05 Aug 2011, 23:52
ޖޫބާ (ޖުލައި 5) : ފަލަސްތީނުގެ މިނިވަން ދައުލަތަށް ތާއީދުކޮށް އދ. ގައި ވޯޓު ދޭނެކަން ދާދިފަހުން އުފެއްދި ދެކުނު ސޫދާނުގެ ދައުލަތުން ހާމަކޮށްފިއެވެ.
ދެކުނު ސޫދާނުގެ ޚާރިޖީ ވަޒީރުގެ ނައިބު ދާނީ އަލާޔޫން ވިދާޅުވީ ފަލަސްތީނަކީ ދެކުނު ސޫދާނަށް އިޢްތިރާފްވާ ޤައުމެއް ކަމަށާ އެހެންކަމުން ދެކުނު ސޫދާންވެސް ފަލަސްތީނުގެ ދައުލަތަށް އިޢްތިރާފްވާނެ ކަމުގައެވެ. އޭނާ ވިދާޅުވީ ފަލަސްތީނުގެ މިނިވަން ދައުލަތަށް އިޢްތިރާފް ވުމުގެ މައްސަލަ އަންނަ ސެޕްޓެމްބަރ މަހު އދ. އަށް ވެއްދުމުން ދެކުނު ސޫދާންގެ ސަރުކާރުން ފަލަސްތީނުގެ މިނިވަން ދައުލަތަށް އިޢްތިރާފްވެ މިނިވަން ދައުލަތެއްގެ ގޮތުގައި އދ. ގައި ފަލަސްތީނު ބައިވެރި ކުރުމަށް ތާއީދުކޮށް ވޯޓުދޭނެ ކަމުގައެވެ.
ދެކުނު ސޫދާނަކީ އެފްރިކާގެ ޢަރަބި އިސްލާމީ ޤައުމެއް ކަމަށްވާ ސޫދާން ދެބައިކުރުމަށްފަހު އެޤައުމުގެ ދެކުނު ސަރަޙައްދުގެ އެފްރިކާ ދަރިކޮޅުގެ ނަސާރާއިންނަށް ޚާއްސަކޮށްގެން ސޫދާނުގެ ރުހުމާއެކު އދ. މެދުވެރިވެގެން އުފެއްދި ދައުލަތެކެވެ. މި ދައުލަތް ވުޖޫދަށް އައިސްފައިވަނީ މިދިޔަ ޖުލައިމަހުގައެވެ.
ފަލަސްތީނުގެ މިނިވަން ދައުލަތް ޤަބޫލުކުރުމަށް އަންނަ ސެޕްޓެމްބަރމަހު އދ. ގައ ނެގުމަށް ހަމަޖެހިފައިވާ ވޯޓުގައި ދެކުނު ސޫދާންގެ ވޯޓު ފަލަސްތީނާ އިދިކޮޅަށް އަނބުރާލުމަށްޓަކައި އިސްރާއީލުން ދެކުނު ސޫދާނަށް ފައިސާއާއި ފަންނީ އެހީ ރިޝްވަތުގެ ގޮތުގައި ދެމުން ގެންދާކަމުގެ ޚަބަރުތަކެއް ދާދިފަހުންވަނީ ފެތުރިފައެވެ.
އިސްރާއީލުން ދެކުނު ސޫދާނާ މާބޮޑަށް ގާތްވެ އެޤައުމަށް މާލީ ގޮތުންނާއި ދަނޑުވެރިކަމާއި ޑަކްޓަރީ ކަމުގެ ރޮނގުތަކުގައި އެހީތައް ހުށަހަޅަމުން ގެންދެއެވެ. ނަމަވެސް މިކަމާ ދެކުނު ސޫދާނުން ފަލަސްތީނުގެ ޙައްޤުތަކަށް ދޭ ތާއީދާ ގުޅުމެއް ނުވާނެ ކަމަށް ދެކުނު ސޫދާނުގެ ވެރިރަށް ޖޫބާގައި ޝާއިޢުކުރެވުނު މީޑިޔާ ރިޕޯޓެއް ބުނެއެވެ.
އިސްރާއީލުގެ އިތުރުން ޢަރަބި އިސްލާމީ ޤައުމުތަކުގެ އެހީވެސް ދެކުނު ސޫދާނަށް ބޭނުންވާތީ އިސްރާއީލުގެ ކޮޅަށްޖެހި ހުސްވުމަކީ ދެކުނު ސޫދާނުގެ ސިޔާސަތަކަށް ނުވާނެ ކަމަށް އެޤައުމުގެ ބައެއް ނޫސްވެރިން ބުނެފައިވާއިރު އިސްރާއީލާއެކު ބާއްވާ ގުޅުންތަކާ ފަލަސްތީނުގެ ޙައްޤުތަކަށް ކުރާ ތާއީދާ ނުގުޅުވާނެ ކަމަށް ދެކުނު ސޫދާންގެ މަސްއޫލުވެރިއަކު ދާދިފަހުން ވަނީ ވިދާޅުވެފައެވެ. -- ރޮއިޓާސް، އަލްޖަޒީރާ