18 Nov 2017, 12:39
މޯލްޑިވިއަން މެޑިކަލް އެސޯސިއޭޝަން އާއި އެސްޓީއޯ އަދި ރުސާން ފާމަސޫޓިކަލް ގުޅިގެން "ޑްރަގް އެޑިކްޝަން: އަ ކޮމްޕްރޭންސިވް އެޕްރޯޗް"ގެ ނަމުގައި ސިމްޕޯސިއަމްއެއް ފަށައިފި އެވެ.
އެއް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ އެ ސިމްޕޯސިއަމްގައި އަލިއަޅުވާލާނީ މަސްތުވާތަކެއްޗަށް ދެވި ހިފާފައިވާ ޒުވާނުންނަށް ސިއްހީ ގޮތުންނާއި އިޖުތިމާއީ ފެންވަރެއްގައި ދެވޭނެ ފަރުވާއާ ގުޅޭ ގޮތުންނެވެ.
މިއަދު ކުރިއަށް ގެންދާ ސިމްޕޯސިއަމާ ގުޅޭ ގޮތުން މީޑިއާއަށް މައުލޫމާތު ދެއްވަމުން މޯލްޑިވިއަން މެޑިކަލް އެސޯސިއޭޝަންގެ ހިންގާ ކޮމެޓީގެ ރައީސް ޑރ. އަބްދުﷲ ނިޔާފް ވިދާޅުވީ ސިމްޕޯސިއަމްގައި ކަމާ ގުޅޭ ހުރިހާ ދާއިރާއަކުން ބޭފުޅުން ބައިވެރިވާނެ ކަމަށެވެ. އެގޮތުން ޑޮކްޓަރުންނާ ނަރުހުން، ކައުންސެލަރުން އަދި ފުލުހުންނާ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދުގެ ސިމްޕޯސިއަމްގައި ބައިވެރިވާ ކަމަށް ޑރ. ނިޔާފު ވިދާޅުވިއެވެ.

މި ސިމްޕޯސިއަމް ބޭއްވުމަށް ހިޔާލު އައި ގޮތާ ގުޅޭ ގޮތުން ނޭޝަނަލް ޑްރަގް އެޖެންސީގެ ގަވާނިން ބޯޑުގެ ޗެއާ އަދި މެޑިކަލް އެސޯސިއޭޝަންގެ ނައިބު ރައީސް ޑރ އަލީ ޝާހިދު ވިދާޅުވީ ދާދި ފަހުން ހުޅުމާލޭގައި ޑްރަގް އޯވާ ޑޯޒުވެގެން މަރުވި ދެ ޒުވާނުންގެ ކޭސް ފަދަ މައްސަލަތަކާއެކު މި ފަދަ މައްސަލަތަކަކީ ވަރަށް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ދެކެވިގެން ދިޔަކަމަށެވެ.
"މިއީ ހަމައެކަނި ޓްރީމެންޓް ކޮށްގެން ނިމޭވަރު ކަމެއް ނޫންކަން އަޅުގަނޑުމެންގެ ތެރޭ މަޝްވަރާ ކުރެވުނު. އަޅުގަނޑުމެންނަށް އެނގެން ޖެހޭކަން މީހަކު އަންނައިރަށް އެއީ ކޮންވައްތަރެއްގެ ޑްރަގެއް ބޭނުންކޮށްގެން ހުރި މީހެއްކަން. އަޅުގަނޑުމެންނަށް އެބަ އެނގެންޖެހޭ ރާއްޖޭގައި ބޭނުން ކުރަނީ ކޮންކަހަލަ ޑްރަގެއް ކަންވެސް. ޓްރީޓްމެންޓާ އެއްވަރަށް ޕްރޮވެންޓިވް އަސި ސޯޝަލް އެސްޕެކްޓްތަކަށް ބަލަން އެބަޖެހޭ،" އެކަމާ ގުޅުންހުރި ހުރިހާ ފަރާތްތަކެއް ގުޅިގެން ހައްލު ހޯދަން ޖެހޭ ކަމަށާއި އެ ސިމްޕޯސިއަމްގެ ބޭނުމަކީ އެއީ ކަމަށް އޭނާ ވިދާޅުވިއެވެ.
އެ ފޯރަމްގެ މަސައްކަތް ކުރާ ހުރިހާ މީހުން އެއް ފޯރަމަކަށް ގެނެސް އެއްވާހަކައެއް ދައްކާ، އެއް ސިސްޓަމެއްގެ ތެރެއިން ފަރުވާ ކުރާނެ ނިޒާމެއް އެކުލަވައިލުން ކަމަށް ޑރ ނިޔާފު ވިދާޅުވިއެވެ. އެ ސެޝަންތަކަށް ތައްޔާރުވުމުގެ ގޮތުން، އެކަމާ ގުޅޭ ގޮތުން ބައިނަލް އަގްވާމީ ގޮތުން ހެދިފައިވާ ގައިޑްލައިންސްތައް ބަލައި މައުލޫމާތު އެއްކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިއަދު ކުރިއަށްދާ ސިމްޕޯސިއަމްގެ ތެރެއިން --- ސަން ފޮޓޯ
"ހާއްސަ ގޮތެއްގައި އެމަޖެންސީ ރޫމަށް ގެންދެވޭ ޑްރަގް އޯވަޑޯޒް ވިކްޓިމެއް މެނޭޖް ކުރާނެ ގޮތާއި، މާބަނޑު ދުވަސްވަރު ޑްރަގް އެބިއުޒް ކުރާ މީހުން މެނޭޖް ކުރާނެ ގޮތާއި އެފަދަ މީހަކު އުފަންކުރާ ދަރިއަކަށް ދަރިއަކަށް ދިމާވާ މައްސަލަތައް ހައްލު ކުރާނެ ގޮތާއި ސޯޝަލީ ޑްރަގް ރިލޭޓް މައްސަލަތަކަށް ހައްލު ހޯދާނެ ގޮތާއި ކޮބާތޯ ފަރުވާގެ ނިޒާމަކީ ހުރިހާ ޑޮކްޓަރުންނަށް އެނގިގެން ދިއުމަކީ މީގެ މަގްސަދެއް،" ޑރ ނިޔާފް ވިދާޅުވީ ޑްރަގަށް ހުށަހެޅޭ ގޮތާ އެކަމުން ސަލާމަތްވުމަށް އޮތް މަގުތަކާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވި އެ މަޝްވަރާ ތަކުން ނުކުންނަ ނަތީޖާ ޕޮލިސީ ލެވެލްގެ ބޭފުޅުންނާ ހިއްސާ ކުރެވޭނެ ކަމަށެވެ.