އާންމު ސާފުތާހިރު ކަމަކީ ދިރިއުޅުމުގެ އެއްބައެވެ. ސިއްހަތާއި ގުޅިފައިވާކަމެއް ވެސް މެއެވެ. ދިރިއުޅޭ މާހައުލު ހާއްސަކޮށް ގޭތެރެ ސާފުކޮށް ބޭއްވުމަކީ ކޮންމެ މީހަކު ވެސް އެންމެ އިސްކަން ދޭންޖެހޭ އެއް ކަންތަކެވެ.

ގޭތެރެ ސާފުކޮށް ބެހެއްޓުމަށްޓަކައި، ގޭގައި ހިފާގެންގުޅޭ ސާމާނު ސާފުތާހިރުކޮށް ބެލެހެއްޓުމަކީ އެންމެ މުހިންމު ކަންތަކެވެ. ހާއްސަކޮށް ބަދިގެ އާއި ފާހާނާގައި ބޭނުންކުރާ ސާމާނެވެ. މީގެ އިތުރުން އަންނައުނުގެ ސާފުތާހިރު ކަމަކީ ވެސް ސަމާލުކަން ދޭންޖެހޭ މުހިންމު ކަމެކެވެ.

ނިދާ އެނދުގެ ބެޑްޝީޓް ބަދަލުކުރަނީ ކިހާ އަވަސް އަވަހަކަށް ހެއްޔެވެ؟ އެނދުގެ ބެޑްޝީޓް ކޮންމެ ހަފްތާއަކު އެއްފަހަރު ބަދަލުކުރުން މުހިންމެވެ. ބޯ އަޅާ ބާލީސް ތަކަކީ ކޮންމެ ތިން މަހަކުން ސާފުކުރަންޖެހޭ އެއްޗެއްސެވެ. މީގެ އިތުރުން އެނދުގެ ގޮދަޑި ކޮންމެ މަހަކު އެއްފަހަރު ވެކިއުމް އަޅާ ސާފުކުރަން ވާނެ އެވެ.

ލައިގެން އުޅޭ އަންނައުނަށް ބަލާއިރު އަންޑަގާމެންޓްސް އަކީ ކޮންމެ ދުވަހަކު ބަދަލުކުރަންޖެހޭ އެއްޗެއްސެވެ. ކޮންމެ އަހަރަކު އެއްފަހަރު މިތަކެތި އާކުރުން ވެސް މުހިންމެވެ. ކޮންމެ ހަފްތާއަކު އެއްފަހަރު ނިދާ ހެދުން ދޮންނަން ޖެހޭނެ އެވެ.

އަންހެނުން އެންމެ ސަމާލުކަމާ އެކު، އެންމެ ލޯބިން ގެންގުޅޭ އެކައްޗަކީ އެމީހުންގެ ހޭންޑް ބޭގް ނޫނީ އަތްދަބަހެވެ. ހަފްތާއަކު އެއްފަހަރު ހޭންޑް ބޭގް ސާފުކުރަންޖެހެ އެވެ. ފާހާނާ ތަށީގައި ހުންނަ ބެކްޓީރިއާ އަށްވުރެ ހަ ގުނަ އިތުރަށް އަތްދަބަހުގައި ބެކްޓީރިއާ ހުންނަ ކަމަށްވެ އެވެ. އެހެންކަމުން ހަފްތާއަކު އެއްފަހަރު "އެންޓި ބެކްޓީރިއަލް ވައިޕް" ބޭނުންކޮށްގެން ހޭންޑް ބޭގް ސާފުކުރަން ޖެހޭނެ އެވެ.

ދަތް އުނގުޅާ ބުރުސް ކޮންމެ މަހަކު އެއްފަހަރު ހޫނު ފެނުން ދޮންނަން ހަނދާން ބަހައްޓާށެވެ. އަދ އެންމެ ގިނަވެގެން ދަތް އުނގުޅާ ބުރުސް ބޭނުންކުރަން ވާނީ ތިން މަސް ވަންދެންނެވެ. ދަތް އުނގުޅާ ބުރުހުގައި ދިހަ މިލިއަނަށްވުރެ ގިނަ ޖަރާސީމު އެކުލެވޭ ކަމަށްވެ އެވެ.

ކޮންމެ ދުވަހަކު ވެސް ފާޚާނާ ތަށީ ދޮންނަންވާނެ އެވެ. އަދި ހަފްތާއަކު އެއްފަހަރު ފާހާނާ ދޮންނަން ހަނދާން ކުރާށެވެ.

މޭކަޕް ކުރަން ގެންގުޅޭ މޭކަޕް ބުރުސް ތަކަކީ ކޮންމެ ހަފްތާއަކު ދެ ފަހަރު ސާފުކުރަން ޖެހޭ އެއްޗެކެވެ.

ބަދިގެއަށް ބަލާއިރު ބަދިގޭ ސިންކް ކޮންމެ ހަފްތާއަކު ދެ ފަހަރު ރީއްޗަށް ދޮންނަން ޖެހޭނެ އެވެ. އަތްފޮތި ކޮޅުތައް މަހަކު އެއްފަހަރު ބަދަލުކުރާށެވެ. ދޮންނަ މެޝެނާ ޑިޝް ވޮޝާ އަކީ މަހަކު އެއްފަހަރު ރީއްޗަށް ދޮންނަން ޖެހޭ އެއްޗެއްސެވެ.

މަސްދަރު: "ދަ ސަން"