން މައްޗަށްދާނެ ކަމަށް ލަފާކޮށްފައި ވަނީ ދުނިޔޭގެ ތެލުގެ ބާޒާރަށް އަންނާނެ ކަމަށް ލަފާކުރާ ބަދަލުތަކަށް ބަލާފައި ކަމަށް އެމްއެމްއޭ އިން ބުނެއެވެ.