ސްރީލަންކާގެ މަސްވެރިން އަރަބި ކަނޑަށް ނުކުތުމަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދު ހުރަސްކުރުމުގެ އެއްބަސްވުމެއްގައި ދިވެހި ސަރުކާރުން ސޮއިކޮށްފި އެވެ. ސްރީލަންކާގެ ޑެއިލީ މިރާ ނޫހުގައި ވަނީ މި އެއްބަސްވުމުގައި ސޮއިކުރީ ސްރީލަންކާގެ ޑެޕިއުޓީ އެކްސްޓާނަލް މިނިސްޓަރް ނިއޮމަލް ޕެރޭރާ ދާދިފަހުން ރާއްޖެއަށް ކުރެއްވި ޒިޔާރަތެއްގައި ކަމަށެވެ.

އޭނާގެ ދަތުރުފުޅުގައި ދެ ސަރުކާރުގެ މެދުގައި ގުޅުން ބަދަހިކުރުމުގެ އެއްބަސްވުން ތަކެއްގައި ސޮއިކުރައްވާފައިވާ ކަމަށް ވެސް ނޫސް ބުނެ އެވެ.

"ސްރީލަންކާގެ މަސްވެރިން އަރަބި ކަނޑަށް ކުރާ ދަތުރުގައި ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ނުވަދެ ވޭތޯ ބެލުމަށް އެމީހުން ކުރަން ޖެހެނީ ވަރަށް ދިގު ދަތުރެއް،" ޕެރޭރާ ވިދާޅުވިކަމަށް ޑެއިލީ މިރާގައި ވެއެވެ.

އެ ނޫހުގައި ޕެރޭރާއާ ހަވާލާދީ ބުނެފައިވާ ވާގޮތުން ރާއްޖެއާ ސްރީލަންކާއާ ދެމެދު ސޮއިކުރި އެއްބަސްވުމުގެ ދަށުން ސްރީލަންކާގެ މަސްވެރި އުޅަނދެއް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަނުމުގެ ކުރިން ރާއްޖޭގެ ކަމާބެހޭ ފަރާތްތަކަށް އަންގައިފި ނަމަ ރައްކާތެރިކަމާއެކު ރާއްޖޭގެ ކަނޑުގެ ސަރަހައްދު ހުރަސް ކުރުމުގެ ފުރުސަތު އެއުޅަނދަކަށް ދެވޭނެ އެވެ.
ޕެރޭރާ ވިދާޅުވި ގޮތުގައި ސްރީލަންކާގެ މަސްވެރިން އަރަބި ކަނޑަށް ކުރާ ދަތުރުގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދު ހުރަސް ކުރެވޭ ނަމަ އެމީހުން ތެލަށް ކުރަން ޖެހޭ ހޭދަ ވެސް ކުޑަވެގެންދާނެ އެވެ.

ޕެރޭރާގެ ދަތުރުފުޅުގައި ސްރީލަންކާގެ ޗާންސެރީއެއް އަޅަން ރާއްޖޭން ސްރީލަންކާ ސަރުކާރާ ބިމެއް ހަވާލުކޮށްފައިވާ ކަމަށާއި ލަންކާ ފިޔަވާ ދެން އެ ފުރުސަތު ރާއްޖޭން ލިބުނު ހަމައެކަނި ގައުމަކީ އިންޑިޔާ ކަމަށް ވެސް ޑެއިލީ މިރާގައި ވެއެވެ. އަދި އެ ދަތުރުގައި ފިރިމީހާ މަރާލުމުގެ ކުށުގައި ރާއްޖޭގެ ޖަލުގައި ހުރި ލަންކާ އަންހެނަކު އަނބުރާ ސްރީލަންކާއަށް ފޮނުވައި ދިނުން ރާއްޖެއިން ހަމަޖައްސައިދީފައިވާ ކަމަށް ވެސް ނޫސް ބުނެ އެވެ.

ރާއްޖެއަށް ވަގަށް ވަދެގެން ހިފަހައްޓާފައިވާ ލަންކާގެ ހަތް މަސްބޯޓެއް ރާއްޖެއިން ވަނީ ދޫކޮށްލާފަ އެވެ.