19 Nov 2017, 15:53
މޫދާ ވަކިވެ، ދޮނޑުދޮށުގެ ދޮވެލިގަނޑުގެ މެދުގައި ބޮޑު ފެންގަނޑެއް ހެދިފައި އޮތުމަށް ކިޔައި އުޅެނީ "ބީއްސާވެލި"ލުމެވެ. "ބިއްސާވެލި" މި ބަސް ފުވައްމުލަކަށް ހާއްސަވެދާނެ އެވެ. ރާއްޖޭގެ އެހެން ރަށްތަކާ ހިލާފަށް ގުދުރަތީ ރީތިކަމެއް ލިބިފައިވާ ފުވައްމުލަކު ސިޓީގައި ބީއްސާވެލިލުމަކީ އާންމު ކަމެއް ނޫނެވެ. ވަރަށް މަދުން ނޫނީ ނުވާ ކަމެކެވެ.
މިދިޔަ އަހަރުގެ ތެރޭގައި އެ ރަށުގައި ދެ ފަހަރެއްގެ މަތިން ބިއްސާވެލި ލާފައިވެ އެވެ. ނަމަވެސް މިއަހަރު އެރަށުގައި ބިއްސާވެލި ލީ މިއީ ފުރަތަމަ ފަހަރެވެ.
ފުވައްމުލަކަކީ ބިޔަ ރާޅުތައް ބިންދާ ރަށަކަށްވުމުން، އެރަށުގެ ކުޑަކުދިން މޫދަށް އެރުން ވަނީ ބިރުވެރި ކަމަށްވެފަ އެވެ. ނަމަވެސް ބިއްސާވެއްޔާ އެކު ކުދިބޮޑު އެންމެނަށް މިވަނީ އުފާވެރިކަން ގެނެސްދީފަ އެވެ. ބިޔަ ރާޅާއި މޫދުގެ ގަދަ އޮއިގެ ބިރުވެރި ކަމެއް ނެތި، ގުދުރަތީ ސުވިމިން ޕޫލެއްގެ ތެރޭގައި މަޖާ ނަގަންވީ އެވެ.

ބީއްސާވެލީގައި ތުއްތު ކުދިންތަކެއް: ހަފްތާ ބަންދާ ދިމާވުމުން އެތައް ބަޔަކު ބީއްސާވެއްޔަށް އެރިލަންދިޔަ-- ފޮޓޯ/ އަހުމަދު
ބިއްސާވެލިލުން ހަފްތާ ބަންދާ ދިމާވުމަކީވެސް އާއިލާތަކުގެ އުފާވެރިކަން އިތުރަށް ގެނެސްދިން ކަމެކެވެ. އާއިލާގެ ގިނަ މެމްބަރުންނަށް އެކީގައި ތުނޑިއަށް ގޮސް އެތަން ބަލާލައި އެތަނަށް އެރި މަޖާކުރުމުގެ ފުރުސަތު މިވަނީ ފަހިވެފަ އެވެ.
ފުވައްމުލަކު ރައްޔިތެއް ކަމަށްވާ މުހައްމަދު ތާރިގު 'ސަން'އަށް ކިޔައިދިން ގޮތުގައި މިއަހަރު އެންމެ ފަހަރަކު ބިއްސާވެލި ލީ ކަމުގައިވިޔަސް، މިއަހަރު ލާފައިވާ ބިއްސާވެލި މިދިޔަ އަހަރަށްވުރެ ބޮޑުވެފައި ފުން ކަމަށެވެ.
ފުވައްމުލަކު ސިޓީ ކައުންސިލްގެ ރައީސް އަބްދުﷲ ފަލާހް ޝަރީފް ވިދާޅުވީ، މީގެ ދެ ދުވަސް ކުރިން ބިއްސާވެލި ލާފައިވާއިރު، ކުޑަކުދިންނާއި ބޮޑެތި މީހުން އެތަން ބަލަންގޮސް، އެތަނަށް އެރި ހަދާ ކަމަށެވެ.
ބިއްސާވެއްޔަކީ؟
ބިއްސާވެއްޔަކީ، އެތެރޭގައި މޫދު އޮވެގެން ބޭރުން ވެލީގެ ތޮއްޓެއް ލެވިފައި އޮންނަ އޮތުމަށް ކިޔާ ނަމަކެވެ. ބިއްސާވެލީގެ ތިން ބާވަތެއް ހުންނަ އިރު، އެންމެ އާއްމު ބާވަތަކީ، ވެލި ބިއްސާވެއްޔެވެ.

ފުވައްމުލަކު ތުނޑީގައި ބިއްސާވެލި ލާފައި --- ފޮޓޯ/ ފުވައްމުލަކު ސިޓީ ކައުންސިލް
"ވެލި ބިއްސާވެއްޔަކީ ތަންކޮޅެއް ތިލަކޮށް އަޑީގައިވެސް ވެލިގަނޑު އޮވެފަ ލޮނުގަނޑު އޮންނާނީ. ބޭރުން ވެލިލާފަ،" ބިއްސާވެއްޔާ ބެހޭ ގޮތުން އެރަށުގެ މީހަކު ސަން އަށް ކިޔައިދިނެވެ.
މިފަހަރު ވެސް އެރަށުގައި ލާފައިވަނީ އެ ބާވަތެވެ. އަނެއް ދެ ވައްތަރަކީ، ފަރުބިއްސާވެއްޔާއި ކަނޑުބިއްސާވެއްޔެވެ. ފަރުބިއްސާވެލި އެންމެ ފަހުން ލާފައިވަނީ 1993 ވަނަ އަހަރު އެވެ. އަދި ކަނޑުބިއްސާވެލި ލާފައިވަނީ، މީގެ 88 އަހަރު ކުރިން 1929 ވަނަ އަހަރުގަ އެވެ.

ފުވައްމުލަކު ބީއްސާވެލި: ހަފްތާ ބަންދާ ދިމާވުމުން އެތައް ބަޔަކު ބީއްސާވެއްޔަށް އެރިލަންދިޔަ-- ފޮޓޯ/ އަހުމަދު