18 Nov 2017, 01:04
ދުނިޔޭގެ ކުރިމަތީ ރާއްޖޭގެ މާލީ ނިޒާމަށް އޮތް އިތުބާރު އިތުުރު ކުރެވުމަކީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ސަރުކާރުގެ ފާއިތުވި ހަތަރު އަހަރުތެރޭ ހާސިލް ކުރެވުނު އެންމެ ބޮޑު ކާމިޔާބީ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީންގެ ސަރުކާރަށް ހަތަރު އަހަރު ފުރުން ފާހަގަކުރުމަށް މިރޭ ބޭއްވި "ބަހާރެކޭ" ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، ފާއިތުވި ދެ އަހަރުތެރޭ ރާއްޖޭގެ ސޮވެރިން ރޭޓިން އިތުރު ކުރެވި ރާއްޖޭގެ މާލީ ވެއްޓަކީ ބައިނަލްއަގުވާމީ އިދާރާތަކުން ބަލައިގަންނަ އެއްޗަކަށް ހެދިއްޖެ ކަމަށެވެ. "މިއަށްވުރެ ބޮޑު ކާމިޔާބީއެއް މި ހަތަރު އަހަރު ތެރޭ ލިބިދާނެތޯ؟،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ސައީދުގެ ވާހަކަފުޅުގައި، ފާއިތުވި ހަތަރު އަހަރުތެރޭ މާލީ ނިޒާމަށް އައި ކުރިއެރުމާއި ޒަމާނީ ތަރައްގީ ފާހަގަ ކުރެއްވި އެވެ. އެގޮތުން މިނިމަމް ރިޒާވް އަލުން ރިވައިޒް ކުރެވި، ރާއްޖޭގެ އިގްތިސާދު އަލުން އޭގެ ފައިމައްޗަށް ތެދުވެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއަރަމުން އަންނަ ކަމަށާއި، ފެނިގެންދަނީ ފިސްކަލް ޕޮލިސީ އާއި މަނިޓަރީ ޕޮލިސީއަށް ގެނެވުނު މުހިންމު ބަދަލު ދެތިން ބިންގާގެ ނަތީޖާ ކަމަށް އޭނާ ވިދާޅުވި އެވެ. ޑޮމެސްޓިކް ޓެޑް ނުވަތަ އެތެރޭގެ ދަރަނިވެސް މި ހަތަރު އަހަރުތެރޭ ވަރަށް ބޮޑުތަން ކުޑަކުރެވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ރައީސް ޔާމީންގެ ސަރުކާރުގެ ހަތަރު އަހަރުތެރޭ ފަތުރުވެރިކަމުގެ ސިނާއަތަށް އައިސްފައިވާ ކުރިއެރުންތައް ފާހަގަކުރައްވާ އިކޮނޮމިކް މިނިސްޓަރު ވިދާޅުވީ، މި ސަރުކާރުގެ އަމާޒަކީ ދައުރު ނިމޭއިރު ޓުއަރިސްޓު އެނދުގެ އަދަދު 50000 އަށް ހެދުން ކަމަށެވެ.
"75000 ވަޒީފާގެ ފުރުސަތު ހަމައެކަނި ޓުއަރިޒަމް ސެކްޓާގައި އޮތް އިރު 135000 ވަޒީފާ މި ފަސް އަހަރު ނިމޭއިރު ހަމައެކަނި ޓުއަރިޒަމް ސެކްޓަރުން ނުކުންނާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
ޓުއަރިޒަމްގެ އޮކިއުޕެންސީ 80 ޕަސެންޓުގައި ހިފެހެއްޓިއްޖެ ނަމަ 3.6 ބިލިއަން ޑޮލަރު ރާއްޖޭގެ އިގްތިސާދުގެ ތެރޭ އެނބުރޭނެ ކަމަށާއި އަދި ޓުއަރިޒަމް ސެކްޓަރަށް ގެންނަ ބަދަލާ އެކު މި އޮކިއުޕެންސީގައި ހިފެހެއްޓިއްޖެ ނަމަ ޓުއަރިސްޓް އެރައިވަލް 3.9 މިލިއަނަށް އަރާނެ ކަމަށް މިނިސްޓަރު ސައީދު ވިދާޅުވި އެވެ. އެހެންވެއްޖެ ނަމަ ރާއްޖޭގެ އިގްތިސާދުގައި ހަތް ބިލިއަން ޑޮލަރު ނުވަތަ 108 ބިލިއަން ޑޮލަރު އެނބުރޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިހާރު ރާއްޖޭގައި 144 ރިސޯޓު އަންޑާ ކޮންސްޓްރަކްޝަނުގައި. މިއާ އެކު 19000 އާއެނދު ފަތުރުވެރިކަމުގެ ތެރެއަށް މި ގެނެވެނީ. މީގެ އިންވެސްޓްމަންޓް ވެލިއު އަކީ 6.5 ބިލިއަން އެމެރިކާ ޑޮލަރު. އެއީ 100 ބިލިއަން ދިވެހި ރުފިޔާ. މިއީ ރާއްޖޭގެ ތާރީހު އެއްކޮޅުން އަނެއް ކޮޅަށް ދިރާސާކުރުމަށްފަހު ވެސް މި ހަތަރު އަހަރާ އަޅާ ކިޔޭނެ އަދަދެއްތޯ؟،" މިނިސްޓަރު ސުވާލު ކުރެއްވި އެވެ.
މިނިސްޓަރުގެ ވާހަކައިގައި އިމާރާތްކުރުމުގެ ދާއިރާއަށް އައިސްފައިވާ ކުރިއެރުންތައް ފާހަގަކުރައްވާ ވިދާޅުވީ، މި ހަތަރު އަހަރު ތެރޭ 800 - 10000 އާ ދެމެދުގެ ޕަސެންޓަކަށް ކުރިއެރުން އައިސްފައިވާ ކަމަށެވެ.
މިނިސްޓަރު ސައީދު ވަނީ މަސްވެރިކަމުގެ ސިނާއަތަށް މި ހަތަރު އަހަރު އައިސްފައިވާ ކުރިއެރުން ވެސް ވަރަށް ތަފްސީލުކޮށް ވިދާޅުވެދެއްވައިފަ އެވެ. އެގޮތުން މަސްވެރިން އަތުން މަސް ގަތުމަށްފަހު ސަރުކާރުގެ މަސްކުންފުނި، މިފްކޯ އިން މިހާރު ވަގުތުން ފައިސާ ދައްކަމުން އަންނަ ކަމަށާއި ދުވާލަކު މަސްގަނެވޭނެ ނިސްބަތް ދުވާލަކު 30 މެޓްރިކް ޓަނުން 720 މެޓްރިކް ޓަނަށް އިތުރު ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު ދަށަށް ދިޔަޔަސް މަސްވެރިންނަށް ގެއްލުން ވިޔަ ނުދިނުމަށްޓަކައި ސަރުކާރުން ވަނީ ހަރުދަނާ ފިޔަވަޅުތަކެއް ވަނީ އަޅާފަ. އޭގެތެރޭގައި ރާއްޖޭގެ މަހުގެ އުފެއްދުންތެރިކަން އިތުރުކޮށް ވެލިއު އެޑް ކުރުމަށްޓަކައި މަސް ބަންދުކުރާ ކޭނެރީތައް 50 ޓަނަށް ބަދަލު ކުރެވި މި އަހަރު ނިމުމުގެ ކުރިން 65 ޓަނުގެ ކެޕޭސިޓީ އަކަށް ފުޅާ ކުރެވޭނެ،" މިނިސްޓަރު ސައީދު ވިދާޅުވި އެވެ.
މީގެ އިތުރުން 25 މެޓްރިކް ޓަނުގެ މަސް ބަންދުކުރާ ދެ ޕައުޗް ޕްލާންޓް ރާއްޖޭގެ ދެކުނުގައި ގާއިމް ކުުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. މަސްވެރިންގެ ލާބައަށްޓަކާއި، މަސްވެރިކަމުގެ ސިނާއަތުގެ އިންފްރާސްޓްރަކްޗާ ވަރުގަދަ ކުރުމަށް 250 މިލިއަން ރުފިޔާ ހަރަދު ކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.
މިނިސްޓަރު ސައީދު ވިދާޅުވީ، ރާއްޖޭގެ އިގްތިސާދަށް ރައީސް ޔާމީން ގެނެސްދެއްވާފައިވާ ބަދަލު ރާއްޖޭގެ ބޮޑެތި ވިޔަފާރިވެރިން ބަލައިގަންނަ ކަމަށެވެ.