17 Nov 2017, 22:31
ސިވިލް ސާވިސްގައި މަސައްކަތް ކުރާ އެންމެ ދަށް ފަންތީގެ މުވައްޒަފުންނަށް ވެސް 37 ޕަސެންޓަށް މުސާރަ ބޮޑުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީން އެގޮތަށް ވިދާޅުވީ ސަރުކާރަށް ހަތަރު އަހަރު ފުރުމުގެ މުނާސަބަތުގައި ކާނިވާ ސަރަހައްދުގައި ކުރިއަށްދާ ޖަލްސާގަ އެވެ.
ރައީސް ޔާމީން ވިދާޅުވީ މީގެ ކުރީގެ ސަރުކާރުތަކުން ސިވިލް ސާވީސް މުވައްޒަފުންނާ މެދު ކަންތައްކޮށްފައިވާ ގޮތާއި މިއަދުގެ ސަރުކާރުން އެ މުވައްޒަފުންނާ މެދު ކަންތައް ކުރާގޮތް ބަލާލަން ޖެހޭ ކަމަށެވެ.
އެގޮތުން ސިވިލް ސާވިސް މުވައްޒަފުންގެ ތިން ބައި ކުޅަ ދެބައި މުވައްޒަފުން މަދުކުރުމަށް އިއުލާންކޮށް އެ މުވައްޒަފުންގެ މުސާރަތަކެއް ކުޑަކޮށް ކޯޓުން ހުކުމް ކުރުމުން ވެސް މުސާރަ ނުދީ ހިފަހައްޓާފައިވާކަން ރައީސް ފާހަގަކުރެއްވި އެވެ.
އެއީ މާޒީގައި ސިވިލް ސާވެންޓުންނާ މެދު ކަންކޮށްފައިވާ ގޮތް ކަން ފާހަގަކޮށް ރައީސް ވިދާޅުވީ، އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ އަހަރު ތެރޭގައި ސިވިލް ސާވިސްގެ އެންމެ މުހިންމު ދާއިރާތައް ކަމަށްވާ ތައުލީމާއި ސިއްހީ ދާއިރާގެ މުއައްޒަފުންގެ މުސާރަ އާއި އިނާޔަތްތައް ބޮޑު ކޮށްދީފައިވާ ކަމަށެވެ. އަދި މުސާރައިގެ އިތުރުން ސަރުކާރުގެ ގެދޮރުވެރިކުރުވުމުގެ ސިޔާސަތުގެ ދަށުން ގެދޮރު ލިބޭނެ ކަމުގެ އުފާވެރިކަމުގެ ހަބަރު ވެސް ދީފައިވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"މިއަދަކީ އަނެއްކާ ވެސް އަޅުގަނޑުމެންގެ ސިވިލް ސާވެންޓުންނަށް އުފާވެރި ހަބަރެއް ގެނެސް ދޭން ޖެހޭ ދުވަހެއް. އަޅުގަނޑުމެންގެ ސިވިލް ސާވިސްގައި 24 އަކަށް ހާސް މުވައްޒަފުން އެބަތިބި. ރާއްޖެ ކަހަލަ ކުޑަ ދައުލަތަކަށް ބަލާއިރު މިއީ ސައިޒަބަލް ބޮޑު އަދަދެއް. އެކަމަކު އިރާދަކުރެއްވިއްޔާ މިއަންނަ އަހަރުގެ ކުރީކޮޅުން ފެށިގެން ސިވިލް ސާވެންޓުންގެ މުސާރަތައް ބޮޑުކުރުމަށް އެވަނީ ނިންމާފަ. ބަޖެޓުގައި އެކަމަށް ބޭނުންވާ ފައިސާ އެވަނީ ހިމަނާފަ،" ރައީސް ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވީ ސިވިލް ސާވިސްގެ ކޮންމެ ތިން މުވައްޒަފަކުން ދެ މުވައްޒަފެއްގެ މުސާރަ ބޮޑުވާނެ ކަމަށެވެ. ސިވިލް ސާވިސް ކޮމިޝަނާ ފިނޭންސް މިނިސްޓްރީން ގިންތިތައް ކަނޑައެޅުމަށްފަހު އަންނަ އަހަރުގެ ކުރީކޮޅު މުސާރަ ބޮޑުކުރުމުގެ މަސައްކަތް ފެށިގެން ދާނެ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.
"ތިން ބައިކުޅަ ދެ ބައިކުޅަ މީހުންގެ މުސާރަ މަތިވެގެން މިދަނީ. އާދެ އެންމެ ދަށު ގިންތިތަކުގައި ތިބި ސިވިލް ސާވިސްގެ އެންމެ ދަށު ގިންތި ތަކުގައި ތިބި މީހުން އަޅުގަނޑުމެންގެ އެންމެ ބޮޑު އަޅާލުންތެރިކަމެއް ބޭނުންވާ މީހުން އެންމެ ކުޑަ މުސާރައެއްގަ ތިބި މީހުންގެ މުސާރަ އިރާދަކުރެއްވިއްޔާ އަންނަ އަހަރުގެ ކުރީކޮޅުން ފެށިގެން 100 އަކުން 37 ޕަސެންޓް ބޮޑުވެގެން ދާނެ،" ރައީސް ވިދާޅުވި އެވެ.
ދައުލަތެއް ހިންގުމަށް ސިވިލް ސާވިސްގައި މަސައްކަތްކުރާ މުވައްޒަފުންނަކީ މުހިންމު ބައެއްކަން ތަކުރާރުކޮށް ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އެންމެ ދަށްފަންތީގެ މުއްޒަފުންގެ އިތުރުން ދެން ތިބި މުއައްޒަފުންގެ މުސާރައިގެ ހަތަރު ބައިކުޅަ އެއްބައި ބޮޑުވެގެން ދާނެ ކަމަށެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި 27.9 މިލިއަން ރުފިޔާގެ ބަޖެޓުގައި ސިވިލް ސާވެންޓުންގެ މުސާރަ ބޮޑުކުރުމަށް ވަނީ 234 މިލިއަން ރުފިޔާ ހިމަނައިފަ އެވެ.