ހަރާާރޭ (ނޮވެމްބަރު 18): ޒިމްބާބުވޭގެ ރައީސް ރޮބަޓް މުގާބޭ އިސްތިއުފާ ދެއްވުމަށް އެގައުމުގެ ވެރިކަން ކުރާ ޒަނޫ-ޕީއެފް ޕާޓީން އިއްޔެ ގޮވާލައިފި އެވެ.

އެޕާޓީން ވެރިކަން ކުރާ 10 ޕްރޮވިންސެއްގެ ކޯޑިނޭޓިން ކޮމިޓީތަކުން އިއްޔެ ބޭއްވި ބައްދަލުވުމެއްގައި އަށް ކޮމިޓީއަކުން ވަނީ މުގާބޭ އިސްތިއުފާ ދެއްވަން ޖެހޭ ކަމަށް ވޯޓު ދީފަ އެވެ. އަދި އެފަރާތްތަކުން ވަނީ މުގާބޭގެ އަނބިކަނބަލުން ގްރޭސް ޕާޓީން ވަކިވުމަށާއި، ކުރީގެ ނައިބު ރައީސް އެމާސަން ނަންގާގުވާ ޕާޓީގެ ސެންޓްރަލް ކޮމިޓީގައި އަނެއްކާ ވެސް ބައިވެރި ކުރުމަށް ގޮވާލާފަ އެވެ.

މީގެ އިތުރުން ޒިމްބާބުވޭގެ ސިޔާސީ ހާލަތު މިހާރު އޮތް ގޮތަށް ބެލުމަށް ފަހު ޕާޓީއަށް ބަދަލުތަކެއް ގެނައުމަށް އަންނަ ހަފްތާ ތެރޭގައި ޒަނޫ-ޕީއެފްގެ ސެންޓްރަލް ކޮމިޓީގެ ބައްދަލުވުމެއް ބާއްވާނެ ކަމަށް ވެސް އެޕާޓީން ބުންޏެވެ. އަދި މުގާބޭ އިސްތިއުފާ ދެއްވުމަށް ގޮވާލައި މިއަދު ބާއްވާ އެއްވުމެއްގައި އެޕާޓީގެ މެމްބަރުން ބައިވެރިވާނެ ކަމަށް ވެސް ޕްރޮވިންސުތަކުގެ ލީޑަރުން ވިދާޅުވި އެވެ.

ޒަނޫ-ޕީއެފް ޕާޓީގެ އިތުރުން އެހެން ފަރާތްތަކުން ވެސް ވަނީ މުގާބޭ އިސްތިއުފާ ދެއްވުމަށް ގޮވާލާފަ އެވެ. އެގޮތުން ޒިމްބާބުވޭގެ މިނިވަން ކަމަށް ކުރި ހަނގުރާމައިގައި ބައިވެރިވި ފަރާތްތައް ހިމެނޭ ޖަމާއަތްތަކައި، އިދިކޮޅު ޕާޓީތަކުން ވަނީ މުގާބޭ ވެރިކަމުން ފޭބުމަށާއި އާ އިންތިހާބެއް ބޭވުމަށް ގޮވާލާފަ އެވެ.

ނަމަވެސް ބައެއް ރިޕޯޓުތަކުގައިވާ ގޮތުން ވެރިކަން ކުރައްވާތާ 37 އަހަރުވެފައިވާ މުގާބޭ ގެންދަވަނީ އަންނަ އަހަރު ބާއްވަން ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގެ ކުރިން އިސްތިއުފާ ނުދެއްވާނެ ކަމަށް ވިދާޅުވަމުންނެވެ.

ޒިމްބާބުވޭގެ އަސްކަރިއްޔާ އިން މިދިޔަ ބުދަ ދުވަހު އެގައުމުގެ މައްޗަށް ބާރު ހިންގައި، މުގާބޭ ގޭ ބަންދުގައި ބެހެއްޓި ފަހުން އިއްޔެ އޭނާ ވަނީ ފުރަތަމަ ފަހަރަށް ހަފްލާއަކަށް ވަޑައިގަންނަވާފަ އެވެ. ހަރާރޭގެ ޔުނިވާސިޓީއެއްގެ ގްރެޖުއޭޝަން ހަފްލާއަށް މުގާބޭ ވަޑައިގެންނެވި އިރު އޭނާ އަރިހުގައި އަނބިކަނބަލުން ގްރޭސް ވަޑައިނުގަންނަވަ އެވެ. ގްރޭސް ނަމިބިއާއަށް ވަޑައިގަތް ކަމަށް ބައެއް މީޑިއާތަކުން ބުނި ނަމަވެސް އެހެން މީޑިއާތަކުން ވަނީ އެކަން ދޮގުކޮށްފަ އެވެ.

ޒިމްބާބުވޭގެ އަސްކަރިއްޔާ އިން އިއްޔެ ނެރުނު ބަޔާނެއްގައިވާ ގޮތުން އެގައުމުގެ ސިފައިން ދަނީ ރައީސް މުގާބޭއާ މަޝްވަރާތައް ކުރަމުންނެވެ. އަދި މުގާބޭގެ ސަރުކާރުގައި ތިއްބެވި މުޖުރިމުންނާ ދެކޮޅަށް ފިޔަވަޅު އެޅުމުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިއަށްދާ ކަމަށް އެ ބަޔާނުގައިވެ އެވެ. (ބީބީސީ)