17 Nov 2017, 22:35
މުޅި ރާއްޖޭގައި ވެސް މިހާރު އެންމެ ބާރަށް ދެކެވޭ ވާހަކައަކީ އަދި އެންމެ މަގުބޫލު ވާހަކައަކީ ދިވެހި ފިލްމު ބޮސްގެ ވާހަކަ އެވެ. މާލެ އާއި ރާއްޖޭގެ ގިނަ ރަށްރަށުގައި ބޮސްގެ ހައުސްފުލް ޝޯތައް އަޅުވަމުން އަންނަ އިރު ބޮސްގެ މަގުބޫލުކަން ރިސޯޓުތަކުގައި ވެސް ކުޑައެއް ނޫނެވެ.
ރާއްޖޭގެ ގިނަ ރިސޯޓުތަކެއްގައި ބޮސް އަޅުވަމުން އަންނަ އިރު މީގެ ކުރިން ދިވެހި ފިލްމު ނާޅުވާ އެތައް ރިސޯޓެއްގައި ވެސް މިހާރު މި ފިލްމު ވަނީ އަޅުވައިފަ އެވެ. ކުރިއަށް އޮތް ތަނުގައި ވެސް ގިނަ ރިސޯޓުތަކުގައި މި ފިލްމު އަޅުވާނެ އެވެ.

ދިވެހި ފިލްމު ބޮސްގެ މަންޒަރެއް --- ސަން ފޮޓޯ/ ކްރިސްޓަލް އެންޓަޓެއިންމެންޓް
ބޮސް މިވަނީ ފިލްމުތަކުގެ ތާރީހުން ވަރަށް ހާއްސަ މަގާމެއް ހޯދައިފަ އެވެ. އެންމެ ފާހަގަކުރެވޭ އެއްކަމަކީ 6+ ތަރީގެ ސޮނޭވާ ޖާނީ ރިސޯޓުގައި ހުންނަ ދުނިޔޭގެ އެންމެ ފުރަތަމަ އަންޑަ ވޯޓާ ސައިލެންޓް ސިނަމާގެ ސްކްރީނުގައި އަޅުވާ އެންމެ ފުރަތަމަ ދިވެހި ފިލްމަށް ބޮސް ވާކަމެވެ. މިއީ މި ފިލްމަށް ލިބުނު، ފަޚުރުވެރިވުން ހައްގު ކާމިޔާބީ އެކެވެ.
ދ. އަތޮޅުގައި އޮންނަ ސަން ސިޔާމް އަކުއާ ވިލު ރީފް ރިސޯޓުގައި ބޮޑު ބައެއް ނަގާފައިވާ މި ފިލްމަކީ ރިސޯޓެއްގެ ހިތްގައިމު މަންޒަރުތައް ގިނަ އަދަދަކަށް ހިނަމައިގެން އުފައްދާފައިވާ ފުރަތަމަ ދިވެހި ފިލްމުވެސް މެއެވެ.
މި ފިލްމުގެ ޕްރޮޑިއުސަރު ފާތިމަތު ނަހުލާ ފާހަގަކުރާ ގޮތުގައި، މީގެ ކުރިން ދިވެހި ފިލްމަކަށް ނުލިބޭހާ ތަރުހީބު ބޮސްއަށް އަންނަނީ ލިބެމުންނެވެ. 'ސަން' އަށް މައުލޫމާތުދެމުން ނަހުލާ ބުނީ، މިހާތަނަށް ދިހަ ރިސޯޓެއްގައި ބޮސް ސްކްރީން ކޮށްފައިވާ ކަމަށާއި އަދިވެސް ގިނަ ރިސޯޓުތަކެއްގައި ފިލްމު އެޅުވުމަށް އެދިފައިވާނެ ކަމަށެވެ.

ބޮސްގެ ޓީމުގެ ބައެއް މެންބަރުން ފިލްމު އަޅުވަން ރިސޯޓެއްގައި. -- ސަން ފޮޓޯ/ ކްރިސްޓަލް އެންޓަޓެއިންމެންޓް
މިދިޔަ މަހުގެ 31 ގައި ރިލީޒްކުރި ފިލްމުގެ 20 ޝޯ މިހާރު ހައުސްފުލް ވެފައިވާ އިރު މިހާތަނަށް ދައްކާފައި ވަނީ މުޅިން ވެސް ހައުސްފުލް ޝޯ ތަކެވެ. މާލޭގެ އިތުރުން ރާއްޖޭގެ ގިނަ ރަށްރަށުގައި ބޮސް އަޅުވަމުން އަންނަ އިރު ގިނަ ރަށްރަށުން ބޮސް އަންނަނީ ރިކޯޑުތައް މުގުރަމުންނެވެ.
ބޮސް އިން ދައްކައިދެނީ، މުއްސަނދި އަންހެން ކުއްޖެއްގެ މުދާގަނޑުގެ މައްޗަށް ގަދަވެގަތުމަށް ބަޔަކު ކުރާ މަސައްކަތެވެ. ކުޑައިރު މަންމަ ނިޔާވެފައިވާ އެ އަންހެން ކުއްޖާ، ބޮސްގެ ލީޑުން ފެނިގެންދާ މަރިޔަމް އައްޒަ (އިބާ) ހަމައެކަނި ބައްޕަގެ ލޯބި ލިބިގެން ބޮޑުވެ، ކުއްލިއަކަށް އެ ބައްޕަ ނިޔާވުމުން ނަފްސާނީ ގޮތުން އޭނާ ކުރިމަތިލާ ހަނގުރާމަ އެވެ.

ދިވެހި ފިލްމު "ބޮސް"ގެ މަންޒަރެއް. މި ފިލްމު އަންނަނީ ދިވެހި ސިނަމާގެ ރިކޯޑުތައް މުގުރަމުން -- ފޭސްބުކް ފޮޓޯ
މީގެ އިތުރުން "ޑިޕްރެޝަން"އިން އަރައިގަތުމަށް އިބާ ކުރިމަތިލާ ގޮންޖެހުން ތަކާއި، އެކަމުގެ ތެރޭގައި ކުރެވޭ މަޖުބޫރީ ކައިވެންޏަކާއި އެ ކައިވެނިން ލިބޭ ހިތްދަތިކަން، އަދި ލޯބިވާ މީހާ ނުލިބުމުން ކުރާ ހިތްދަތި އަސަރު ވެސް ބޮސް ފިލްމުން ފެނިގެންދެ އެވެ.
ބޮސް އަކީ ލޯތްބާއި ހިތާމައިގެ އަސަރުތައް ދައްކުވައިދޭ ފިލްމެއްގެ އިތުރުން، މި ފިލްމުން މުހިންމު މެސެޖެއް ވެސް ދޫކޮށްލަ އެވެ. އެގޮތުން ބޮސް އަކީ ސިއްހީގޮތުން އޮޅުން އަރާފައިވާ ބޮޑު މައްސަލައެއްގެ މައްޗަށް ހަދާފައިވާ އިބްރަތްތެރި ފިލްމެކެވެ.