މޯލްޑިވިއަން އައިޑަލް ސީޒަން ތިނެއްގެ އޮޑިޝަންތައް ބާއްވާނެ ރަށްތައް އިއުލާނު ކޮށްފި އެވެ.

ކުރީ ދެ ސީޒަނާ ހިލާފަށް މިފަހަރުގެ ސީޒަންގައި އޮޑިޝަންތައް ކުރިއަށް ގެންދާނީ ތިން ސަރަހައްދެއްގަ އެވެ. އެއީ މާލޭގެ އިތުރުން ރ. އުނގޫފާރު އަދި އައްޑޫ ސިޓީ ހިތަދޫގަ އެވެ.

މޯލްޑިވިއަން އައިޑަލް އަކީ ރާއްޖޭގައި ބާއްވާ ހަމައެކަނި ފްރެންޗައިޒް ޝޯ އެވެ. އައިޑަލްގެ ތިން ވަނަ ސީޒަނުގައި ބައިވެރި ވުމަށް އެސްއެމްއެސް ކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ.

އެސްއެމްއެސް ކުރާނެ ގޮތަކީ

MI (Space) Name, Age, Current Address, audition location Send to 300

އައިޑަލްގައި ބައިވެރިވުމަށް އެސްއެމްއެސް ކުރުމުގެ ފުރުސަތު އުމުރުން 16 އަހަރާ 30 އަހަރާ ދެމެދުގެ ދިވެހިންނަށް ވަނީ ހުޅުވާލައިފަ އެވެ.

އައިޑަލްގެ މިފަހަރުގެ ސީޒަންގައި ހަތަރު ފަނޑިޔާރުން ފެނިގެންދާނެ އެވެ. ފަނޑިޔާރުންގެ ޕެނަލްގައި ހިމެނެނީ ސީޒަން އެކެއް އަދި ދޭއްގައި ވެސް ފަނޑިޔާރުކަން ކުރި މަރިޔަމް އުނޫޝާ (ކިޑީ) އާއި ސީޒަން އެކެއްގެ ޖަޖު އަހުމަދު އިބްރާހިމް (އައްމަޑޭ) އާއި ސީޒަން ދޭކުން ބެލުންތެރިންގެ ލޯބި ހޯދި އިސްމާއިލް އައްފާން އަދި މުޅިން އަލަށް މި ޕެނަލްއާ ގުޅުނު ޒާރާ މުޖުތަބާ އެވެ.

މި ފަހަރުގެ ސީޒަންގައި ހޯސްޓުންގެ ގޮތުގައި ފެނިގެންދާ މޫނުތަކަށް ބަލާއިރު ފިރިހެން ހޯސްޓަކީ މިފަހަރު ވެސް މޫސާ ވަސީމެވެ. މި ސީޒަންގައި ވެސް އަންހެން ހޯސްޓަކީ އާ މޫނެކެވެ. އަންހެން ހޯސްޓެއްގެ ގޮތުގައި ފެނިގެންދާނީ ދިވެހި އެފްއެމްގެ އާރްޖޭ ޝައިނާ ޝަރީފެވެ.

މޯލްޑިވިއަން އައިޑަލްގެ ޕްލެޓްފޯމުން ފެންނަ ފަންނާނުން ތަމްރީނުކުރުމުގެ ކަންތަކާ މިފަހަރު ހަވާލުވީ މަޝްހޫރު ލަވަކިޔުންތެރިޔާ މުހައްމަދު އަބްދުލްޣަނީ (ތޭރަވާ) އެވެ. ތޭރަވާ ވަނީ އައިޑަލްގެ ސީޒަން އެކެއްގައި ވެސް ކޯޗެއްގެ ރޯލު އަދާކޮށްފަ އެވެ.

މޯލްޑިވިއަން އައިޑަލްގެ ފުރަތަމަ ސީޒަންގެ ޓައިޓަލް ވިނާ އަކީ ލައިޝާ ޖުނައިދެވެ. ދެ ވަނަ ސީޒަންގައި އައިޑަލްގެ ޓައިޓަލް ގެންދިޔައީ މުހައްމަދު ތަސްނީމް (ބޮބް) އެވެ.

މޯލްޑިވިއަން އައިޑަލް ސީޒަން ތިނެއްގެ މެއިން ސްޕޮންސަރަކީ މިފަހަރުވެސް އެލައިޑް އިންޝުއަރެންސް އެވެ. ޓައިޓަލް ސްޕޮންސަރަކީ ކުރީގެ ދެ ސީޒަނެކޭ އެއްގޮތަށް ދިރާގެވެ.