އިސްލާމްދީނުގައި ވަނީ އިންސާނާއަށް ފައިދާ އާއި ޘަވާބު ލިބޭނޭ ހުރިހާ ދޮރެއް ހުޅުވާލަދީފައެވެ. މިގޮތުން އަވަށްޓެރިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ، ތިމާގެ ޘަވާބު އިތުރުވެގެންވާ ޢަމަލެކެވެ.

އަވަށްޓެރިންނަކީ ތިމާގެ ވަށައިގެން ދިރިއުޅޭ މީހުންނެވެ. އެއީ ކޮންމެ ފަރާތަކުންވެސް ސާޅީސް ގެ ކަމުގައި ބަޔާންވެގެން ވެއެވެ. ތިމާގެ އަވަށްޓެރިންނަށް އުނދަގޫވާ ގޮތަށް ތިމާގެ ކިބާގައި ހުންނަ ކަންތައްތަކުން ދުރުހެލިވުމަކީ، ވަރަށް މުހިންމު ކަމެކެވެ. އަވަށްޓެރިންނަށް ވައިފެން ނުލިބޭ ގޮތަށް ތިމާގެ ގެ ބުރިބުރިއަށް ނެގުމާއި، ގޭގައި ހުންނަ ގަސްގަހާ ގެހީގެ ގޮފިތައް ނުކޮށާ ބެހެއްޓުމަކީ، ފާފަވެރިވާނެ ޢަމަލެކެވެ. ތިމާގެ އަވަށްޓެރިޔާގެ ދަރިންނަށް ތިމާގެ ދަރިންނަށް ގެންދާ ތަކެތި ދޭން ބޭނުން ނޫންކަމުގައި ވަނީ ނަމަ ، އެފަދަ ތަކެތި އެކުދިންނަށް ނުފެންނަ ގޮތަށް ފޮރުވައިގެން ގެންދިޔުމަށް ކީރިތިރަސޫލާ ވަނީ އިރުޝާދު ދެއްވާފައެވެ.

އަވަށްޓެރިންނަށް ހެޔޮކަން ފޯރުވުމާއި ބެހޭގޮތުން ކީރިތިޤުރްއާނުގައި މާތް ﷲ ވަޙީ ކުރައްވާފައިވަނީ މިފަދައިންނެވެ. "ތިޔަބައިމީހުން ﷲ އަށް އަޅުކަން ކުރާށެވެ! އަދި، އެކަލާނގެއަށް އެއްވެސް އެއްޗެއް ޝަރީކު ނުކުރާހުށިކަމެވެ! އަދި، މައިންބަފައިންނަށާއި، ގާތްތިމާގެ މީހުންނަށާއި، ޔަތީމުންނަށާއި، މިސްކީނުންނަށާއި، ގާތް އަވަށްޓެރިޔާ އަށާއި ދުރު އަވަށްޓެރިޔާއަށާއި، ކައިރީ އެކުވެރިޔާއަށާއި، ދަތުރުވެރިޔާއަށާއި، ތިޔަބައިމީހުންނަށް މިލްކުވެގެންވާ އަޅުންނަށް ހެޔޮކޮށް ހިތާށެވެ! ހަމަކަށަވަރުން، ތިމާގެ މޮޅުކަން ތިމާޔަށް ފެނި، ބޮޑާވެގެން އުޅޭ މީހަކުކަމުގައި ވެއްޖެމީހަކު ދެކެ ﷲ ލޯބިވެވޮޑިގެނެއް ނުވެތެވެ."

އަވަށްޓެރިންނަށް ހެޔޮކަން ފޯރުވުމާއި ބެހޭގޮތުން ކީރިތިރަސޫލާގެ އަރިހުން ވާރިދުވެފައިވާ ބަސްފުޅެއްގެ މާނާގައިވެއެވެ. "މާތްﷲ އަށާއި ޤިޔާމަތް ދުވަހަށް އީމާންވާ މީހާ ތިމާގެ އަވަށްޓެރިނަށް އެހީތެރިކަން ފޯރުވާށެވެ!" މާތް ﷲ ގެ ޙަޟްރަތުގައި އެންމެ ހެޔޮ އަވަށްޓެރިއަކީ، ތިމާގެ އަވަށްޓެރިޔާއަށް އެންމެ ހެޔޮކޮށް ހިތާމީހާއެވެ."

ކީރިތިރަސޫލާ އަބޫޛައްރުލް ޣިފާރީއަށް ޙާދީޘް ކުރެއްވިއެވެ. "ތިބާއެއްޗެއް ކައްކަވާ ކަމުގައި ވަނީނަމަ، އެއްޗެއްގެ ފެން ގިނަކުރައްވާ އެއިން އަވަށްޓެރިނަށް ދޭށެވެ." އަޅުގަނޑުމެންގެ ތެރެއިން އަވަށްޓެރިނަށް އެހީތެރިކަން ފޯރުކޮށްދެނީ ކޮންބައެއްތޯއެވެ؟ ތިމާގެ ނަފުސަށް އެދޭ ހެޔޮކަން ތައް އަވަށްޓެރިނަށް އެދެނީ ކާކުތޯއެވެ؟

ރަމަޟާން މަހުގެ ފުރަތަމަ ދިހައެއް ދުވަހަކަށްފަހު، ދުވަހެއް އަޅުގަނޑުމެންނާ ވަކިވަމުން ދަނީއެވެ. ރަމަޟާން މަހުގެ ފުރަތަމަ ދިހައިގެ ދުވަސްތައް ވަކިވަމުން ދާއިރު، މިދިހައިގެ ދުވަސްތަކުން އަޅުގަނޑުމެންނަށް ޙާޞިލް ކުރެވުނީ ކޮންކަމެއްތޯއެވެ. ހެޔޮކަމުގެ ތިލަފަތް ބުރަކުރުމަށްޓަކައި ކުރެވުނީ ކޮންކަމެއްތޯއެވެ؟ ތިމާގެ އަވަށްޓެރިންނާއި އެނޫން މީހުންނަށް އެހީތެރިކަން ފޯރުކޮށްދީގެން ތިމާގެ ރަޙުމަތް މީސްތަކުންނަށް ޢާންމު ކުރާށެވެ. ކީރިތިރަސޫލާގެ އަރިހުން ވާރިދުވެފައިވާ ބަސްފުޅެއްގެ މާނާގައިވެއެވެ. "ބިމުގައި ދިރިއުޅޭ މީހުންނަށް އޯގާވެރިވާށެވެ. އޭރުން އުޑުގައިވާ ރަސްކަލާނގެ ތިޔަބައިމީހުންނަށް އޯގަވެވޮޑިގަންނަވާނެއެވެ."