17 Nov 2017, 23:25
އަންނަ އަހަރު ކިޔަވާ ކުދިންނަށް 3325 ސްކޮލާޝިޕް ފޯރުކޮށްދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެ އެވެ.
ސަރުކާރަށް ހަތަރު އަހަރު ފުރުމުގެ މުނާސަބަތުގައި ކުރިއަށް ގެންދާ "ބަހާރެކޭ" ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ކިޔަވާކުދިންނަށްޓަކައި އަންނަ އަހަރު މަތީ ތައުލީމުގެ ލޯނާއި ސްކޮލާޝިޕްގެ 3325 ފުރުސަތު ދޭނެ ކަމަށެވެ. އެގޮތުން "އަންނަ އަހަރުގެ ބަޖެޓުގައި 3325 ކުދިންނަށް ސްޓޫޑެންޓް ލޯނު ދޭނެ ފައިސާ ހިމެނިފައިވާނެ" ކަމަށް ރައީސް ވިދާޅުވި އެވެ.
މި ސަރުކާރު ފެށިގެން އައި އިރު މަތީ ތައުލީމަށް ސްޓޫޑެންޓް ލޯނުގެ ގޮތުގައި ދެމުން އައީ ވަރަށް ކުޑަ އަދަދެއް ކަމަށާއި މި ސަރުކާރުގެ ފުރަތަމަ އަހަރުވެސް 800 ކުދިންނަށް ސްކޮލާޝިޕާ ސްޓޫޑެންޓް ލޯނު ދިނުމަށް މަސައްކަތް ކުރެއްވި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ރައީސް ވިދާޅުވީ މި 800 ކުދިންގެ ތެރޭ ރާއްޖެ އާއި ރާއްޖެ އިން ބޭރުން ތައުލީމު ހާސިލުކުރާ ކުދިން ހިމެނޭ ކަމަށެވެ.
"މިހާބޮޑު އާބާދީއެއް ތައުލީމަށް ފެން ބޮވައިގެންފައި އޮންނައިރު އަޅުގަނޑުމެންގެ ހަކަތައެއް ނެތް ހުރިހާ ކުދިންނަށް ރާއްޖެ އިން ބޭރުގައި ކިޔަވައިދޭކަށް. އެހެންނަމަވެސް އަޅުގަނޑުމެންގެ ހަކަތަ އެބަހުރި އެކުދިންނަށް ގޮތްގޮތް ހޯދައިދޭން. އަޅުގަނޑުމެން މަސައްކަތް ކޮށްގެން 800 ކުދިން، 1000 ކުދިންނަށް ސްކޮލާޝިޕް ނޫނީ ސްޓޫޑެންޓް ލޯނު ހޯދައިދިނުމަށް މަސައްކަތް ކުރިން،" ރައީސް ވިދާޅުވީ ފާއިތުވި އަހަރުތަކުގައި ވެސް މި އަދަދަށް ސްކޮލާޝިޕްގެ ފުރުސަތު ދެވުނު ކަމަށެވެ.
އަންނަ އަހަރުގެ ބަޖެޓުގައި މީގެ ތިން ގުނައަށް ސްކޮލާޝިޕްގެ ފުރުސަތުތައް ހިމެނިފައިވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. "އަންނަ އަހަރުގެ ބަޖެޓުގައި މަތީ ތައުލީމުގެ ލޯނަށް އަޅުގަނޑުމެން މީގެ ތިން ގުނައަށް ފުރުސަތު ހޯދީމު. 3325 ކުދިންނަށް ސްކޯލާޝިިޕާއި ތައުލީމުގެ ލޯނުގެ ފުރުސަތު އަޅުގަނޑުމެން ހޯދީމު." ރައީސްގެ ވާހަކައިގައި ފާހަކުރެއްވި އެވެ.