ތަންމަތި

އަހަންނަށް ލިބުނު ޕްރޮމޯޝަނާއެކު ޑިއުޓީގެ ވަގުތު 18 ގަޑިއިރަށް ބަދަލު ކުރި އެވެ. ބައެއް ދުވަސް ދުވަހު އިރުއޮއްސި ވަރަށް ލަސްވާފަހުން ވެސް ގެއަށް އާދެވެ އެވެ. އެގޮތަށް ލަސްވާ ދުވަސް ދުވަހު އެންމެ ފިކުރު ބޮޑުވަނީ އަހަރެންގެ ފިރިމީހާ އާއި ހަތް އަހަރުގެ ދަރިފުޅު ނުކައި ނިދާނެތީ އެވެ. އެއް ފަހަރަކު ގެއަށް ދެވުނު އިރު ދެބަފައިން ވެސް ތިބީ އަހަރެމެންގެ އެނދުގައި ނިދާފަ އެވެ. ދެރަވެސް ވިއެވެ. އެކަމަކު އެހާ އުފާވެސް ވިއެވެ. އެއީ އެސޮރު ނިންދަވަން ކުރަންޖެހޭ މަސައްކަތް ނުކޮށް ފަރުޖެހުނީމަ އެވެ. ފުރުސަތުގެ ބޭނުން ހިފައިން ފުންމައިންގެ އެސޮރުގެ އެނދަށް ޖެހި ނިދައިފީމެވެ.

އެސޮރުގެ އެނދުގައި އެސޮރު ނުނިންދެވީ ކީއްވެގެންތޯ ޖެހިގެން އައި ދުވަހު ފިރިމީހާ ކުރެން އަހަރެން އެހީމެވެ. ފިރިމީހާ ބުނީ އެސޮރަށް ހޭލެވުނީ ތަންމައްޗަށް ހީސްލެވިގެން ކަމަށާއި އެތަން ސާފުކުރާނެހާ ވަރު ނެތިގެން ދެބަފައިން ގޮސް އަހަރެމެންގެ އެނދުގައި ނިދީ ކަމަށެވެ.